އުޅަނދުތައް ރަޖިސްޓްރީކުރުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި، ދަތުރުފަތުރާ ބެހޭ ޤާނޫނަށް އިސްލާހުތަކެއް ހުށައެޅުމަށް ތައްޔާރުވަމުންދާކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ މިނިސްޓްރީއިން، ވިދާޅުވެއްޖެއެވެ. މި ބަދަލުތަކުގެ ތެރޭގައި، މިހާރު ކުންފުނިތަކުގެ ދަށުން އުޅަނދުތައް ރަޖިސްޓްރީކުރާ ގޮތް ބަދަލުކޮށް، އެ މަސައްކަތް މިނިސްޓްރީއިން ކުރެވޭނެ ގޮތް ހަމަޖެއްސުން ހިމެނެއެވެ.
މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، މިހާރު ޤާނޫނު އޮންނަ ގޮތުން ވެހިކަލް ލިމިޓް ކުރުން ނުވަތަ ވަކި ސަރަހައްދެއްގައި އެންމެ ގިނައިން ދުއްވޭނެ އުޅަނދުގެ ކެޕޭސިޓީ ކަނޑައެޅުމުގެ ޒިންމާއަކީ ކައުންސިލްތަކުގެ ޒިންމާއެވެ. އެގޮތުން، ޚާއްސަކޮށް މާލޭ ސިޓީ ކައުންސިލާއެކު އެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދިޔަނަމަވެސް، އެކަމަށް އަދިވެސް ގޮތެއް ކަނޑަނޭޅޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ވެހިކަލް އިތުރުވަމުންދާ މައްސަލައަކީ ބޮޑު ޙައްލެއް ބޭނުންވާ ކަމެއްކަމަށާއި، ޚާއްސަކޮށް މާލެއަށް ވެހިކަލް ތޮއްޖެހޭ މައްސަލައަށް ޙައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށެވެ. ވެހިކަލް ލިމިޓްކުރުމާ ގުޅޭގޮތުން ޤާނޫނުގެ ތެރެއިން ގޮތްތަކެއް ނިންމޭނެ ގޮތް ހަމަޖެއްސުމަށްޓަކައި، އެޓާނީ ޖެނެރަލް (އޭޖީ) އާއެކު މަޝްވަރާކޮށް، ޤާނޫނަށް އިސްލާހު ހުށައެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
"ކެރީން ކެޕޭސީޓީ ކަނޑައަޅާން އޮންނަނީ ކައުންސިލަށް. އެ މަސައްކަތް މިނިސްޓްރީއިން ކުރެވޭނެގޮތެއް ފަހިވާނެހެން ޤާނޫނީ އިމުގެތެރެއިން ބަދަލުތަކެއް ގެނައުމަށް ދަތުރުފަތުރާ ބެހޭ ޤާނޫނަށް އިސްލާހުތަކެއް ހުށައަޅާނަން. ސައިކަލު، ކުންފުނިތަކުގެ ދަށުށް ރެޖިސްޓްރީކުރާގޮތަށް އޮތް އޮތުންވެސް ބަދަލުކުރާނަން. ކުރިއަށް އޮތް 2-3 ހަފްތާތެރޭ އެޖީ، މަޖިލީހަށް ހުށައަޅާނެ." ވަޒީރު އަމީން ވިދާޅުވިއެވެ.
މި އިސްލާހުތަކާއެކު، އުޅަނދުތައް ރަޖިސްޓްރީކުރުމާއި، ވަކި ސަރަހައްދުތަކެއްގައި ދުއްވޭނެ އުޅަނދުގެ އަދަދު ކަނޑައެޅުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން، ޚާއްސަކޮށް މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް މަގުފަހިވެގެންދާނެކަމަށް ސަރުކާރުން އުންމީދު ކުރައްވައެވެ.