ސުވަރުގެ އެދިގެން ކުރަންޖެހެނީ 2 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ސުވަރުގެ އެދިގެން ކުރަންޖެހެނީ 2 ކަމެއް!

ސުވަރުގެ އެދިގެން ކުރަންޖެހެނީ 2 ކަމެކެވެ. އެއީ ފަރުޟްތަކަށް ރައްކައުތެރިވުމާއި ފާފައެއް ކުރެވޭއިރަށް ތައުބާވުމެވެ. އެއިރުން އެމީހަކު ސުވަރުގެ ވައްދަވާނެކަން ޙަދީޘްފުޅުން ޘާބިތެވެ. އިތުރަށް ހެޔޮ ޢަމަލުތައް ކުރަންވީ ތިމާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރިކުރުމަށެވެ. ސުވަރުގެއިން މަތީދަރަޖަތައް ލިބިގަތުމަށެވެ.

އަހުރެމެންގެ ތެރެއިން ބައެއް މީހުންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކިތަންމެ ވަރަކަށް އަޅުކަންކުރިނަމަވެސް ސުވަރުގެ ލިބިދާނެކަމާއިމެދު ހިތުގައި ޝައްކުތައް އުފެދުމެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި މިއީ ޝައިޠޯނާ އުފައްދުވާ ޝައްކުތަކެކެވެ. 

މިފަދަ ޝައްކުތައް އުފެދެނީ އަޅުކަން ކުރާއިރުވެސް ފާފަތައް ކުރެވޭތީއެވެ. ފާފަކުރެވޭތީ ތިމާކުރާ އަޅުކަން ޤަބޫލުފުޅު ނުކުރައްވަވައިފާނެ ކަމަށް ބިރުގަނެވޭތީއެވެ. ތައުބާ ޤަބޫލުފުޅު ނުކުރައްވަވައިފާނެކަމަށް ވިސްނޭތީއެވެ. ކުރިން މިބުނި ފަދައިން އެއްވެސް ޝައްކެއް ނެތް ގޮތުގައި މިއީ ހަމަ ޝައިޠޯނާ އުފައްދުވާ ޝައްކުތަކެކެވެ. 

ﷲ ތަޢާލާ އަހުރެމެންނަށް އަންގަވަނީ ކިޔަމަންތެރިވެ ރަނގަޅު ގޮތުގައި އުޅެން މަސައްކަތްކުރުމަށެވެ. ފަރުޟުތަކަށް ރައްކައުތެރިވުމަށެވެ. ސުންނަތް އަޅުކަން ކުރުން ގިނަކުރުމަށެވެ. އަދި ފާނުކޮށް ހުންނަން މަސައްކަތްކުރުމަށާއި އެހެންކަމާއިއެކުގައިވެސް ފާފައެއް ކުރެވިއްޖެނަމަ އަވަހަށް ތައުބާވުމަށެވެ. ތައުބާވުމުން ފާފަ ފުއްސަވައިދެއްވަވާނެ ކަމަށެވެ. 

ޙަޤީޤަތަށް ބަލައިފިނަމަ އިބިލީސް ވަނީ ވަރަށް ބޮޑު މާޔޫސްކަމެއްގައެވެ. ހަނދާންކުރަންވީ އެންމެހައި މީސްތަކުން މަގުފުރައްދާނެކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވި ހިނދަށެވެ. ހަމައެހެން ދަންނަވާއިރަށް ﷲ ތަޢާލާ ވަޙީކުރެއްވެވީ ތައުބާވުމުން ފާފަފުއްސަވައި ދެއްވަވާނެ ކަމަށެވެ. 

އަހުރެމެން އެންމެން އުފެއްދެވީ ﷲ ތަޢާލާއެވެ. އަހުރެމެންނަށް ފާފަކުރެވޭނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ އަހުރެމެން އަބަދުވެސް ސަމާލުކަންދޭންވީ ފާފައެއް ނުކޮށް ހުންނަން މަސައްކަތްކުރުމަށެވެ. އެންމެ ބޮޑަށް ސަމާލުކަންދޭންވީ ފާފައެއް ނުކޮށް ހުންނަން މަސައްކަތްކުރަނިކޮށްވެސް ފާފައެއް ކުރެވިއްޖެނަމަ ތައުބާވުމަށް އަވަސްވެގަތުމަށެވެ. އިން ޝާ ﷲ އެމީހަކަށް ފާފަތައް ފުއްސަވައި ދެއްވަވައި ސުވަރުގެވައްދަވާނެތެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން