ނަޞްރުގެ ދުވަހާ ގުޅުވައިގެން ބާއްވާ ސިފައިންގެ އަސްކަރީ ހުށަހެޅުންތައް މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
ނަޞްރުގެ ދުވަހާ ގުޅުވައިގެން ބާއްވާ ސިފައިންގެ އަސްކަރީ ހުށަހެޅުންތައް މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައި

ނަޞްރުގެ ދުވަހާ ގުޅުވައިގެން ބާއްވާ ސިފައިންގެ އަސްކަރީ ހުށަހެޅުންތައް މާދަމާ ހަވީރު 16:15 ގައި ޖުމްހޫރީ މައިދާނުގައި އޮންނާނެ ކަމަށް ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ. މި ހަރަކާތަކީ 3 ނޮވެންބަރުގެ ހަނދާން އާކުރުމުގެ ގޮތުން އެމްއެންޑީއެފް އިން ރާވާފައިވާ ގިނަ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ.

ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ ޖުމްހޫރީ މައިދާނުގައި އޮންނަ މި ހަރަކާތުގެ މަޤުޞަދަކީ ސިފައިން އަސްކަރީ ގޮތުން ތައްޔާރުވެފައި ތިބި މިންވަރު ޢާންމުންނަށް ދައްކާލުން ކަމަށެވެ. އެގޮތުން މިއަހަރު ހުށައަޅައިދޭނީ ރާއްޖެއަށް ކުރިމަތިވެދާނެ ނިރުބަވެރި ހަމަލާއެއް ނާކާމިޔާބުކޮށްލުމަށް ދިވެހި އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަނެއްގެ ޑެމޮންސްޓްރޭޝަނެކެވެ. މި ހަރަކާތުގައި ސިފައިންގެ ހުނަރާއި ޤާބިލުކަން ފެނިގެންދާނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ހަރަކާތުގެ އިތުރުންވެސް ނަޞްރުގެ ދުވަހާ ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި ޖަމާޢަތުގައި ސިފައިން ފަތިސް ނަމާދުކުރުމާއި، 3 ނޮވެންބަރުގެ ޝަހީދުންގެ ހަނދާނީ ބިނާގައި ދިދަ މައުންޓްކުރުން ހިމެނެއެވެ. އަދި ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި، ދުޝްމަނުންގެ ޙަމަލާތަކާ ގުޅިގެން ސިފައިންގެ ތެރެއިން އެންމެ ފުރަތަމަ ޝަހީދުވި، ޝަހީދު ކޯޕަރަލް ޢަބްދުލް ޒުހައިރު ނިޔާވި ހާދިސާ ދައްކުވައިދޭ މިއުޒިކަލް ޑިސްޕްލޭއެއް ދައްކުވައިދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ނަޞްރުގެ ދުވަހު ހެނދުނު 9:00 ޖަހާއިރު ޒުވާނުންގެ މަރުކަޒުގައެވެ. މީގެ އިތުރުން، ޝަހީދު ކޯޕަރަލް ޢަބްދުލް ޒުހައިރު ނިސްބަތްވެވަޑައިގަންނަވާ ރަށް ކަމަށްވާ ގދ. ތިނަދޫ ސިޓީގައި ސިފައިންގެ ޚާއްޞަ މައުރަޒެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މައުރަޒު މިމަހުގެ 7 އަދި 8 ވަނަ ދުވަހު އޮންނާނެއެވެ. އަދި ނޮވެންބަރު މަހުގެ 8 ވަނަ ދުވަހު ތިނަދޫ ސްޓޭޑިއަމްގައި ސިފައިންގެ ހަރަކާތްތަކެއް ދައްކާލުންވެސް އޮންނާނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިއަދު އޮންލައިން