ގިނަ ބައަކަށް ދީނަށް ޢަމަލުކުރުމުގައި ކަންނެތްވެވެނީ ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމާއި ގުޅިގެން މާޔޫސްވެވޭތީއެވެ. އަހުރެމެން ބަލަންވީ އަހުރެމެން ބޭނުންވާ ގޮތަށް ދުނިޔޭގައި އުޅުމަކަށް ނޫނެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅުމަށެވެ. އަހުރެމެންނަށް އަމުރުފުޅު ކުރައްވަވާފައިވާ ކަންކަން ކުރުމަށެވެ. އެއީ ކީއްވެގެންކަމާއި އެކަމުން ކުރާ ފައިދާގެ މައްޗަށް ބަލައިލަމާ ހިނގާށެވެ!
އަހުރެމެން ކޮންމެ ނަމާދެއްގެ ފަހު އައްތަޙިއްޔާތުގައި ޞަލަވާތް ކިޔަވަމުއެވެ. އެ ޞަލަވާތުގައި އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިތުރުން އިބްރާހީމްގެފާނުގެ ވާހަކަ އަންނަނީ ކީއްވެގެން ހެއްޔެވެ؟ ނޫޙުގެފާނު ، އާދަމްގެފާނު ނުވަތަ އެހެންވެސް ބޭކަލެއްގެ ވާހަކަ ނައީ ކީއްވެގެން ހެއްޔެވެ؟
ކަނުލައި ރަނގަޅަށް އަޑުއަހާށެވެ! އިބްރާހީމްގެފާނަށް ދަރިކަލަކު ލިބިވަޑައިގަތީ އެކަމަށް އޮތް އުންމީދުގެއްލިވަޑައިގެންނެވި ފަހުންނެވެ. ބުނެވޭ ގޮތުން އެއިރު އެކަލޭގެފާނުގެ ޢުމުރުފުޅުންވަނީ 80 އަހަރަށްވުރެ މައްޗަށް ގޮސްފައެވެ. އަނބިކަނބަލުންވެސް ޢުމުރުފުޅުން ގިނަދުވަސްވެ އިންނެވީ ދަރިކަލަކު ލިބިވަޑައިގަންނަވާ ޙާލަތެއްގައެއް ނޫނެވެ.
ޢުމުރުފުޅުން އެހައި ދުވަސްވީފަހުން ލިބިވަޑައިގެންނެވި ދަރިކަލުން ބޮޑުފުޅުވެ އެދަރިކަލުންގެ އެހީތެރިކަން ލިބިވަޑައިގަންނަވާ ޢުމުރުފުޅުގައި އެދަރިކަލުން ޤުރްބާން ކުރެއްވެވުމަށް އަމުރުފުޅު އައިހިނދު އެއްވެސް ޝަކުވާއެއް ނުކުރައްވަވައި އެކަން ކުރެއްވެވީއެވެ. ހުރަސް އެޅުއްވެވީ ﷲ ތަޢާލާއެވެ.
މިއީ ކިޔަމަންތެރިވެވަޑައިގަތުމުގައި ކޮންފަދަ މަތިވެރި ނަމޫނާއެއް ހެއްޔެވެ؟ މިއީ ކޮންމެކޮންމެ އިންސާނަކަށް ކުރެވޭނެ ވަރުގެ ކަމެއް ނޫނެވެ. ހަމަ އެކަނި މިއިމްތިޙާނެއް ނޫނެވެ. އެފަދަ ވަރުގަދަ އެތައް އިމްތިޙާންތަކެއް ކުރިމަތިކުރެއްވެވިއެވެ. ކުރިމަތިފުޅު ކުރެއްވެވި ހުރިހާ އިމްތިޙާންތަކުން އެންމެ ފުރިހަމަ ގޮތުގައި ފާސްވެވަޑައިގެންނެވިއެވެ.
ބުނެލަން ބޭނުންވަނީ ދުނިޔޭގައި އުޅޭއިރު އިމްތިޙާންތައް ކުރިމަތިވާނެއެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ބޮޑުވާވަރަކަށް ކުރިމަތިކުރައްވަވާ އިމްތިޙާންތައް ބޮޑުވެފައި ވަރުގަދަވާނެއެވެ. ފާސްވެއްޖެނަމަ އެމީހެއްގެ ދަރަޖަ އުފުލިގެންދާނެއެވެ. އުފުއްލަވާނެތެވެ.
ވީމާ ދިރިއުޅުމުގައި ދަތިކަންކަން ކުރިމަތިވުމުން ހަމައެކަނި މިކިޔައިދިން ވާހަކަކޮޅަށް ވިސްނައިލި ނަމަވެސް ކެތްތެރިވުމުގެ ބާރު އެމީހަކަށް ލިބޭނެއެވެ. އިން ޝާ ﷲ. ވީމާ އޮތީ ޘާބިތުވުމެވެ. ކެތްތެރިވުމެވެ. ޝަކުވާ ނުކުރުމެވެ.
- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން