ކޮންމެ ދުވަހަކުވެސް ކޮންމެހެން ބޭނުންވާނެ އެތައް ކަމެއް ހުންނަނީ ކީއްވެގެން ކަމާއިމެދު ވިސްނަމުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ކޮންމެ ދުވަހަކުވެސް ކޮންމެހެން ބޭނުންވާނެ އެތައް ކަމެއް ހުންނަނީ ކީއްވެގެން ކަމާއިމެދު ވިސްނަމުތަ؟

އިންސާނާ ދުނިޔޭގައި ހުންނަ ކޮންމެ ދުވަހަކުވެސް ބޭނުންވާނެ ކަންތައްތަކެއް ހުންނާނެއެވެ. އެއިގެ ތެރެއިން ބައެއް ކަންކަމަކީ ކޮންމެ ދުވަހަކުވެސް ބޭނުންވާނެ ކަންކަމެވެ. ވަކި ދުވަހެއް ނެތިއެވެ. ކޮންމެ ދުވަހަކުވެސް ތިމާ ކައިބޮއި ހަދަންޖެހެއެވެ. އެހެން ބޭނުންތައްވެސް ފުއްދަންޖެހެއެވެ. އަދި ސަލާމަތް ޞިއްޙަތަކަށްވެސް ބޭނުންވެއެވެ. އަދި ދިރިއުޅުމުގެ ކަންކަމަށް ކުރިއެރުން ލިބެންވެސް ބޭނުންވެއެވެ.  

އެކަންކަން އެގޮތަށް ﷲ ތަޢާލާ ލައްވަވާފައި އެވަނީ ސަބަބެއްވެސް އޮތުމުންނެވެ. އެއީ ކުޑަ ސަބަބެއްވެސް ނޫނެވެ. ވަރަށް ބޮޑު ސަބަބެކެވެ. އެއީ ތިމާއަށް ކޮންމެ ދުވަހަކުވެސް ކަންތައްތަކަކަށް ބޭނުންވާ ފަދައިން ކޮންމެ ދުވަހަކުވެސް ﷲ ތަޢާލާއަށްޓަކައި ކުރަންޖެހޭނެ ކަންތައްތަކެއްވެސް އެބަހުރިކަން އަންގަވައިދެއްވެވުންކަމަށް ޤަބޫލުކޮށްފި މީހަކަށް އެވިސްނެނީ ރަނގަޅަށެވެ. އެގޮތުން އީމާންކަން އިތުރަށް ވަރުގަދަކުރަން މަސައްކަތްކުރުމާއި އަޅުކަންކުރުން ގިނަކުރަން މަސައްކަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަންކަމެވެ.   

މިބުނި ކަންކަމަށް ސަމާލުކަންދީގެން މަސައްކަތް ނުކުރާނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. އެހެނީ އެކަންކަން ޙާޞިލްކުރެވެން އޮތީ އެމީހަކު އެކަމަށް އެދިގެން މަސައްކަތްކުރިވަރަކުން ކަމަށް ވާތީއެވެ. އަދި ކުރަން އޮތް މަސައްކަތަކީ މިބުނި ކަންކަން ކަމުގައިވާތީއެވެ.  

ދުނިޔޭގައި ހުރެވޭ ކޮންމެ ދުވަހަކު ކޮންމެ މީހަކަށް ނަމަވެސް އެހުރެވެނީ ވަޒީފާއެއްގައެވެ. އެވަޒިފާއަކީ ކޮންމެ ދުވަހަކު އަދާކުރަން ﷲ ތަޢާލާ ޙަވާލުކުރައްވަވާ މަސްއޫލިއްޔަތުތަކެވެ. އެއީ މަރުވުމާއި ހަމައަށްވެސް ދޫކޮށްލެވޭނެ ވަޒީފާއެއް ނޫނެވެ.  

ދުނިޔޭގައި މީހާއަށް އަދާކުރަން ލިބޭ ދުނިޔަވީ ވަޒިފާ ހަދަންޖެހޭނީ ދެވަނަ ވަޒީފާއަށް ކަމަށެވެ. ފުރަތަމަ ވަޒިފާއެއް ކަމަށް ދެކެންޖެހޭނީ ﷲ ތަޢާލާ ޙަވާލުކުރައްވަވާފައިވާ ކަންކަމެވެ. ކުރަންޖެހޭ އަޅުކަމެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމެވެ.  

ދުނިޔެވެސް އަދި އާޚިރަތްވެސް ކާމިޔާބުކުރެވުން އޮތީ އެއިރުންނެވެ. ފަހަރެއްގައި ދުނިޔޭގައި އުފަލުގައި އުޅެވުނަސް ޤިޔާމަތް ދުވަހު ނަރަކައިން ސަލާމަތްވެވި ސުވަރުގެ ވަދެވެން އޮތް ހަމައެކަނި މަގަކީ އެއީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން