"ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" އަކީ ސަރުކާރުގެ ވަރަށް ހިތްވަރުގަދަ ނިންމުމެއް: ސާޖިދާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
"ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" އަކީ ސަރުކާރުގެ ވަރަށް ހިތްވަރުގަދަ ނިންމުމެއް: ސާޖިދާ

ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމަށް ސަރުކާރުން ނިންމެވި "ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" އަކީ ވަރަށް ހިތްވަރުގަދަ އަދި ތާރީޚީ ނިންމުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އަދި މިއީ މުޖުތަމަޢުގައި އޮތް ނުރަނގަޅު އާދައަކުން ޖީލެއް ސަލާމަތްކުރުމުގެ ވަރަށް މުހިންމު ފެށުމެއް ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

މިއަދުން ފެށިގެން ރާއްޖޭގައި މި ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ ތަންފީޒުކުރަން ވަނީ ފަށާފައެވެ. މި ނިންމުމުގެ ދަށުން، 2007 ވަނަ އަހަރުގެ ނޮވެމްބަރު 1 އިން ފެށިގެން އުފަންވެފައިވާ އަދި މިހާރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާވާނެއެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވީ، ސަރުކާރުގެ މި ނިންމެވުމަކީ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ނިންމެވި ވަރަށް ތާރީޚީ ނިންމެވުމެއްކަމަށެވެ. ސިއްޙީ ދުޅަހެޔޮކަމަށް ވަކާލާތުކުރާ މީހެއްގެ ޙައިސިއްޔަތުން، ސަރުކާރުގެ މި ނިންމެވުމަށް މަރުޙަބާކިޔާކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ، މިއީ ބޮޑެތި ބަލިތަކުން ހުށައެޅުމުގެ ހިރާސްތައް ކުޑަކޮށް، ސިއްޙަތު ރަނގަޅު ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ ވަރަށް މުހިންމު ފެށުމެއްކަމަށެވެ. "މިއީ ވަރަށް ވަރުގަދަ ނިންމެވުމެއްކަމަށާއި ދިރާސާތަކާއި ތަފާސްހިސާބުތަކުގެ އަލީގައި މިކަން ކުރެވިގެންދިއުމަކީ، މީގެ ނަތީޖާ ވަރަށް ރަނގަޅަށް ފެނިގެންދާނެކަމެކެވެ،" ސާޖިދާ ވިދާޅުވިއެވެ.

ފަސްޓް ލޭޑީ ވިދާޅުވީ، މިއީ މުޅި ރާއްޖެވެސް އެކަމަށް ފަޚުރުވެރިވާފަ ދުވަހެއްކަމަށާއި، މިފަދަ ހިތްވަރުގަދަ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އާންމު ސިއްޙަތަށް ދާއިމީ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

މިއަދު އޮންލައިން