ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް، މިދިޔަ އޭޕްރިލް މަހު ހިފެހެއްޓި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އެމްޕީއެލް ބަނދަރުން ގެއްލުނު މައްސަލައިގެ ހައްޔަރުގައި ތިބި ޖުމްލަ ނުވަ މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ. މި މައްސަލައިގައި ދައުލަތަށް ޑިއުޓީގެ ގޮތުގައި ލިބެން ޖެހޭ އަދަދު 122 މިލިއަން ރުފިޔާއަށް އަރައެވެ.
މި މައްސަލަ ފެންމަތިވީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓު ގެއްލިފައިވާކަމަށް އޮކްޓޯބަރު މަހުގެ ކުރީކޮޅު މީޑިއާތަކުގައި ހާމަވުމާ ގުޅިގެންނެވެ. މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ މާލޭގެ އެކި ސަރަހައްދުތަކާއި ކ. ތިލަފުށި ވެސް ބަލައި ފާސްކޮށް، ކޮންޓެއިނަރުގެ ބައިތައް ހޯދާފަ އެވެ. މީގެ އިތުރުން މައްސަލައާ ގުޅިގެން 12 މީހެއްގެ ފުރުން މަނާކޮށް، ޕާސްޕޯޓު ހިފަހައްޓާފައި ވެއެވެ.
މި މައްސަލައިގައި ހައްޔަރު ކުރި ނުވަ މީހުންގެ ތެރޭގައި މަޝްހޫރު ދެ ވިޔަފާރިވެރިއަކު ހިމެނެ އެވެ. އެއީ މި އަމަލު ރާވައި ފަންޑު ކުރިކަމުގެ ތުހުމަތު ކުރެވޭ އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އެވެ. އަދި ކަސްޓަމްސްގެ އިސް މުވައްޒަފެއްކަމަށްވާ ޒިވާރު އިސްމާއިލް އާއި މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓުމެންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުރި މުއާޒު އަލީ ވެސް ހައްޔަރުކޮށްފައި ވެއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި އާއްޓޭއާއި، މުއާޒްގެ އިތުރުން ޒިވާރު ޝަރީއަތް ނިމެންދެން ބަންދު ކުރީ އޮކްޓޯބަރ 30 ގައެވެ. އަދި އެންމެ ފަހުން ހައްޔަރު ކުރި އެމްޕީއެލްގެ ތިން މުވައްޒަފުންގެ ތެރޭގައި ހިމެނޭ އަހުމަދު ފިރުޝާން އާއި ތިލަފުއްޓަށް ކޮންޓެއިނަރުގެ ބައިތައް ގެންދިޔަކަމުގެ ތުހުމަތު ކުރެވޭ ދޯނީގެ ކެޕްޓަން އާދަމް ވަހީދު ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. މީގެ ކުރިން ޝަރީއަތް ނިމެންދެން ބަންދު ކުރި މީހުންގެ ތެރޭގައި ހަސަން އަބްދުއްރަހްމާން އާއި ދިގަލި ހިމެނެ އެވެ.