އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންތަކަކަށް ބިރު ދެއްކުމަށް ފަހު ލައްކައަކަށް ވުރެ ގިނަ ޑޮލަރު ފޭރުނު މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ.

މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ފަތިހު، ޑޮމެސްޓިކް ޓާމިނަލްއާއި އާ ޓާމިނަލްއާ ދެމެދުގައި ހަދާފައިވާ ވޯލްކްވޭއިންނެވެ.

ފޭރުމުގެ މި ހާދިސާގައި ގެއްލިފައި ވަނީ 130،000 ޑޮލަރެވެ. އެއީ ދިވެހި ފައިސާއިން ބަލާއިރު ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާއެވެ. މި ފައިސާ އަކީ ވީއައިއޭއިން ފުރާ ދިވެހިންނަށް ދޫކުރުމަށް ގެންދިޔަ ފައިސާއެވެ. ފޭރުނު މީހުން ވަނީ ބީއެމްއެލްގެ މުވައްޒަފުންނަށް ބިރު ދެއްކުމަށް ފަހު، އެތަނުގައި ތިބި އޭވިއޭޝަން ސެކިއުރިޓީންނަށް ވެސް ބިރު ދައްކައި، އެ މީހުންނާއެކު ފުރަން ތައްޔާރުވެފައި އޮތް ލޯންޗަކަށް އަރައި އެ ސަރަހައްދުން ފިލާފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި ހަތަރު މީހުންނަކީ ލ. މާވަށް/ ރޭޝަމް، މާޒިން މޫސާ (25 އ.) އާއި މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމް (20 އ.)، އަޅިވިލާގެ / ކ.ގުރައިދޫ، އިބްރާހީމް އަނޫފް (24އ) އަދި ޙުސައިން ޝަހުދު (30 އ.) އެވެ. މި ހަތަރު މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މާލެއާއި ކައިރީގައި އޮންނަ ހުރާ ރަށުންނެވެ. އެއާޕޯޓުން ފުރި ލޯންޗު ދިޔައީ އެ ރަށަށްކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަޙްޤީޤު ކުރިއަށްދާއިރު، ފޭރިގަތް ޑޮލަރު ހޯދިފައިވާ ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް މި މައްސަލައިގައި ހައްޔަރުކުރި ހުރިހާ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާތީ، ތަޙްޤީޤަށް އެކަށީގެންވާ އެއްބާރުލުން ލިބޭނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން