މިކިޔައިދެނީ އުމުރުން ދުވަސްވީ ދެމަފިރިއަކަށް ދިމާވިކަމެއްގެ ވާހަކައެވެ. ކާފަ މާމަވެފައި ތިބި ދެމަފިރިއަކަށް ދިމާވިކަމެއްގެ ވާހަކައެވެ. އެއީ އަޅުގަނޑުގެ އަވަށްޓެރިންނެވެ. ވީމާ ހާމަމިކުރަނީ ދެމަފިރިންގެ ޙައްޤުތަކަށް އިޙްތިރާމްކުރުމާއިއެކުގައި ވަރަށް ކުޑަ މިންވަރެކެވެ.
އެދެމަފިރިންނަކީ އަބަދުވެސް ދެބަސްވުމުގައި އުޅުނު ބައެކެވެ. ނަމަވެސް ވަރިކުރުމުގެ ނުވަތަ ވަރިވުމުގެ ވާހަކައެއް ނުދައްކައެވެ. އެދެމަފިރިންގެ ކަމަކަށްވެފައި އޮންނަނީ އަބަދުވެސް އެކަކު އަނެކަކު ކުށްވެރިކުރުމެވެ. ކޮންމެވެސް ކަމަކާއި ދެބަސްވެ ޒުވާބުކުރުމެވެ.
ކޮންމެއަކަސް ކައިވެނި ރޫޅުނީ ދެމަފިރިންގެ މެދުގައި ޖެހުނު ވަރަށް ކުޑަކުޑަ މައްސަލައެއްގައި ކުރި ޒުވާބެއްގެ ތެރެއިން ފިރިމީހާއަށް ބުނެވުނު ބަހެއްގެ ސަބަބުންނެވެ. ކައިވެނި ރޫޅުމުން ފިރިމީހާ އޭނާއަށްވުރެ މާޒުވާން އަންހެނަކާއި ކައިވެނިވެސް ކުރިއެވެ.
ދެވަނަ އަންތބަކީ ވަރަށް ތަޤްވާވެރި އަންތބެކެވެ. ފިރިމީހާއަށް ވަރަށް އިޙްތިރާމްކޮށްގެން ދިރިއުޅެން މަސައްކަތްކުރި އަންތބެކެވެ. ނަމަވެސް ކުރީގެ އަނބިމީހާ އަލުން ކައިވެނިކޮށްފާނެ ކަމުގެ އިޝާރާތެއް ލިބުމުން އެ އަނބިމީހާ ވަރިކޮށްލީ ވަރިނުކުރުން އެދި އާދޭސްކޮށް ރޮއިރޮއިހުއްޓައެވެ.
ވަރިކުރީމައިވެސް ކުރީގެ އަނބިމީހާ އަލުން ކައިވެނިކުރަން އެއްބަހެއް ނުވިއެވެ. އޭނާ ބުނަނީ ފިރިމީހާގެ ދޫނުބައިކަމަށްކެތް ނުކުރެވޭނެ ކަމަށާއި އަލުން ކައިވެނިކުރަން ބޭނުން ނޫން ކަމަށެވެ. ކައިވެނިކުރަން ބޭނުން ނުވި ނަމަވެސް ދަރިންގެ ކުރިމަތީގައި ޢާއިލީ ގޭގައި ދެމީހުން ދިރިއުޅެމުން ގެންދަނީ އެއްކޮޓަރިއެއްގައެވެ. މިހާރުވެސް ހަމަ ޒުވާބުވެސް ކުރެއެވެ. އެއަޑުތައް އަވަށްޓެރިންނަށް އިވެއެވެ.
ދެވަނައަށް ކައިވެނިކުރި އަންހެން މީހާ މިހާރު ދިރިއުޅެނީ އޭނާ އާއި ހަމަ އެއް އުމުރުގެ ވަރަށް ތަޤްވާވެރި ފިރިއަކާއި ކައިވެނިކޮށްގެން ވަރަށް އުފަލުގައެވެ. އަލަތު ކައިވެނިކޮށްގެން ވެސް ދިރިއުޅޭނެހައި އުފާވެރިކަމުގައެވެ. އެކަކު އަނެކަކަށް ލޯތްބާއި އަޅައިލުންދެއެވެ. އެހީތެރިވެއެވެ.
އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ކައިވެނިކުރުމަކީ ތިމާއަށް ފައިދާކުރާނެ ޙާލަތުގައި ކުރާކަމަކަށް ހަދާފައި ތިމާއަށް މޮޅުވެދާނެ ގޮތެއް ފެނުމުގެ އުންމީދު ލިބުމުން ވަރިކޮށް އެއްލައިލުމަކީ ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެ ކަމެއްކަމެވެ. ހަމައެކަނި ތިމާގެ އުފަލަށް ކައިވެނިކޮށް އަންހެނުންނަށް އަނިޔާދޭ މީހުންނަށް ލިބޭނެ ޙަޤީޤީ އުފަލެއް ނެތްކަމެވެ.
މި ފިރިހެން މީހާގެ ކަންކަމަށް ބެލިނަމަވެސް އޭނާ އަންތބަކަށް ބޭނުންވި ދުވަހު ކައިވެނިކުރީއެވެ. އޭނާއަށް ކުރީގެ އަނބިމީހާ ލިބިދާނެ ކަމަށާއި އެއިރުން ހިތަށް ލިބޭ ހަމަޖެހުން މާބޮޑުވާނެކަމަށް ޤަބޫލުކުރެވުމުން ޢަމަލުއެކުރީ ގޭގައި ގެންގުޅޭ ބުޅަލަކާއިމެދުގައިވެސް ކަންތައް ނުކުރާނެހައި ދަށު ދަރަޖައިގައެވެ.
އެކަމުން އޭނާއަށް ކުރި އެއްވެސް ފައިދާއެއްވެސް ނެތެވެ. ކުރީގެ އަނބިމީހާ އާއި ކައިވެންޏެއްވެސް ނުކުރެވުނެވެ. އަދި އުމުރުން ދުވަސްވީ ދުވަހު ދިރިއުޅެމުން އެގެންދަނީ ފާފަވެރިވާނެ ގޮތަށެވެ. އޭނާ ރޮއްވާލާފައި އެއްލައިލި އަނބިމީހާއަށް އެވަނީ ރަން ދުނިޔެއެއް ލިބިފައެވެ.
އަންހެނުންނަށް ބުނެލަން އޮތީ ކައިވެނި ނުކޮށް އެއްކޮޓަރިއެއްގައި ދިރިއުޅުމަކީ ލިބިގަންނަ އިތުރު ފާފައެކެވެ. މަރުވާނެ ވަގުތެއް ނުއެނގޭނެއެވެ. ވީމާ ކޮންމެ ދުވަހަކީ އިތުރު ފާފަތައް ކުރެވޭ ދުވަހަކަށް ހަދައިގެން ބޮލުގައި ފާފަތައް އަޅަމުން ކުރާ އަޅުކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
- އަނީސާ/ މިއަދުނޫހުގެ ކިޔުންތެރިއެއް