ވަރިގިނަވުމުގެ މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރުމަކީ މިއަދު ކުރަންޖެހިފައިވާ އެންމެ ބޮޑު މަސައްކަތެވެ. އެންމެ ބޮޑު އެއް ސަބަބަކީ ކައިވެނި ރޫޅުމުން އެހިސާބުން އެކަން ނުނިމޭކަމެވެ. ދަރިންނަށް ލިބޭ ނިކަމެތިކަމެވެ. ދަރިން ބާކީވެ މުޖުތަމަޢުގެ ތެރެއަށް ގިނަވަމުން އަންނަ ކަމެވެ. ކައިވެނި ރޫލެން ދިމާވާ މައްސަލަތަކުގެ ވާހަކަދައްކަން ޖެހެނީ އެފަދަ އެތައް ސަބަބުތަކެއް ހުރުމުންނެވެ.
ބައިވެރިޔާދެކެ ފޫހިވެ ވަރިވާން ބޭނުންވެގެން ލަފާހޯދަން އަންނަ އަންހެނުންގެ ވާހަކަތައް އަޑުއެހުމުން އެނގޭ އެއްކަމަކީ ކާންބޯންދީ މާއްދީ އެހެން ބޭނުންތައް ފުއްދައިދިނަސް އެމީހުންނަށް ނުފުދޭކަމެވެ. އެމީހުންގެ ނަފުސަށް ބޭނުންވާ ކަންތައްތަކެއް ހުންނަކަމެވެ. އެކަންކަމަށް ފިރިންނަށް ސަމާލުކަން ނުދެވޭކަމެވެ.
އެގޮތުން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ ދެމީހުން ގުޅުން ހިންގުމަށްފަހު ވަޤުތުން ފިރިމީހާ އެމީހުންނާއި ދުރުހެލިވާކަމެވެ. ގިނަ އަންހެނުން ބޭނުންވަނީ އެގޮތެއް ނޫނެވެ. ކުޑަ ވަޤުތުކޮޅަކަށް ނަމަވެސް އެމީހުންނާއި ވަކިނުވެ ލޯބިލިބެން ބޭނުންވާ ކަމެވެ.
އެކުވެރިންނޭވެ! މިހުންނަނީ ވިސްނާލައިފިނަމަ ވަރަށް ފަސޭހައިން ޙައްލުކުރެވެން ހުރި ކަންކަމެވެ. މުހިންމީ ބައްދައި އޮޅުލުމެއް ނޫނެވެ. އެކަކު އަނެކަކަށް ލޯބިދިނުމެވެ. އަޅައިލުން ދިނުމެވެ. އަނެކާ ބޭނުންވާ ގޮތަށް އޭނާއާއިއެކު ގުޅުން ބެހެއްޓުމެވެ. އެކަންކަން އެގޮތަށް ނުކުރެވޭނަމަ އެމީހަކު ވާނީ އަމިއްލަ އެދުން ބޮޑު ދަހިމީހަކަށެވެ. އަނެކާގެ އިޙްޞާޞްތަކަށް އިޙްތިރާމް ނުކުރެވޭ މީހަކަށެވެ. ނަތީޖާއަކަށްވާނީ ފޫހިވާންފެށުމެވެ. ފޫހިވާންފެށީމާ ދިމާވާ ކުދިކުދި މައްސަލަތައް ދާނީ ބޮޑުވަމުންނެވެ.
މިޙާލަތުގައި ފާހަގަކުރެވޭނީ ގުޅުންހިންގުމުގައި ކުރިން ބުނި ފަދަ މައްސަލަތަކެއް ނޫނެވެ. ދެން ދިމާވާ މައްސަލަތަކެވެ. ނަމަވެސް މައްސަލަތަކުގެ އަޞްލަކަށްވެފައި އޮންނަނީ ކުރިން މިބުނި މައްސަލައެވެ. ކޮންމެ ކަމެއްވެސް ކުރަންވީ ރިވެތި އަޚްލާޤުގެ ތެރެއިންނެވެ. އަހުރެން މިބަޔާންކުރީ ދެމަފިރިން ގުޅުން ހިންގުމުގައި ޢަމަލުކުރަންޖެހޭ ރިވެތި އަޚްލާޤީ ސިފައެކެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން