ބާޒާރުކުރެވޭނީ ވޮލެޓުން ފައިސާދީގެންނެވެ. ކޭޝްކާޑުން އަގު ދެއްކިޔަސް އެކުރެވެނީ ހަމަ އެއްކަމެކެވެ. ތަފާތަކީ ހަމައެކަނި ނަޤުދު ފައިސާގައި އަތްނުލާކަމެވެ. އަހުރެން މިބުނެދެނީ ވޮލެޓަށް ފައިސާ އިތުރުވާނެ މަގުން ބާޒާރުކުރާނެ ގޮތެވެ. ރަނގަޅަށް އަޑުއަހާށެވެ! ބާޒާރުކުރަން އެންމެ ފައިދާ ހުރިގޮތަކީ މިބުނެދޭ ގޮތެވެ.
ބާޒާރުކުރަން ބޮޑު ސުޕަމާކެޓެއް ފަދަ ތަނަކަށް ވަދެއްޖެނަމަ ބޭނުން އެއްޗެއް ނަގާފައި އެއިގައި ޖަހާފައި ހުންނަ އަގެއް ދައްކަނީއެވެ. އަގުހެޔޮކުރަން މަސައްކަތްކުރުމުގެ ފުރުޞަތެއް ނުއޮވެއެވެ. އަދި އަގުހެޔޮކުރުވަން މަސައްކަތެއްވެސް ނުކުރެއެވެ. ބުނިއަގެއް ދެނީއެވެ.
ދެން މިނުކުންނަނީ މަގުމައްޗަށެވެ. ނުކުންނަތަނުން ނިކަމެތި ފަޤީރަކު ދޮންކެޔޮ ނޫނީ ތަރުކާރީކޮޅެއް ފަދަ އެއްޗެއް ވިއްކަން އިންދައި ފެނިދާނެއެވެ. އަގު އެހުމުން އޭނާ ބުނާ އަގު ދޭން އެއްބަހެއް ނުވެވެއެވެ. އަގުހެޔޮކުރުވަން މަސައްކަތްކުރެއެވެ. އެއިރު އެފަޤީރު މީހާ އެމަސައްކަތްކުރަނީ އޭނާގެ ޢާއިލާގައިތިބި ބައަކަށް ކާނެ އެތިކޮޅެއް ގަނެލެވޭނެ މިންވަރު، އެމީހުންގެ ބަނޑުފުރާނަ މުއްތިކޮށްލެވޭނެވަރު ކުރެވޭތޯ ކަމާއިމެދު ވިސްނައިވެސް ނުލައެވެ.
ވިސްނާށެވެ! މިކިޔައިދިން ދެ ޙާލަތަށް ފުންކޮށްވިސްނާށެވެ. ތިމާއަށް ޢަމަލުކުރެވެނީ މިބުނި ގޮތަށް ކަމުގައިވާނަމަ ތިބާއަށް ﷲ ތަޢާލާ ދެއްވެވި ތަނަވަސްކަމުގެ ބޭނުން އެހިފެނީ ރަނގަޅަކަށް ނޫނެވެ. ރަނގަޅަށް ހިފުނުކަމަށްވާނީ އެންމެ ކުޑަމިނުން ފަޤީރު މީހާ ވިއްކަން ބުނި އަގަށް ގަތުމުންނެވެ. އެއަށްވުރެ މަތީ ހަރުފަތަކަށް ޖެހިލަން ބޭނުންވާނަމަ އިތުރަށްވެސް އޭނާއަށް ދޭށެވެ. މިޘާލަކަށް އޭނާ ވިއްކަނީ ޑޮލަރަކަށް 5 ވައްދޮންކެޔޮކަމަށްވާނަމަ ޑޮލަރެއް ދީފައި 4 ވައްދޮންކެޔޮގެންދާށެވެ. އެހެނީ އޭނާ އެއުޅެނީ ވަރަށް ނިކަމެތި ޙާލުގައެވެ.
އަހުރެން މިވާހަކަ މިދައްކަނީ އެފަޤީރު މީހާއަށްޓަކައި އެކަންޏެއް ނޫނެވެ. ތިބާއަށްޓަކައިވެސްމެއެވެ. އެހެނީ މިބުނެދިން މަގުން ޢަމަލުކުރާނަމަ އެކަމުގެ ބަދަލު ﷲ ތަޢާލާ ތިބާއަށް ދެއްވަވާނެތެވެ. ހެޔޮ ރަހްމަތް ލައްވަވާނެތެވެ. ތިބާގެ ތަނަވަސްކަން އިތުރުކުރައްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން