ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދިރިއުޅުމަކީ އިމްތިޙާނެއްކަމަށް ބުނެލުމަކުން އަދި ނުނިމޭނެއެވެ. އެހެނީ ދުނިޔޭގައި އަހުރެމެން އިށީންނަ އިމްތިޙާނުތަކުގައި އިށީނުމުން އެކަން އެހިސާބުން އެނިމުނީއެވެ. ނަމަވެސް ދިރިއުޅުމުގެ އިމްތިޙާނަކީ ދުނިޔޭގައި ހުރިހާ ދުވަހަކު ކުރިއަށްދާނެ އިމްތިޙާނެކެވެ.
އެއިމްތީޙާނާއިމެދު މިގޮތަށް ވިސްނާށެވެ! އިމްތިޙާނުގެ ސުވާލު ކަރުދާސް ތައްޔާރުކުރައްވަވާފައިވަނީ ދުނިޔެއަށް އުފަންވުމުގެ މާކުރިން ﷲ ތަޢާލާއެވެ. ވީމާ ކަރުދާސްގަނޑުގައި މިސުވާލު މިއޮތީ ކީއްވެގެންކަމާއިމެދުގައި ސުވާލެއް ނުކުރެވޭނެއެވެ.
ދެން އޮތީ ސުވާލުގެ ޖަވާބެވެ. ޖަވާބު ލިބޭނީ ޤުރްއާނާއި ޙަދީޘްފުޅުންނެވެ. ސުންނަތުންނެވެ. ޙަދީޘްފުޅުތަކުންނާއި ސުންނަތުން ފެންނަން އެހުރީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވެވި ޖަވާބުތަކެވެ. އެޖަވާބުތައް އިތުރުއެކަލޭގެފާނަށް ލިބިވަޑައިގަތީ ކޮންތަނަކުން ހެއްޔެވެ؟ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ވީމާ ޤުރްއާނުގައި އޮތަށް ޙަދީޘްފުޅުގައި އޮތަސް އެ ޖަވާބު އައިސްފައި އެވަނީ ﷲ ތަޢާލާގެ ޙަޟްްރަތުންނެވެ.
ވީމާ އެނޫން އިތުރު ގޮތަކަށް ޖަވާބު ހޯދައިގެން ޖަވާބުދީފިނަމަ ޖަވާބު ރަނގަޅެއް ނުވާނެއެވެ. ޖަވާބު ނުބައިވެ އިމްތިޙާނުން ފޭލްވާނެއެވެ. އެއިރުން އެމީހެއްގެ ހުރިހާ ކަންކަން ފޭލްވެގެންދިއައީއެވެ.
ތަފާތު ގޮތަކަށް މިކިޔައިދިނީ ދިރިއުޅުމުގައި ކަންކަން ދިމާވުމުން ޢަމަލުކުރަންވީ ގޮތެވެ. އެގޮތަކީ ކޮންމެ ކަމެއްވެސް ޤުރްއާނާއި ސުންނަތުގައިވާ ގޮތަށް ކުރުމެވެ. އެހެން ގޮތަކަށް ނުކުރުމުގެ މުހިންމުކަމުގެ ވާހަކައެވެ.
ދިމާވާ ކޮންމެ ކަމަކާއި ގުޅިގެން ޢަމަލުކުރަންވާގޮތް ކޮންމެ މީހަކަށް ނުއެނގިހިނގައިދާނެއެވެ. އެހާލަތުގައި އޮތީ އެނގޭ މީހުންގެ ގާތުގައި އަހައިގެން އޮޅުންފިލުވުމެވެ. ތިމާއަށް ޢަމަލު މިކުރެވެނީ ދީނުގައިވާ މަގުންކަން ޔަޤީންކޮށްގެން ކަންކަން ކުރުމެވެ. ނޫންނަމަ ކުރިން މިބުނިފަދައިން ނުބައި ގޮތަކަށް ކަންކަން ކުރެވި ފާފަވެރިވެދާނެއެވެ. އަހުރެމެންނަށް އޮތީ ފާފަވެރިވެދާނެ އެއްވެސް ކަމެއް ނުކޮށް ތިބެން މަސައްކަތްކުރުމެވެ.
ކުރުކޮށް ބުނާނަމަ އިމްތިޙާނުން ފާސްވުމަށް ކުރަން މިއޮތީނ ހަމަ އެންމެ ކަމެކެވެ. އެއީ ޤުރްޢާނާއި ސުންނަތުގެ މަގުގައި ޘާބިތުވުމެވެ. އެނޫން އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެއެވެ.
- މަޢުލޫމާތު: މުފްތީ މެންކްގެ ދަރުސަކުން