މިއީ އެންމެންވެސް ވިސްނަންޖެހިފައިވާ ކަމެއް! ފާފަފުއްސަވައި ނުދެއްވަވައިފާނެ މީހުން އަންނަނީ ގިނަވަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 14ސ
މިއީ އެންމެންވެސް ވިސްނަންޖެހިފައިވާ ކަމެއް! ފާފަފުއްސަވައި ނުދެއްވަވައިފާނެ މީހުން އަންނަނީ ގިނަވަމުން!

ފުރަތަމަ މިބުނަނީ އަހުރެން ބައިވެރިވި ޖަނާޒާއެއްގައި ހިނގައި ދިއަ ކަމެއްގެ ވާހަކައެވެ. އެއީ 43 އަހަރުގެ ޒުވާނެކެވެ. ވަޅުލައި ނިމިގެން ޤަބުރުސްތާނުން ނުކުމެ ޢާއިލާގެ މީހުންނާއި ބައްދަލުކޮށްލީމެވެ. އެއީ ދަންނަ އެކުވެރިބައަކަށްވާތީ ހިތްވަރު ދިނުމަށެވެ.

މަންމަ ރޮމުން ބުންޏެވެ. "ޝައިޚް އެވެ. އަހުރެން މިރޮނީ ﷲ ތަޢާލާ ދުނިޔެއަށް ފޮނުއްވެވިއ އަޅަކު އެކަލާނގެ ޙަޟްރަތަށް ގެންދެވީތީއެއް ނޫނެވެ. އޭނާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބިދާނެކަމަށް ގަންނަ ބިރު ބޮޑުކަމުންނެވެ. އަޅުގަނޑުމެންވެސް އަދި ޝައިޚްވެސް ދަރިފުޅަށް ދެއްވި އެއްވެސް ނަޞީޙަތަކުން ކުރި ފައިދާއެއް ނެތެވެ. ފުރާނަ އެގެންދެވީ އޭނާކުރަމުން އައި ފާފަތައް ކުރުންމަތީގައި ހުއްޓައި ކަމަށްވާތީއެވެ. ރޭގެ ކުރީރޭވެސް އޭނާކުރާ ކަންކަން ކުރިއެވެ. ގެއަށް އައީ ފަތިސްވާން ކައިރިވެފައި ހުއްޓައެވެ. ފަތިސްނަމާދު ނުކޮށް ނިދީއެވެ. ހުރީވެސް ނަމާދުކުރެވޭ ޙާލަޔތެއްގައި ނޫންކަމުން ނަމާދުކުރާކަށްވެސް ނުބުނަމެވެ. ވީމާ ފުރާނަ ގެންދެވުމުގެ ކުރިން ތައުބާވެވުނުކަން ނުއެނގޭތީއެވެ."

މިއީ މަދުން އަޑުއަހަންޖެހޭ ވާހަކައެއް ނޫނެވެ. ޢުމުރުން ދޮށި އެތައް ބައަކު މަރުވުމުންވެސް އަޑުއަހަންޖެހޭ ވާހަކައެކެވެ. ވީމާ ކަނުލައި އަޑުއަހާށެވެ!

ކިތަންމެ ގިނަ ފާފަތަކެއް އަދި ކިތަންމެ ބޮޑެތި ފާފަތަކެއް ކުރެވިފައިވީނަމަވެސް ތައުބާވާން ބޭނުންވާ މީހަކަށް އެއީ އެއްވެސް ބޮޑުކަމެއް ނޫނެވެ. ކުރަން އެންމެ ފަސޭހަ ކަންތަކެވެ. އެކަން ކޮންމެ މުސްލިމަކަށްވެސް ވަރަށް ރަނގަޅަށް އެނގޭނެއެވެ.

އެހެންކަމާއިއެކުވެސް ބައެއް މީހުން ބޮޑެތި ފާފަތައް ކުރަމުން އެބަ ބުނެއެވެ. "އަހަރެން ފަހުން ތައުބާވެ ހެޔޮ ޢަމަލުކުރާނީއެވެ." އެފަދަ މީހުންނަށް ބުނެލަން އޮތީ ނިކަން މިދެ އާޔަތް ކިޔައިލަބަލާށެވެ! ތައުބާވުމަކީ ތިއަ ވިސްނާގޮތަށް ކުރެވެން އޮތް ކަމެއް ނޫންކަން އެނގޭނެއެވެ.

"ތައުބާ ލެއްވުން اللَّه ގެ حضرة ން އޮތްކަން ކަށަވަރީ، ނޭނގިތިބުމާއެކު ނުބައިކަންތައްކޮށް، ދެން، އެކަންތައް ކުރުމާ ގާތުގައި (ލަސްނުކޮށް) توبة ވެ އުޅޭމީހުންނަށެވެ. ފަހެ، اللَّه، އެއުރެންގެ މައްޗަށް توبة ލައްވަވަތެވެ. އަދި، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ." (އައްނިސާ: 17)

"އަދި، ނުބައިކަންތައް ކޮށްކޮށް ތިއްބާ އެއިންމީހެއްގެ ގާތަށް މަރު އައިސް حاضر ވެއްޖެނަމަ، އެހިނދު ތިމަން މިހާރު توبة ވެއްޖައީމޭ ބުނާ މީހުންނާއި، كافر ން ކަމުގައި ތިބެ މަރުވާ މީހުންނަކަށް توبة ލެއްވުމެއްނެތެވެ. އެއުރެންނަށްޓަކައި ވޭންދެނިވި عذاب ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ." (އައްނިސާ: 18)

މިއާޔަތުން އެނގެން މިދަނީ ފާފަކުރުނަމަތީގައި ހުއްޓާ އެމީހެއްގެ މަރު އައިސް އެމީހަކާއި ބައްދަލުކޮށްފިމީހާ އާއި ކާފިރުންނަށް ތައުބާ ލެއްވެވުމެއް ނެތްކަމެވެ. އެމީހުންނަށްޓަކައި ވޭންދެނިވި ޢަޛާބު ލައްވަވާފައިވާ ކަމެވެ.

ހަމައެއާއިއެކު 17 ވަނައާޔަތް ބަލާށެވެ! ""ތައުބާ ލެއްވުން اللَّه ގެ حضرة ން އޮތްކަން ކަށަވަރީ، ނޭނގިތިބުމާއެކު ނުބައިކަންތައްކޮށް، ދެން، އެކަންތައް ކުރުމާ ގާތުގައި (ލަސްނުކޮށް) توبة ވެ އުޅޭމީހުންނަށެވެ. ފަހެ، اللَّه، އެއުރެންގެ މައްޗަށް توبة ލައްވަތެވެ. އަދި، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ." (އައްނިސާ: 17)

ދެން ނިކަން ބުނެބަލާށެވެ! ފަހުން ތައުބާވާން ފާފަކުރުމުގެ އެއްވެސް ފުރުޞަތެއް އެބަ އޮތް ހެއްޔެވެ؟ މީސްތަކުންނޭވެ! ފަހުން ތައުބާވުމުގެ ވިސްނުމަކީ ކަނޑައެޅިގެން ނުބައި ނުލަފާކަން ބޮޑު ޝައިޠޯނާ ދޭ ވަރަށް ނުބައި ވަސްވާސްތަކެކެވެ. ބިރުވެތިވެ ފާފަކުރުން ވަގުތުން ހުއްޓައިލާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން