ޤައުމަކަށް ސިއްޙީގޮތުން ދުޅަހެޔޮޖީލެއްލިބިފައިވުމަކީ އުފެއްދުންތެރިކަން އިތުރުވެ ތަރައްޤީގެގޮތުން ކުރިއަރާދިއުމަށް ލިބިގެންދާ ފަހިފުރުސަތެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ފާހަގަކުރައްވައިފިއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް މިއަދު ޢަމަލުކުރަން ފެށުމާގުޅިގެން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފައެވެ. އެމަނިކުފާނު ވަނީ މި ނިންމެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ވަޒީރު ސަޢީދު ވިދާޅުވީ ރައީސް މުޢިއްޒުގެ މި ނިންމެވުމަކީ “ތާރީޚީ އަދި ހިއްވަރުގަދަ ނިއްމުމެއް” ކަމަށެވެ.
ދުޅަހެޔޮ ޖީލެއްގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް ކުރާނެ ފައިދާ ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ޤައުމަކަށް ސިއްޙީގޮތުން ދުޅަހެޔޮ ޖީލެއް ލިބިފައިވުމަކީ އެ ޤައުމެއްގެ އުފެއްދުންތެރިކަން އިތުރުވެ، ތަރައްޤީގެ ގޮތުން ކުރިއަރާދިއުމަށް ލިބިގެންދާ ފަހި ފުރުސަތެއް ކަމަށެވެ. މިއީ ދިގު މުއްދަތަށް ޤައުމަށް ފައިދާކުރާނެ ކަމެއްކަން އެމަނިކުފާނު ވަނީ ބަޔާންކުރައްވާފައެވެ.
އަދި ރައްޔިތުން އިންތިޚާބުކުރާ ވެރިންނަކީ ދުރަށް ވިސްނާ، ޢާންމު މަންފާ އިސްކޮށް، ޤައުމީ މަސްލަޙަތު ކުރިއަށް ނެރޭ ބަޔަކަށް ވާންޖެހޭނެ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ. ރައީސް މުޢިއްޒު މިފަދަ އިޖުތިމާޢީ އެތައް ކަމަކަށް އިޞްލާޙީ ފިޔަވަޅު އަޅުއްވަމުން ޤައުމު ބިނާކުރުމަށް ކުރައްވާ ޤައުމީ މަސައްކަތްޕުޅުގައި ކާމިޔާބު މިންވަރުކުރެއްވުމަށް އެދި ވަޒީރު ވަނީ ދުޢާވެސް ކުރައްވާފައެވެ.