މިއަދު ތިއަކުރާ ފާފަތަކުން ލިބޭ ކުޑަކުޑަ އަރާމަށް ދަހިވެތިވާ މީހުންގެ ގައިގަ ނަރަކައިގެ ދިލަ ބީހިލާ ހިސާބުންވެސް ކުރެވުނު ފާފަތައް ވިސްނި މޮޔަވާނެކަން ހަމަ ނުވިސްނެނީ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 9ސ
މިއަދު ތިއަކުރާ ފާފަތަކުން ލިބޭ ކުޑަކުޑަ އަރާމަށް ދަހިވެތިވާ މީހުންގެ ގައިގަ ނަރަކައިގެ ދިލަ ބީހިލާ ހިސާބުންވެސް ކުރެވުނު ފާފަތައް ވިސްނި މޮޔަވާނެކަން ހަމަ ނުވިސްނެނީ ހެއްޔެވެ؟

އަހުރެންގެ މިރޭގެ ވާހަކަކޮޅު ފަށާނީ އެންމެ ގިނަބައަކަށް އެންމެ ގިނައިން ކުރެވޭ ފާފައިންނެވެ. އެއީ ފާޙިޝް ޢަމަލުތައް ކުރުމެވެ.  

ނިކަން ބުނެބަލާށެވެ! ފާޙިޝް ޢަމަލުތައް ތިއަކުރަނީ ޙަލާލް ބައިވެރިޔާގެ ކިބައިން ނުލިބޭ ކޮން އުފަލެއް ލިބޭތީ ހެއްޔެވެ؟ ކޮން އުފަލެއް އިތުރަށް ލިބޭތީ ހެއްޔެވެ؟ އުފާ ހޯދަން ކުރަނީ ހަމަ އެއްކަމެކެވެ. ހަމައެކަނި ލިބޭނެ އުފަލަކީ އިތުރު މީހަކާއެކު ގުޅުން ހިންގޭ ކަމެވެ. އެކަމުން ލިބޭ އުފަލަށް ބަލައިފިނަމަ އަހުރެންގެ ކުރިމަތީގައި ހަމަ ސުމެކެވެ. އެއީ އެކަމުގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައިވެސް ކުރަންޖެހޭނެ ހިތާމަ އެތައްހާސް ގުނައަކަށް ބޮޑުވެގެންދާނެތީއެވެ.  

"ކަލޭގެ ތިޔަ ކާފިރުކަމާއެކު ކުޑަދުވަސްކޮޅަކަށް ދުނިޔޭގައި އަރާމު ކުރާށެވެ! ހަމަކަށަވަރުން، ކަލޭވަނީ ނަރަކައިގެ އަހުލުވެރިންގެ ތެރެއިންނެވެ." 

އައްޒުމަރު ސޫރަތުގެ 7، 8 މިދެ އާޔަތަށް ވިސްނައިލި ނަމަވެސް ބއްދި ސަލާމަތުން ހުރި މީހެއްގެ ހިތް ބިރުން ފުރިގެންދާނެއެވެ.  

"ތިޔަބައިމީހުން كافر ވާނަމަ، ފަހެ ﷲއީ، ތިޔަބައިމީހުންގެ ކިބައިންދުރުވެ، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެ އަޅުން كافر ވުމަކަށް އެކަލާނގެ ނުރުއްސަވަތެވެ. އަދި ތިޔަބައިމީހުން شكرކުރާނަމަ، އެކަލާނގެ އެކަމަށް ތިޔަބައިމީހުންނަށް ރުހިވޮޑިގެންވެއެވެ. އަދި ފާފަވެރި އެއްވެސް نفس އެއް އެހެން نفس އެއްގެ ފާފައެއް ނުއުފުލާނެތެވެ. ދެން ތިޔަބައިމީހުން رجوعވާ ހުށީ،ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކުގެ خبرތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ހިތްތަކުގައިވާހާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އައްޒުމަރު: 7) 

މިއަދު ގިނަ ބައަކު މިވަނީ ތަފާތު މައްސަލަތައް ކުރިމަތިވެ އިންތިހާއަށް ކަންބޮޑުވުމުގެތެރޭގައެވެ. ޞިއްޙީ، މާލީ އެެހންގޮސް ކިޔާނެ ކަމެއް ނެތެވެ. ކޮންމެވެސް ބޮޑު މުޞީބާތެއް ކުރިމަތިވެފައި ނުވާ މީހަކު ނެތްކަމަސް ބުނެވޭނެ ޙާލަތަށް ކަންކަން މިވަނީ ގޮސްފައެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ 

ސަބަބަކީ: "ތިޔަބައިމީހުން ކާފިރުވާނަމަ، ފަހެ ﷲއީ، ތިޔަބައިމީހުންގެ ކިބައިންދުރުވެ، ފުދިވޮޑިގެންވާ ރަސްކަލާނގެ" ކަމުގައިވާތީއެވެ. އަހަރެމެންް ނުކިޔަމަންތެރިވަނީ ފާފަކުރަނީއެވެ. ވީމާ ﷲ ތަޢަލާ އަހަރެމެންނާއި ދުރުވެވޮޑިގަންނަވަނީއެވެ.  

"އިންސާނާއަށް އުނދަގުލެއްޖެހޭހިނދު (އެކަމެއް ފިއްލަވާތޯ) އޭނާގެ ވެރިރަސްކަލާނގެ حضرة އަށް ރުޖޫޢަވެ ދުޢާ ކުރެތެވެ. ދެން، އޭނާއަށް نعمة އެއް ދެއްވައިފިނަމަ، އެފަރާތަކަށް އޭނާ دعاء ކޮށް އުޅުނުފަރާތް (އެބަހީ: ﷲ) ހަނދާން ނައްތައިލައެވެ. އަދި ﷲ އަށް شريك ންތަކެއްލައެވެ. އެއީ އެކަލާނގެ މަގުން (މީހުން) ފުރެއްދުމަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭގެ ތިޔަ ކާފިރުކަމާއެކު ކުޑަދުވަސްކޮޅަކަށް ދުނިޔޭގައި އަރާމު ކުރާށެވެ! ހަމަކަށަވަރުން، ކަލޭވަނީ ނަރަކައިގެ އަހުލުވެރިންގެ ތެރެއިންނެވެ." (އައްޒުމަރު: 8) 

ވަރަށް ކުޑަކުޑަ މިސާލެއް ބުނެލާނަމެވެ. ކޮވިޑުގެ ޙާލަތު ނުރައްކާވެ ކޮންޓްރޯލްނުވެ މީހުންތައް މަރުވާން ފެށުމުން ދުޢާކޮށްދިނުމަށް މުސްލިމުންގެ ކިބައިން އެދެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދެއެވެ. ލުޔެއް ލިބޭއިރަށް އެއީ ޑޮކްޓަރުންނާއި ވެކްސިންގެ މޮޅުކަމުން ވީކަމެއްކަމަށް އެބަހަދައެވެ.

މީސްތަކުންގެ ޙާލުހުރީ މިފަދައިންނެވެ. ކިތަންމެ ކުޑަކުޑަ ކަމަކަށް ދަތިވި ނަމަވެސް އަޅުކަންކޮށް ދުޢާކުރެއެވެ. ބޭނުންވިކަންކަން ޙާޞިލުވާއިރަށް ޢަމަލުތައް ކުރިއަށްވުރެ ނުބައިވެއެވެ. އެންމެ ކުޑަމިނުން ބަންގީގެ އަޑުވެސް އިވޭކަމަކަށް ނުވެއެވެ. 

މީސްތަކުންނޭވެ! ޢަމަލުތައް އިޞްލާޙްކުރާށެވެ! ތައުބާވުމަށް އަވަސްވެގަންނާށެވެ! ޝުކުރުވެރިވާ އަޅުންކަމުގައިވާށެވެ! ﷲ ތަޢާލާގެ ވަޙީބަސްފުޅު މިއޮތީއެވެ. "-- ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭގެ ތިޔަ ކާފިރުކަމާއެކު ކުޑަދުވަސްކޮޅަކަށް ދުނިޔޭގައި އަރާމު ކުރާށެވެ! ހަމަކަށަވަރުން، ކަލޭވަނީ ނަރަކައިގެ އަހުލުވެރިންގެ ތެރެއިންނެވެ."  

ދުނިޔެވެސް އާޚިރަތްވެސް ކާމިޔާބުކުރެވޭނީ ﷲ ތަޢާލާގެ މިފަދަ އިންޒާރުގެ ބަސްފުޅުތަކަށް ބިރުވެތިވެވިގެންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން