ފިރިންގެ ކިބައިގައި ތަނަވަސްކަން ހުންނަވަރަކުން އަނބިމީހާއަށް އަގުބޮޑު ހަދިޔާތައްވެސް ދޭނެއެވެ. އެގޮތުން ތަނަވަސްކަން ހުރިނަމަ ކިތަންމެ އަގުބޮޑު ޖަވާހިރުތަކެއް ޖަހާފައިހުރި ހާރެއްވެސް ގަނެދީފާނެއެވެ.
މައްސަލައަކަށް މިވަނީ އެއަގުބޮޑު ހާރު ގަނެގެން ގެނެސް އަނބިމީހާގެ ކަރުގައި އެޅުވުމާއިއެކު އަނބިމީހާގެ ސިކުނޑިގޮވާވަރުގެ ބަހެއް ބުނެފާނެއެވެ. ނޫނީ ސިކުނޑިގޮވާވަރުގެ ކަމެއްވެސް ފެނިދާނެއެވެ. އެޙާލަތުގައި ކުރިން ދިން އަގުބޮޑުހާރުން އަނބިމީހާއަށްކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟
އަގުބޮޑު ހާރަކާއި ގުޅުވައިގެން މިވާހަކަކޮޅު މިބުނީ ވިސްނައިދެވޭތޯއެވެ. ބުނަން ބޭނުންވަނީ އަނބިންނަށް ހެޔޮކޮށްހިތަމުން އެކަނބަލުންގެ ހިތުގައި ޖައްސުވާނަމަ ހެޔޮކޮށް ހިތުމަކުން ކުރާނެ ފައިދާއެއް ނެތެވެ. ހެޔޮލަފާ އަނބިން ފިރިމީހާގެ ކިބައިން އެންމެ ބޮޑަށް ބޭނުންވާނެ ކަމަކީ އޮމާން ދިރިއުޅުމެވެ. އެފަދަ ދިރިއުޅުމެއް ލިބޭނީ އެކަކު އަނެކަކަށް ތެދުވެރިވެ ހެޔޮކޮށްހިތިވަރަކުންނެވެ.
ވަރަށް ހިތާމައާއިއެކުބުނަމެވެ. އަނބިމީހާއަށް ކާންދީ އަންނައުނުދިނުމުގެ އިތުރުން ޙިމާޔަތްކޮށް ބެލެހެއްޓުމުގެ ޒިންމާ ގިނަ ފިރިންނަށްވަނީ އޮޅިފައެވެ. އެއީ އެއިގެ ތެރޭގައި އަނބިމީހާއަށް ހެޔޮކޮށް ހިތުން ހިމެނޭކަން ނުއެނގޭތީއެވެ. ހެޔޮކޮށްހިތޭނީ ސިކުނޑިއަށް ލުއިކޮށްދީ ހިތަށް ހަމަޖެހުން ގެނެސްދީގެންކަންވެސް ނުއެނގޭތީއެވެ.
އެކަންކަން އެނގޭނަމަ ހެޔޮލަފާ އަނބިންގެ ކިބައިން ފިރިމީހާއަށް ލިބޭ އުފާވެރިކަން ވަޒަންވެސް ނުކުރެވޭނެއެވެ. އަބަދުވެސް ބަހައްޓާނީ އުފަލުގައެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން