މީހުން ދިރިއުޅޭ ފެންވަރަށް ބަލައި އޭނާގެ އަގު ނުކުރާށެވެ! އޭނާއަށްވުރެ ތިބާ ނިކަމެތިނަމަވެސް ﷲ ތަޢާލާގެ ޙަމްރަތުގަ ތިބާގެ އަގު މާބޮޑުވެދާނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
މީހުން ދިރިއުޅޭ ފެންވަރަށް ބަލައި އޭނާގެ އަގު ނުކުރާށެވެ! އޭނާއަށްވުރެ ތިބާ ނިކަމެތިނަމަވެސް ﷲ ތަޢާލާގެ ޙަމްރަތުގަ ތިބާގެ އަގު މާބޮޑުވެދާނެއެވެ!

ބައެއް މީހުންނަސް ތަނަވަސްކަން ލިބި ދުނިޔޭގައި އުފަލުގައި އުޅެވޭތަން ފެނުނީމާ އެއީ ވަރަށް ަމތިވެރި މީހަކުކަމަށް ވިސްނިދާނެއެވެ. އަދި އޭނާފަދަ މީހަކަށް ވުމަށް އެދެވިދާނެއެވެ. ނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫނެވެ. ސަބަބަކީ އޭނާއަކީ ﷲ ތަޢާލާ ލަޢުނަތް ލައްވަވާފައިވާ މީހަކަށްވެސްވެދާނެތީއެވެ. މީހަކަށް ތަނަވަސްކަން ލިބިފައިވީނަމަވެސް ޙަސަދަވެރިނުވާންވީ އެއް ސަބަބަކީވެސް އެއީއެވެ.

މުޢްޖިޒާތްތައް ﷲ ތަޢާލާ ދެއްވަވަނީ ރަސޫލް ބޭކަލުންނަށެވެ. މާތް މުސްލިމުންނަށް ކަރާމާތްތެރިކަން ދެއްވަވަތެވެ. އަދި އާދައާއި ޚިލާފް ބައެއް ބާރުތައް ކާފަރުންނަށްވެސް ދެއްވަވަތެވެ.

ޝައިޚް އަހްމަދު އައްރިފާޢީ ވިދާޅުވެފައިވެއެވެ. "މީހަކު ފިޔަޖަހައި ޖައްވުގައި އުދުހޭތަން ފެނުނު ނަމަވެސް، ކަނޑުގެ ލޮނުގަނޑުމަތީގައި ހިނގާތަން ފެނުނު ނަމަވެސް އޭނާއަކީ އެއްވެސް މަތިވެރިކަމެއް ލިބިފައިވާ މީހަކު ކަމަށް ބަލަން ޖެހޭނީ އެމީހާ، ﷲ ތައާލާ ޙަރާމް ކުރެއްވެވި ކަންތައްތަކާއި އަދި ކުރަން އަމުރުފުޅު ކުރައްވަވާފައިވާ ކަންތައްތަކާއިމެދު ޢަމަލުކުރާ ގޮތް ރަނގަޅަށް ބެލުމަށް ފަހުގައެވެ.

މި ބަސްފުޅުގެ މާނައަކީ މީހާގެ ހުރިހާ މަތިވެރިކަމެއް ގުޅިފައިވަނީ އެމީހަކު ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާ މިންވަރެއްގެ މައްޗަށް ކަމެވެ. އެކަމުގައި ހިމެނެނީ ދެބައެކެވެ. އެއީ ﷲ ތަޢާލާ ޙަރާމް ކުރެއްވެވި އެންމެހައި ކަންކަމާއި ދުރުހެލިވުމާއި ފަރުޟު ކުރެއްވެވި ކަންކަން ފުރިހަމައަށް އަދާކުރުމެވެ. އެއަށްފަހު އޮތީ ﷲ ތަޢާލާ އާއި ކުއްތަންވުމަށް އެމީހަކު އިތުރަށް ކުރާ ކަންކަމެވެ. މާނައަކީ ސުންނަތް އަޅުކަން ކުރާ މިންވަރެވެ.

މާނައަކީ މީހަކީ މާތް، މަތިވެރި މީހެއް ކަމަށް ބަލައި ގަންނަން ޖެހޭނެ މިންގަޑަކީ އެމީހަކު އިސްލާމީ ޝަރީޢާއަށް ޢަމަލުކުރާ މިންވަރުކަމެވެ. އިސްލާމީ ޝަރީޢާ އަށް އަމަލު ނުކުރާ މީހެއްގެ ކިބައިގައި އެއްވެސް މާތްކަމެއްވެސް އަދި މަތިވެރިކަމެއްވެސް ނެތެވެ.

އާދައާއި ޚިލާފް ބައެއް ބާރުތައް ކާފަރުންނަށް ދެއްވަވަނީ އެމީހުންގެ މާތްކަމަކުން ނޫނެވެ. އެމީހުންނާއި ކުރައްވަވާނެ ސުވާލުތައް ވަރުގަދަ ކުރެއްވެވުމަށްޓަކައެވެ. އެފަދަ ބާރުތައް ދެއްވެވުމުންވެސް އަމަލުކުރި ގޮތާއިމެދުގައެވެ. ވީމާ އާދައާއި ޚިލާފް ބާރެއް ލިބިފައިވާ ކޮންމެ މީހަކީ މާތް މީހެއް ކަމަށް ބެލުމެއް ނެތެވެ.

 

ބައެއް މީހުންނަށް މީސްތަކުންގެ ތާއީދުވެސް ދެއްވަވަތެވެ. އެއީ އެމީހަކާއި ހަވާލުކުރައްވަވާ އެންމެ ބޮޑު މަސްއޫލިއްޔަތެވެ. އެވަރުގެ ބޮޑު ނިޢްމަތެއް ދެއްވެވުމުން އެ ނިޢްމަތުގެ ބޭނުން ހިފައި މީސްތަކުން ﷲ ތަޢާލާގެ މަގަށް ގެނައުމަށް ކުރި މަސައްކަތަކާއިމެދު ކުރައްވަވާނެ ސުވާލަކީ ވަރަށް ވަރުގަދަ ސުވާލެކެވެ. ތައްޔާރުވާންވީ އެސުވާލަށް ޖަވާބުދެވޭނެ މީހަކު ކަމަށްވުމަށެވެ.

--ޝައިޚް މުޙައްމަދު އަލް ޔަޢްޤޫބީގެ ދަރުސަކުން

މިއަދު އޮންލައިން