ހިތްދަތިކަން ނުވަތަ އެނޫންވެސް ދަތިކަމަކުން އަރައިގަންނަން އެދޭމީހާ ނަމާދުތަކަށް ރައްކައުތެރިވުމާއިއެކު ރޭއަޅުކަން ކުރުން ގިނަކުރުމަށްވުރެ ފައިދާހުރި ކަމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ހިތްދަތިކަން ނުވަތަ އެނޫންވެސް ދަތިކަމަކުން އަރައިގަންނަން އެދޭމީހާ ނަމާދުތަކަށް ރައްކައުތެރިވުމާއިއެކު ރޭއަޅުކަން ކުރުން ގިނަކުރުމަށްވުރެ ފައިދާހުރި ކަމެއް ނެތް!

ރޭއަޅުކަންކުރުމަކީ ކުރިމަތިވާ ތަކްލީފްތަކުން އަރައިގަތުމަށް އޮތް އެންމެ ފަސޭހަ މަގެވެ. އަދި ދެއްވަވާފައިވާ ނިޢުމަތްތައް ތިމާއާއިއެކުގައި ލަހައްޓަވައި ދެއްވެވުން އެދިގެންވެސް ކުރަން އޮތް ޢަމަލެވެ. ހަމަ އެއާއިއެކު ނިޢުމަތް އިތުރުކޮށް ދެއްވެވުން އެދިގެންވެސް ކުރަން އޮތް ޢަމަލެވެ. އެކަމަކު އެންމެ ގިނަ ބައަކަށް އެންމެ ބޮޑަށް އިހްމާލްވެވެނީ ޜޭއަޅުކަން ކުރުމަށެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ.  

ދުނިޔޭގެ އާބާދީއަށް ބަލައިފިނަމަ އެންމެ ގިނަވާނީ ނިކަމެތިންނެވެ. ފަޤީރުންނެވެ. އެހެންކަމާއިއެކުވެސް އެތައް މިލިއަން ބައަކަށް ވަނީ ތަނަވަސްކަމާއި މަތިވެރިކަން ދެއްވަވާފައެވެ. އަހުރެން މިރޭ ފާހަގަ މިކުރަނީ މިބުނި މީހުންގެ ވާހަކައެވެ.  

ﷲ ތަޢާލާ ހުރިހާ ފާފަތަކެއް ފުއްސަވައިދެއްވަވާފައިވާކަމާއި އަދި ސުވަރުގޭގެ އެންމެ މަތީދަރަޖަ ދެއްވަވާނީ އިތުރު އެކަލޭގެފާނަށްކަން އެނގިވަޑައިގަންނަވައި ހުންނަވައިވެސް ރޭގަނޑު އަރާމު ނުކުރައްވަވައި ކޮންމެ ރެއަކު ދެފައިންޕުޅު ދުޅަވަންދެން ރޭއަޅުކަން ކުރައްވަވަނީ ކީއްވެގެންތޯ އަނބިކަނބަލުން ޢާއިޝަތުގެފާނު ކުރެއްވެވި ސުވާލަށް ދެއްވެވި ޖަވާބު މިބުނި މީހުންނަށް ހަމަ  ނުއެނގެނީހެއްޔެވެ؟  

ޖަވާބުގައި ޙަދީޘްފުޅު ކުރެއްވެވީ އެހައި ގިނަ ނިޢުމަތްތައް ދެއްވެވުމުން ޝުކުރުވެރިވެވަޑައިގަންނަވަން ބޭނުންފުޅުވެވަޑައިގަންނަވާކަން ނޫންހެއްޔެވެ؟  

މިބަޔާންކުރި ޙަދީޘްފުޅު މުސްލިމުންނަށް އެނގޭނެއެވެ. އަހުރެން ޤަބޫލުކުރާ ގޮތުގައި ޚުޠުބާތަކުގައި އަބަދުހެން ކިޔާތީ އެންމެންނަށްވެސް އެނގޭނެއެވެ. ދެން ނިކަން ބުނެބަލާށެވެ! ﷲ ތަޢާލާ ކަލޭމެންނަށް ނިޢުމަތްތައް ދެއްވެވުމުން ޝުކުރުވެރިވާން ކުރަނީ ކޮންކަމެއް ހެއްޔެވެ؟ އެންމެ ކުޑަމިނުން ލުއި ގޮތަކަށް ނަމަވެސް ރޭއަޅުކަން ކުރަމު ހެއްޔެވެ؟  

އަޚުންނާއި އުޚުތުންނޭވެ! ތަނަވަސްކަމާއި މަތީ ދަރަޖަތައް ދެއްވެވުމުން އަޅުކަންކުރުން ގިނަކުރަންވާނެއެވެ. ރޭއަޅުކަންކުރުން ވެސް ގިނަކުރަންވާނެއެވެ. އަދި އެނޫން މީހުންވެސް ރޭއަޅުކަންކުރަންވާނެއެވެ. ކޮންމެ މީހަކަށްވެސް ވަނީ އެތައް ބައިވަރު ނިޢުމަތްތައް ދެއްވަވައިފައެވެ. ނުދެއްވަވާބަނަ އަހުރެމެންނަށް ދުނިޔޭގައި ދިރިތިބެވޭނެ ހެއްޔެވެ؟  

ކުރިން މިބުނި ފަދައިން ނިޢުމްތައް ގިނައިން ލިބުނު ވަރަކަށް ޝުކުރުވެރިވުން ގިނަކުރާށެވެ! އަދި ނިޢުމަތްތައް އިތުރުވުމަށް އެދިގެންވެސް ޝުކުރުވެރިވުން ގިނަކުރާށެވެ. ހަމަ ކަށަވަރުން ޝުކުރުވެރިވާ އަޅުންނަށް ނިޢުމަތްތައް ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ނިޢުމަތްތައް އިތުރުކުރައްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން