މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އުރީދޫއަށް ފައިދާގެ ގޮތުގައި 180 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. މިއީ 2.5 އިންސައްތަ އިތުރު އަދަދެކެވެ.
އުރީދޫއިން އާންމުކޮށްފައިވާ އެކުންފުނީގެ މާލީ ހިސާބުތައް ދައްކާގޮތުގައި 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރު (ޖުލައި މަހުން ސެޕްޓެމްބަރު މަހާ ހަމައަށް) ވަރަށް ހަރުދަނާކޮށް ނިންމާލާފައިވާއިރު، ކުރީގެ ކުއާޓާތަކާ އަޅާބަލާއިރު ކުންފުނީގެ އާމްދަނީއާއި ފައިދާ ވަނީ އިތުރުވެފައެވެ. މި މުއްދަތުގައި ސާފު ފައިދާ 7.4% އިތުރުވެ 180.3 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، ފައިދާގެ މާރޖިންވެސް %31.1 އިން 32.8% އަށް ރަނގަޅުވެފައިވެއެވެ.
ޖުމްލަ 549.2 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދިފައިވާއިރު، މިއީ މޯބައިލް، ބްރޯޑްބޭންޑް އަދި އެންޓަރޕްރައިޒް ޚިދުމަތްތައް ފުޅާވުމުގެ ސަބަބުން ލިބުނު ކުރިއެރުމެކެވެ. ެ. މޯބައިލް ޚިދުމަތްތަކުން 404.8 މިލިއަން ރުފިޔާ ލިބިފައިވާއިރު، ފިކްސްޑް، ބްރޯޑްބޭންޑް، އަދި އެންޓަރޕްރައިޒް ޚިދުމަތްތަކުން 143.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ކުންފުނިން ވަނީ ހިންގުމުގެ ޚަރަދުތައް ކޮންޓްރޯލްކޮށް، ޓެކްސް އޮޅުކުރުމުގެ ކުރިން ލިބުނު ފައިދާ (ޕްރޮފިޓް ބިފޯ ޓެކްސް) 212.3 މިލިއަން ރުފިޔާއަށް އިތުރުކޮށްފައެވެ.
އުރީދޫގެ ސުޕަރނެޓް ކަސްޓަމަރުންގެ ބޭސް އިތުރުވުމާއި، 5G ޚިދުމަތްތައް ތަޢާރަފްކުރުމުންވެސް އާމްދަނީ އިތުރުވުމަށް އެހީތެރިވެފައިވެއެވެ.
ކުންފުނިންވަނީ ހިންގުމުގެ ޚަރަދުތައް ކޮންޓްރޯލްކުރުމުގައި ކާމިޔާބު ހޯދާފައެވެ. ޖުމްލަ ޚަރަދުތައް (އެހެން އާމްދަނީ ނުހިމަނާ) ދެވަނަ ކުއާޓަރުގެ 341.1 މިލިއަން ރުފިޔާއިން 336.9 މިލިއަން ރުފިޔާއަށް ވަނީ ކުޑަކުރެވިފައެވެ. ހިންގުމުގެ މި ހަރުދަނާ އުސޫލުތަކާއި އިންވެސްޓްމަންޓްތަކަށް ސަމާލުކަން ދިނުމުގެ ސަބަބުން، ޓެކްސް އޮޅުކުރުމުގެ ކުރިން ލިބުނު ފައިދާ ކުރީގެ ކުއާޓަރުގެ އަދަދަށްވުރެ %7 އިތުރުވެ، 212.3 މިލިއަން ރުފިޔާއަށް އަރާފައިވެއެވެ.
31.9 މިލިއަން ރުފިޔާގެ އާމްދަނީ ޓެކްސް ހެދުމަށްފަހު، އުރީދޫއަށް ސާފު ފައިދާގެ ގޮތުގައި 180.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ޝެއަރހޯލްޑަރުންގެ އަގުވެސް ވަނީ އިތުރުވެފައެވެ؛ ޝެއަރަކަށް ލިބުނު ފައިދާ 1.15 އިން (އީ.ޕީ.އެސް) 1.22 ރުފިޔާއަށް އަރާފައިވާއިރު، މިއީ 6.1 އިންސައްތައިގެ އިތުރުވުމެކެވެ. ޖުމްލަ އެސެޓްސް 4.96 ބިލިއަން ރުފިޔާއަށް އަދި ނަޤުދު ފައިސާގެ ރިޒާވް 1.83 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ.
ޝެއަރަކަށް އޮތް ސާފު އަގު 11.65 ރުފިޔާއިން 12.87 ރުފިޔާއަށް އަރާފައިވާއިރު، ޝެއަރަކަށް އޮތް ނަޤުދު ފައިސާ 11.39 ރުފިޔާއިން 12.39 ރުފިޔާއަށް ވަނީ އިތުރުވެފައެވެ.
އުރީދޫގެ ޖުމްލަ އެސެޓްސް 4.82 ބިލިއަން ރުފިޔާއިން 4.96 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، އިކުއިޓީ 1.90 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ. މި ކުރިއެރުންތަކަށް އެހީވެފައިވަނީ ކުންފުނީގެ ފައިދާ ހޯދުމުގެ ހުނަރާއި ނަޤުދު ފައިސާ އުފެއްދުމުގެ ގާބިލްކަމެވެ. ކުންފުނީގެ ނަޤުދު ފައިސާގެ ރިޒާވް 1.83 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއ
މި ކާމިޔާބީތަކުގެ ފަހަތުގައި ވަނީ އުރީދޫގެ ސްޓްރެޓީޖިކް މަސައްކަތްތަކެވެ. ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައި ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް ކާމިޔާބުކޮށް، އެރިސޯޓަކީ ދިވެހިރާއްޖޭގައި 5G ޚިދުމަތް ލިބޭ ފުރަތަމަ ޕްރައިވެޓް ރިސޯޓަށް ހަދާފައިވެއެވެ. ބ. ތުޅާދޫއާއި އދ. ހަންޏާމީދޫއަށް ސުޕަރނެޓް ފައިބަރު ބްރޯޑްބޭންޑް ޚިދުމަތް ފުޅާކޮށް، އަމާނާ ތަކާފުލްއާ ގުޅިގެން ސުޕަރނެޓް ކަސްޓަމަރުންނަށް ހިލޭ ހޯމް އެސެޓްސް އިންޝުއަރެންސް ތަޢާރަފްކޮށްފައިވެއެވެ. ކުންފުނީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ލޯޔަލް ކަސްޓަމަރުންނަށް އުމްރާ ދަތުރުފުޅުތަކާއި ހައްޖު ދަތުރެއްފަދަ އިނާމުތައް ދިނުމުގެ އިތުރުން #929 ސުޕަރޑީލްސް ޕްލެޓްފޯމް ތަޢާރަފްކޮށް، ކަސްޓަމަރުންނަށް ޚާއްސަ ޑޭޓާ ޕެކޭޖްތައް ފޯރުކޮށްދީފައިވެއެވެ. އީޖާދީ ހައްލުތަކުގެ ތެރޭގައި ސުޕަރއެޕްގައި "ކާޑް ސޭވް" އާއި "އޮޓޯޕޭ" ފަދަ އާ ފީޗާތައް ތަޢާރަފްކުރުމާއި، މައިޔޫޒްއާ ގުޅިގެން ޕޮޑްކާސްޓްތަކާއި އޯޑިއޯބުކްސް ތަޢާރަފްކުރުން ހިމެނެއެވެ. މީގެ އިތުރުން ކޮމިއުނިޓީ ބައިވެރިވުމުގެ ގޮތުން "މަސް ރޭސް" އިވެންޓްތަކާއި ގަސްއިންދުމުގެ ޕްރޮގްރާމްތަކާއި އިޖުތިމާޢީ މަސްއޫލިއްޔަތުތައް އަދާކޮށްފައިވެއެވެ.
މި ކުއާޓަރުގައި އުރީދޫއަށް "ނެޝަނަލް އެވޯޑް އޮފް ރެކޮގްނިޝަން ފޯރ ބިޒްނަސް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް" އާއި "ބްރޯންޒް ސްޓީވީ އެވޯޑް" އަދި އެންމެ ގިނަ ޓެކްސް ދައްކާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭކަން ފާހަގަކޮށްދިނުމުގެ ގޮތުން "ރަން ފަނާރަ" އެވޯޑްވެސް ލިބިފައިވެއެވެ.
އުރީދޫ މޯލްޑިވްސްއަށް ތިންވަނަ ކުއާޓަރުގައި ލިބުނު މި ހަރުދަނާ ނަތީޖާއިން ދައްކުވައިދެނީ، ވާދަވެރި މާކެޓެއްގައި އެ ކުންފުނީގެ ދެމިހުރުމުގެ ގާބިލްކަމާއި، ވަށައިގެންވާ ބަދަލުތަކާ އެއްގޮތަށް ހަރަކާތްތެރިވުމުގެ ކުޅަދާނަކަމެވެ. ފައިސާގެ ހަރުދަނާ އިންތިޒާމުތަކާއި، މުސްތަގުބަލަށް އަމާޒުކޮށްފައިވާ އީޖާދީ ހައްލުތައް އެއްކޮށްލުމުގެ ހުނަރުގެ ސަބަބުން، ދިވެހިރާއްޖޭގެ އެންމެ އިސް ޑިޖިޓަލް މުވާސަލާތީ ޚިދުމަތްދޭ ފަރާތެއްގެ ގޮތުގައި އުރީދޫގެ މަޤާމު ވަނީ އިތުރަށް ހަރުދަނާވެފައެވެ. ބްރޯޑްބޭންޑް ޚިދުމަތްތައް ފުޅާވަމުންދާކަމާއި، 5G ގެ ގާބިލްކަން އިތުރުވަމުންދާކަމާއި، ކަސްޓަމަރުންނަށް ދޭ ތަޖުރިބާއާއި ކޮމިއުނިޓީ ބައިވެރިވުމަށް އުރީދޫއިން ދޭ އަހައްމިއްޔަތު ބޮޑުކަމުން، 2025 ވަނަ އަހަރުގެ ފަހު ކުއާޓަރާއި އޭގެ ފަހުންވެސް ކުރިއެރުމާއި ޝެއަރހޯލްޑަރުންގެ އަގު ހިފަހައްޓާނެ ކަމަށް އުރީދޫއިން ބުނެއެވެ.