އެކުވެރިން ކުރަން ބުނާ ނުވަތަ އެމީހުން ކުރާ ނުބައި ޢަމަލުތައް އަހުރެން ނުކުރާކަމަށް ބުނާ މީހުންނަށް ބުނެލަން އޮތީ އަދި ނުކުރެވުނަސް އެމީހުންނާއިއެކުގައި އުޅޭނަމަ އެމީހުން ކުރާ ކަންކަން ކުރެވުމަކީ އެންމެ ގާތުގައި އޮތް ކަންތަކެވެ. ނުކޮށް ސަލާމަތްވެވޭނީ ހާގަކުން މީހަކަށެވެ.
މިއަދު ގިނަ ބައަކަށް ނުބައި ޢަމަލުތައް ކުރެވެނީ އެމީހުންގެ އެކުވެރިންގެ ސަބަބުން ކަމަށް ބުނެވެން އޮތެވެ. ރަނގަޅަށް އުޅެން މީހަކު މަސައްކަތްކުރާނަމަ އެކަމަށް ފުރަތަމަވެސް ހުރަސް އަޅަނީ އެކުވެރިންގެ ތެރެއިން ކޮންމެވެސް ބައެކެވެ. މަލާމާތާއި ފުރައްސާރަކުރަނީވެސް އެމީހުންނެވެ.
ފާފަކުރެވިދާނެތީ އަހަރެމެން އެންމެންވެސް ބިރުގަންނަމުއެވެ. ފާފަކުރެވިދާނެތީ ބިރުގަންނަފަދައިން ނުބައި އެކުވެރިންނާއިމެދު ބިރުގަންނަން ޖެހޭނެއެވެ. ނުބައި އެކުވެރިން ގެންގުޅެވޭނަމަ، އެމީހުންނާއިއެކުގަ އުޅެވޭނަމަ އެމީހުން ކުރާ ޒާތުގެ ކަންކަން ކުރެވުމާއި އެމީހުން ކުރާ ކަންކަމުގައި ބައިވެރިވެވުން އޮންނާނީ ދާދި ގާތުގައެވެ.
އަދި ކީއްހެއްޔެވެ؟ އެއީ ދިރިއުޅުމަށްވެސް ވަރަށް ނުބައި އަސަރުތައް ކުރާ ކަމެކެވެ. ޢާއިލީ ދިރިއުޅުން ބަރުބާދުވެގެންދާ ކަމެއްވެސްމެއެވެ. ވީމާ އެމީހާގެ މުޅި ދިރިއުޅުމަށްވެސް އެކަމުގެ އަސަރުކުރާނެއެވެ.
އެކުގައި އުޅެން ހެޔޮލަފާ އެކުވެރިން އިޚްތިޔާރު ނުކުރެވިއްޖެނަމަ އެކަމުގެ ގެއްލުން އެމީހަކަށް ކުރެއެވެ. އެކި މީހުންނަށް އެކިވަރަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
"ނުބައި މީހަކު ތިބާގެ އެކުވެރިއަކަށް ނުހަދާށެވެ. ތިބާގެ ކިބައިގައި ހުރި ހެޔޮކަން ދާދި އަވަހަށް ނެތި ހިނގައިދާނެއެވެ. އެފަދަ މީހަކާ އެކުވެރިކަން ބޭއްވުނަތީ ޤިޔާމަތް ދުވަހުން ހިތާމަކުރަން ޖެހިދާނެއެވެ."
- ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް