ފުވައްމުލަކާއި، ލ. ފޮނަދޫ (ގަމު ރީޖަނަލް ހޮސްޕިޓަލް) އަދި ފ. ނިލަންދޫގައި ހުންނަ ހޮސްޕިޓަލްތަކުގެ އައު އިމާރާތްތައް ތަރައްޤީކުރުމަށް، އެ ހޮސްޕިޓަލްތަކުގެ ޑިޒައިން މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް މާލީ ކަންކަމާ ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އިޢުލާނުކޮށްފިއެވެ.
މި މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސް.އެފް.ޑީ) ގެ އެހީގައި ހިންގަމުންދާ "ހެލްތް ސެކްޓަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ދަށުންނެވެ.
މި ޕްރޮޖެކްޓްގެ ދަށުން ތަރައްޤީކުރާ ތިން ހޮސްޕިޓަލަކީ ޏ. އަތޮޅު ހޮސްޕިޓަލް (ފުވައްމުލައް)، ގަމު ރީޖަނަލް ހޮސްޕިޓަލް (ފޮނަދޫ) އަދި ނިލަންދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލެވެ. މި ތިން ހޮސްޕިޓަލްގެ އައު އިމާރާތްތައް ޑިޒައިންކުރުމުގެ މަސައްކަތަކީ ސިއްޙީ ޚިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މާލީ ކަންކަމާ ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އިޢުލާނުކޮށްފައިވާ ގޮތުގައި، މި މަސައްކަތަށް ހޯދާ ކޮންސަލްޓަންޓްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސަރވޭތައް ހެދުމާއި، ފުރަތަމަ މަރުޙަލާގެ ކުރެހުންތައް ތައްޔާރުކުރުން ހިމެނެއެވެ. މީގެ އިތުރުން، ބީލަމަށް ހުޅުވާލުމުގެ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ތިމާވެއްޓަށް ގެއްލުންވާ މިންވަރު ބަލާ ރިޕޯޓް (އީ.އައި.އޭ) ތައްޔާރުކުރުމުގެ މަސައްކަތް ވެސް ކޮންސަލްޓަންޓުން ކުރަންޖެހޭނެއެވެ. އަދި ޑީޓެއިލް ޑިޒައިން ރިވިއުކުރުމާއި، ކޮންޓްރެކްޓަރުގެ މަސައްކަތްތައް ރިވިއުކުރުމުގެ މަސައްކަތްތައް ވެސް ހިމެނެއެވެ.
މި މަސައްކަތަށް ކޮންސަލްޓަންޓެއް ހޮވާނީ ސައުދީ ފަންޑްގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް ވުޒާރާއިން ބުނެއެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ޝަޢުގުވެރިކަން ފާޅުކުރުމަށް (އެކްސްޕްރެޝަން އޮފް އިންޓެރެސްޓް) ހުޅުވާލާފައިވާއިރު، އެ ފުރުޞަތު އޮތީ ޑިސެމްބަރު 4 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ.