ޓޮބޭކޯ ބޭން ސިޔާސީ ކަމެއްގެ ގޮތުގައި ނުދެކި، އެންމެން އެކުގައި މަސައްކަތްކުރުމަށް ތައުލީމީ ވަޒީރު ގޮވާލައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 49ސ
ޓޮބޭކޯ ބޭން ސިޔާސީ ކަމެއްގެ ގޮތުގައި ނުދެކި، އެންމެން އެކުގައި މަސައްކަތްކުރުމަށް ތައުލީމީ ވަޒީރު ގޮވާލައްވައިފި

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު، "ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" އަކީ ސިޔާސީ ކަމެއްގެ ގޮތުގައި ނުދެކި، އެންމެން އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވައިފިއެވެ. މި ނިންމުމަކީ ދުޅަހެޔޮ މުސްތަޤުބަލެއް ބިނާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ތަޢުލީމީ ވަޒީރު ވިދާޅުވީ، މިކަމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވާ ކަމަށާއި، މިއީ ސިޔާސީ ކަމެއްގެ ގޮތުގައި ނުދެކި، ކުރިމަގު ބިނާކުރުމުގެ ފިޔަވަޅެއްގެ ގޮތުގައި ދެކެން ޖެހޭ ކަމަށެވެ. އަދި މި ނިންމުމުގެ ސަބަބުން ބަލިތަކުން ރައްކާތެރިވެ، ދުޅަހެޔޮ އަދި އަޙުލާގަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ކަމަށް ޑރ. އިސްމާޢީލް ޝަފީޢު ފާހަގަކުރެއްވިއެވެ.

މި ނިންމުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަރަށް ބޮޑު ތަޢުރީފެއް ލިބިފައިވާއިރު، ބައިނަލްއަޤްވާމީ ގިނަ ޤައުމުތަކެއްގެ ތާޢީދުވެސް މިކަމަށް ލިބިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. "ކުޑަ ޤައުމަކަށްވެ އޮވެ، ރާއްޖެއިން ނެގި ނިންމުމަކަށް ޤައުމުތަކުން ވަރަށް ޕޮޒިޓިވްކޮށް ވަނީ ބަލައިގެންފައި. ކުޑަ ޤައުމަކުން މިފަދަ ނިންމުމެއް ނިންމާ، ކުރީ ސަފަށް ނިކުތުމަކީ ބޮޑު ފަޚުރެއް. އެހެންޤައުމުތަކުން މިފަދަ ނިންމުންތަކަށް އަންނައިރު ރާއްޖެއަކީ ނަމޫނާއަކަށް ބަލާ ޤައުމަކަށް ވާނެ." ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އެންމެ ފުރަތަމަ ވޭޕް މަނާކުރިއިރުވެސް ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ އިސްވެރިންނާއި ޕީޓީއޭއާ މަޢުލޫމާތު ޙިއްސާކުރެވުނު ކަމަށާއި، އެކަމުގައިވެސް ވަރަށް ބޮޑު ތަޢީދެއް ލިބުނު ކަމަށެވެ. އެ ފަރާތްތަކުން ވެސް މިއީ ކޮންމެހެން މަނާކުރަންޖެހޭ ކަމެއްކަން ފާހަގަކުރެއްވި ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ނިންމުން ކާމިޔާބުކުރުމަށް ތަޢުލީމީ ދާއިރާއިން ކުރަން ހުރި މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، "ތަޢުލީމީ މުޤައްރަރުގެތެރެއިން އަދި ސްކޫލް ފިލާވަޅުތަކުގެތެރެއިން ދަރިވަރުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރާނަން. މި ނިންމުން ތަންފީޒުކޮށް ކާމިޔާބުކުރެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން." މިފަދަ ބޮޑު ނިންމުމެއް ކާމިޔާބުކުރުމަށް އެންމެންގެ އެއްބާރުލުން މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން