ނޭޝަނަލް ޕޭ ފްރޭމްވޯކަށް ގެނެވުނު އެންމެ ފަހުގެ އިސްލާހަކީ، ދައުލަތުގެ 20،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ސީދާ އަސަރުކުރި ބަދަލެއް ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުގެ މެންބަރު ރަންދާ ފުޢާދު ވިދާޅުވެއްޖެއެވެ. މި އިސްލާހާއެކު ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް އެއްހަމަ ކުރުމުގެ މަސައްކަތަށް އިތުރު ބާރެއް ލިބިގެން ގޮސްފައިވާކަމަށް ރަންދާ ފާހަގަކުރެއްވިއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ރަންދާ ފުޢާދު ވިދާޅުވީ، ކޮންމެ ފަންނަކަށްވެސް އެފަންނަކާ އެކަށީގެންވާ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމަށްޓަކައި ސްޓޭންޑަޑް ޖޮބް މެޓްރިކްސްތަކެއް އެކުލަވާލާފައިވާ ކަމަށެވެ. "މިއަދު ނޮވެންބަރު 1 އިން ފެށިގެން މި ގެނެވުނު ބަދަލަކީ ދައުލަތުގެ 20،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ގެނެވުނު ބަދަލެއް،" ރަންދާ ފުޢާދު ވިދާޅުވިއެވެ.
އައު ފްރޭމްވޯކް ތެރެއިން 300 އަށްވުރެ ގިނަ ޖޮބް މެޓްރިކްސް އެކަށައަޅާފައިވާ ކަމަށް ޕޭ ކޮމިޝަނުން ހާމަކުރެއެވެ. ޕޭކޮމިޝަންގެ މެންބަރު އަފާފް އިބްރާހީމް އަލިދީދީ ވިދާޅުވީ، މި މަސައްކަތުގެ ސަބަބުން ޤައުމަށް ބޭނުންވާ މަސައްކަތްތެރިން ފާހަގަކުރެއްވިގެން ގޮސްފައިވާ ކަމަށާއި، މިއީ ވަޒީފާގެ މާހައުލު ހަރުދަނާ ކުރުމަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.
މި އޮނިގަނޑަށް އެންމެ ފަހުން ގެނެވުނު 8 ވަނަ އިސްލާހުގެ ތެރެއިން 3 ދާއިރާއެއްގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރެވޭނެއެވެ. ނޭޝަނަލް ޕޭ ފްރޭމްވޯކަކީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން، ދައުލަތުގެ ހުރިހާ އިދާރާއެއްގެ މުސާރައާއި އިނާޔަތްތައް އެއްހަމަ ކުރުމުގެ ބޭނުމުގައި ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާފައިވާ މުހިންމު އޮނިގަނޑެކެވެ.
މުސާރަ އެއްހަމަ ކުރުމުގެ (ޕޭ ހަމަނައިޒޭޝަން) މަސައްކަތަކީ މި ސަރުކާރުން އިސްކަންދެއްވާފައިވާ ކަމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު، މި މަސައްކަތުގެ ތެރެއިން ސިވިލް ސަރވިސްއާއި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރެވޭނެކަން އިޢުލާންކުރައްވާފައެވެ.