ޢަލީ އިޙްޞާން ފިރާޤް
ބަތްކައްކާއިރާއި ރޮށިފިހާއިރު ވީހާވެސް މަދުން ތެޔޮ ބޭނުން ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. ދިވެހިން އާދަވެގެން ބޭނުން ކުރާ ކްރީމް ކްރޭކަރު ބިސްކޯދުގައި ލޮނާއި ސަރުބީ ގިނައިން ހުންނާތީ ކޮންމެ ދުވަހަކު އެ ބޭނުން ކުރުމުގެ އާދަޔާ ދުރުވާން ޖެހެއެވެ. ސަރުބީގެ މިންވަރު މަތިކަމުން ފަރާޓާ އާއި ހުނިރޮށި ބޭނުން ކުރުން މަދުކުރަން ޖެހެއެވެ. އަލަޔާއި ބަނބުކޭލާއި އަލުވި ތެލުލައިގެން ބޭނުން ކުރުމަކީ ސިއްހަތަށް ފައިދާ ހުރި ގޮތެއް ނޫނެވެ.
ކުކުޅު ތައްޔާރު ކުރުމުގެ ކުރިން އޭގެ ހަންގަނޑު ނޮޅާލުމުން އޭގެ ސަރުބީގެ މިންވަރު މަދުވެގެންދެއެވެ. ކުކުޅުގެ އެހެން ބައިތަކަށްވުރެ ޗިކެން ބްރެސްޓްގައި ސަރުބީ ހުންނަލެއް މަދެވެ. މުގުރިހަ ކައްކާއިރު ވީހާވެސް މަދުން ކާށި ކިރު އެޅުމުން ސިއްހަތަށް މާ ފައިދާ ކުރާނެއެވެ. މުގުފަދަ ތަކެތި ކާއިރު ވިޓަމިންސީ އެކުލެވޭ އެއްޗެއް ބޭނުން ކުރުމުން މުގުގައި ހުންނަ ދަގަނޑުގެ ބައި ފަސޭހައިން ހަށިގަނޑަށް ނަގައިދޭނެއެވެ. ކާގަޑީގައި ކަޅުސައި ބޭނުން ކުރާނަމަ ކާތަކެތީގައި ހުންނަ ދަގަނޑުގެބައި ނެގުމަށް ހުރަސް އަޅާނެއެވެ.
ކަނޑުމަހާއި އެއްގަމު މަސް ތެލުލައިގެން ބޭނުންކުރުމަށްވުރެ ފިހެގެން ބޭނުން ކުރުން މާ ރަނގަޅުވާނެއެވެ. ބަރަބޮލުގެ އޮއް އުކާލުމުގެ ބަދަލުގައި ލުއިކާނާއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެއެވެ. އެއީ ކޮލެސްޓްރޯލް ދަށް ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.
ކެއުމުގައި ތަފާތުވައްތަރުގެ ތަފާތު ކުލަކުލައިގެ ތަރުކާރީ ބޭނުން ކުރާށެވެ. ދަޅުގައި ބަންދުކޮށްފައި ހުންނަ ތަރުކާރީގެ ބާވައްތައް ފެނުން ދޮވެލުމުން އޭގައި ހުންނަ ލޮނުގެ ބައި މަދުވާނެއެވެ. ފެނުކެއްކުމުގެ ބަދަލުގައި ސްޓީމްކޮށްގެން ތަރުކާރީގެ ބާވަތްތައް ބޭނުން ކުރުމުން އޭގެ ފައިދާ މާބޮޑަށް ކުރާނެއެވެ. މުރަނގަފަތް ކަންކުންފަތް ކުއްޅަފިލާފަތް މައްސާގުފަތް ފަދަ ބާވަތްތައް ކެއުމުގައި އާދަކޮށް ބޭނުން ކުރުން މުހިންމެވެ. ކިތަންމެ ކާހިތްވިޔަސް ތެލުލި ފަތަކީ ފާއިދާއެއް ހުރި އެއްޗެއް ނޫނެވެ. ބައްޓާއި ބަރަބޯފަދަ ތަކެތި ތެލުލުމުގެ ބަދަލުގައި ކާންވީ ގްރިލްކޮށްގެންނެވެ. ގަރުދިޔަ އާއި ބަތް ކާއިރުގައި އާދަޔަކަށް ހަދަންވީ ތަރުކާރީގެ ނުވަތަ ފަތުގެ ބާވަތެއް ހިމަނާލުމަށެވެ. ގިނަވައްތަރުގެ ތަރުކާރީ އޭގެ ތޮއްޓާއި އޮށާއެއްކޮށް ކެއުމުން ލިބޭ ފައިދާ މާބޮޑެވެ.
ކިތަންމެ ބޯހިއްވެފައި އަނގަޔަށް މީރަސް ތަފާތު ވައްތަރު ވައްތަރުގެ މޭވާ ޖޫސްތަކަށްވުރެ ތަޒާ މޭވާ ހަށިގަނޑަށް މާ ރަނގަޅުވާނެވެ. ކެއުމުގައި ތަފާތު ވައްތަރުގެ މޭވާ ބޭނުން ކުރުމަކީ މުހިންމު ކަމެކެވެ. ސްކޫލް ކުދިންގެ އިންޓަވަލްއަށްވެސް ހެދިކާގެ ބަދަލުގައި މޭވާގެ ބާވަތެއްވެސް ގެންދެވިދާނެއެވެ.
ސޮސެޖާއި ކޯންޑްބީފް ފަދަ ޕްރޮސެސްޑް މީޓް އަކީ އޭގެ ސަބަބުން ކެންސަރަށް މަގުފަހިވާ އެއްޗެކެވެ. މީގެ އިތުރުން އޭގައި ލޮނުގެ ބާވަތްތަކާއި ސަރުބީގެ ބާވަތްތައް ގިނަވުމުގެ ސަބަބުން ހިތުގެ ބަލިތަކާއި ސްޓްރޯކްއަށް މަގުފަހިވެއެވެ. ހަކުރު އެޅި ބުއިންތަކުގެ ބަދަލުގައި ގިނައިން ފެން ބޭނުން ކުރުމާއި ހަކުރާއި ލޮނު މަދުކުރުމާއި ގަވައިދުން ކަސްރަތުކޮށް ހަރަކާތްތެރިވެ އުޅުން އާދައަކަށް ހަދަންޖެހެއެވެ. އާޓާފުއް އަގުބޮޑިއްޔާ ނުވަތަ ނުބައިނަމަ އާދައިގެ ފުށާއެއްކޮށްގެން ރޮށި ފިހެގެން ބޭނުން ކުރެވިދާނެއެވެ. ލުއިކާނާގެ ގޮތުގައި ސަނާމުގު އަދި ލޮނުނުލައި ހުންނަ ނަޓްސް ނުވަތަ ތަރުކާރީ ނުވަތަ މޭވާގެ ބާވަތެއް ބޭނުން ކުރެވިދާނެއެވެ.
ތަކުރާރުކޮށް އެއް ތެޔޮގަނޑެއް ބޭނުން ކުރާނަމަ [ފްރީ ރެޑިކަލްސް] އިތުރުވެއެވެ. މިއީ ކެންސަރު ޖެހުމަށް މަގުފަހި ކުރާކަމެކެވެ. އަދި އެލްޑީއެލް ލެވަލް މަތިވެ ލޭހޮޅިތައް ބެދުމަށް މަގުފަހިކުރެއެވެ. ޑީޕްފްރައި ކުރާނަމަ އޮލިވްއޮއިލް ބޭނުން ކުރުން އެއްގޮތަކަށްވެސް ރަނގަޅެއް ނޫނެވެ. އޭގެ ބަދަލުގައި ކެނޮލާ އޮއިލް, ސަންފްލާވާ އޮއިލް އަދި ސޯއީ ބީން އޮއިލް ބޭނުން ކުރެވިދާނެއެވެ. ރަނގަޅުގޮތަކީ ކޮންމެފަހަރަކު އާ ތެޔޮގަނޑެކެވެ. ނަމަވެސް އެންމެ ރަނގަޅުގޮތަކީ ތެލުލި އެއްޗެހި ބޭނުން ނުކުރުމެވެ.
ހެދިކާ ކޮންމެހެން ކާންބޭނުންނަމަ ފިހެގެން ބޭނުން ކުރެވިދާނެއެވެ.
ގިނައިން ހަކުރު ބޭނުން ކުރާނަމަ ބަރުދަން އިތުރުވެއެވެ. ބަރުދަން އިތުރުވުމަކީ ހިތުގެ މައްސަލަތަކާއި ޓައިޕް 2 ޑައިބެޓިކްސް އަދި ސްޓްރޯކް އަދި ބައެއް ކެންސަރު ޖެހުމަށް މަގުފަހި ކުރާކަމެކެވެ. ފޮނި އެއްޗެހީގެ ވާހަކަ ތަފްސީލުކޮށް އެހެން ފަހަރަކު ލިޔެލާނަމެވެ.
މިއީ ދިވެހިންގެ ކެއިން ބުއިމުގެ އާދަތައް ބައްޓަން ޢަމަލު ކުރަންޖެހޭ ގޮތް ބަޔާންކޮށް ހެލްތު މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ނެޝަނަލް ފުޑް ބޭސްޑް ޑައިޓްރީ ގައިޑްލައިން ފާހަގަ ކުރެވޭ ބައެއް ކަންތައްތަކެވެ. މިނޫންވެސް ވަރަށް ގިނަ މައުލޫމާތު އެ ގައިޑްލައިންގައި އެބަ ހުއްޓެވެ. ސިއްހީ މައުލޫމާތު ހޯދުމުގައި އިތުބާރު ކުރެވޭ މަސްދަރުތަކުން މައުލޫމާތު ހޯދުން މުހިންމެވެ. ތިރީގައިވާ ލިންކުން އެ ގައިޑްލައިން ފެންނާނެއެވެ.
https://health.gov.mv/en/downloads/food-based-dietary-guidelines-for-maldives.