ތިބާ މިކަންކަމަށް ވިސްނައިފިނަމަ އެންމެ ފާފައެއްވެސް ނުކުރެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ތިބާ މިކަންކަމަށް ވިސްނައިފިނަމަ އެންމެ ފާފައެއްވެސް ނުކުރެވޭނެ! އިން ޝާ ﷲ

ތިބާ މީހަކު ދެކެ ވަރަށް ބޮޑަށް ލޯބިވާނަމަ އޭނާ ނުރުހޭނެ އެއްވެސް ކަމެއް ކުރާނަން ހެއްޔެވެ؟ ހަމަ ޔަޤީނުންވެސް ނުކުރާނެއެވެ. އަބަދުވެސް ހުންނާނީ އޭނާ ތިބާ ދެކެ ރުޅިއަތުވެދާނެ ކަމުގެ ބިރަށެވެ. ތިބާ އާއި ވަކިވެދާނެތީ ބިރުންނެވެ. މިއީ ދުނިޔޭގެ އެންމެން ޤަބޫލުކުރާ ކަންކަމެވެ. 

އެހެންވީއިރު ތިބާ އެންމެ ބޮޑަށް ލޯބިވަނީ ﷲ ތަޢާލާގެ ޙަޟްރަތަށް ކަމަށް ބުނަމުން ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކަންކަން ކުރަން ބިރުނުގަންނަނީ ކީއްވެގެން ހެއްޔެވެ؟ ފާފަކުރަން ބިރުނުގަންނަނީ ކީއްވެގެން ހެއްޔެވެ؟ އެކަމުން އަންގައިދެނީ ތިބާ ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވާކަމަށް ބުނި ނަމަވެސް އެއީ ޙަޤީޤަތެއް ނޫންކަމެވެ. 

ދެން އޮތީ ﷲ ތަޢާލާގެ ޙަޟްރަތަށް ކިތަންމެ ލޯބިވާ މީހަކަށްވެސް ފާފައެއް ކުރެވިދާނެއެވެ. މިފަދަ ގޮތަކަށް ޙާލަކުން ފަހަރަކު ފާފައެއް ކުރެވޭ މީހުންނަކީ ފާފަކުރާ މީހުން ކަމަށް މާނަކޮށްގެން ނުވާނެއެވެ. އެފަދަ މީހުންނަށް ކިޔަންޖެހޭނީ ފާފަކުރެވޭ މީހުންނެވެ. ފާފަކުރާ މީހުންނެއް ނޫނެވެ! ސަބަބަކީ ކޮންމެ އިންސާނަކީވެސް ފާފައެއް ކުރެވިދާނެ މީހަކަށްވާތީއެވެ. 

ފާފަކުރާ މީހުން ކަމަށް މާނަކުރަންވާނީ ފާފަކުރުންމަތީގައި ދެމިތިބޭ މީހުންނެވެ. ފާފައެއް ކުރެވުނަސް އެއީ މައްސަލައެއް ކަމަށް ނުދެކޭ އަދި ތައުބާވުމަށް އަވަސްވެ ނުގަންނަ މީހުންނެވެ. 

މީސްތަކުންނޭވެ! މިނުކުންނަނީ ހަމަ އެންމެ މައްސަލައެކެވެ. އެއީ ކުރިން ބަޔާންކުރި ފަދައިން ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިނުވުމުގެ މައްސަލައެވެ! އެކަމުގެ ދަލީލުވެސް ބުނެފާނަމެވެ. 

ﷲ ތަޢާލާގެ ޙަޟްރަތަށްކަމުގައިވީ ނަމަވެސް ލޯބިވުމަކީ ކިޔަމަންތެރިވުމެވެ. ކިޔަމަންތެރިވެވިއްޖެނަމަ ފާފައަކަށްވެދާނެ ކިތަންމެ ކުޑަ ޢަމަލެއް ކުރަންވެސް ޖެހިލުންވާނެއެވެ. އަދި ފާފަކުރާ މީހުންނާއިއެކުގައިވުމަށްވެސް ބިރުވެތިވާނެއެވެ. 

މިބަޔާންކުރި ސަބަބުތަކަށްޓަކައިވެސް ދުނިޔެއާއި އާޚިރަތުގެ އުފާވެރިކަން ލިބިގަންނަ މީހަކަށް ވުމަށްޓަކައި ކުރަން އޮތް އެންމެ މުހިންމު ކަމަކީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވާ މީހަކު ކަމުގައިވުމެވެ. އެފަދަ މީހުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން