ﷲ ތަޢާލާއަށް ކިޔަމަންތެރިވެ ހެޔޮޢަމަލުތައް ކުރާ މީހުންނަށް ދެއްވަވާފައިވާ ޔަޤީންކަން އޮޅުވައިނުލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ﷲ ތަޢާލާއަށް ކިޔަމަންތެރިވެ ހެޔޮޢަމަލުތައް ކުރާ މީހުންނަށް ދެއްވަވާފައިވާ ޔަޤީންކަން އޮޅުވައިނުލާށެވެ!

މީސްތަކުންނޭވެ! ދުނިޔެއިން ޙާޞިލްކުރަން ތިބާ އެދޭ އެއްވެސް ކަމެއް ޙާޞިލްނުކުރެވިގެން ކަންބޮޑުނުވާށެވެ! ދުނިޔެއިން އެއްވެސް މީހަކަށް އެއްވެސް ކަމެއް ޙާޞިލްކުރެވޭނެ ކަމުގެ އެއްވެސް ގަރަންޓީއެއް ﷲ ތަޢާލާ ދެއްވަވާފައެއް ނުވެއެވެ.  

މަތީ މަޤާމުލިބުން، ތަނަވަސްކަން ލިބުން، ރީތި ބައިވެރިއަކުން ލިބުން، ދިރިއުޅޭނެ ރީތި ފުރިހަމަ ގެދޮރު ލިބުން، ދުއްވާނެ ކާރެއް ލިބުން ފަދަ އިންސާނުން އެންމެ ބޮޑަށް ބޭނުންވާނެ އެއްވެސް ކަމެއް ލިބޭނެ ކަމުގެ ގަރަންޓީ އެއްވެސް މީހަކަށް ދެއްވަވާފައެއް ނުވެއެވެ.  

ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ތިމަން ﷲ އަށް ކިޔަމަންތެރިވުމަށެވެ. ހަމައެކަނި ތިމަން ﷲ އަށް އަޅުކަން ކުރުމަށެވެ. އެއިރުން އެމީހަކަށް ހެޔޮ ގޮތްތައް ދުނިޔޭގައި މެދުވެރިކުރައްވަވާނެ ކަމަށެވެ. އަދި ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅެފިނަމަ ސުވަރުގެ ވައްދަވާނެ ކަމަށެވެ. 

ދުނިޔޭގައި ކޮންމެ މީހަކަށްވެސް ލިބޭނެ ކަމަށް ﷲ ތަޢާލާ ގަރަންޓީ ދެއްވަވާފައިވަނީ ހަމައެންމެ ކަމަކަށެވެ. އެއީ ތިމާ އެކަމެއް ވުމަށް އެންމެ ބޭނުންނުވާނެ، ނުއެދޭނެ ކަންތަކެވެ. އެއީ މަރުވުމެވެ. މަރުވުމުގެ ވަޤުތު ޖެހުމުން ފިލަން ދެވޭނެ ތަނެއް، ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. ﷲ ތަޢަލާ ކަނޑައަޅުއްވަވާފައިވާ ވަޤުޖެހުމުން ކޮންމެ މީހަކުވެސް މަރުވާނެއެވެ.  

ވީމާ ކޮންމެ މުސްލިމަކުވެސް މިކަންކަމަށް ވިސްނަންވާނެއެވެ. ދުނިޔެއިން ތިމާ އެދޭ ކަންކަން ޙާޞިލުނުކުރެވިގެން ކަންބޮޑުނުވާށެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކޮށް އަދާކޮށް ސުވަރުގެ ޙާޞިލުކުރަން މަސައްކަތްކުރާށެވެ. މަރަށް މަރުޙަބާކިޔަން ތައްޔާރުވެގެން ހުންނަ މީހަކަށްވާށެވެ! އެއިރުން އެމީހަކަށް އެއޮތީ ދުނިޔެއާއި އާޚިރަތްވެސް ކާމިޔާބުކުރެވިފައެވެ.

 

- މަޢުލޫމާތު: ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން