ކީރިތި ޤުރްއާން އުނގެނުން ﷲ ތަޢާލާ ވަނީ ފަސޭހަކޮށްދެއްވަވައިފައެވެ. ނަމަވެސް ކޮންމެ މީހަކަށް އެއްވަރަކަށް އެހައި ފަސޭހަނުވެދާނެއެވެ. ފަސޭހަ ނޫންނަމަ ފުރަތަމަކަމެއްގެ ގޮތުން މާޔޫސް ނުވެ އަހަރެމެންނަށް އޮތީ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދިގެން މަސައްކަތްކުރުމެވެ.
މިޘާލަކަށް އެންމެންނަށްހެން ވަނީ ދެފައި ދެއްވަވައިފައެވެ. އެއީ ހިނގުމަށެވެ. އެކަމަކު އެންމެންނަށް ހިނގެނީ އެއްބާރުމިނެއްގައެއް ނޫނެއް ނޫންހެއްޔެވެ؟ އެހެންކަމާއެކުވެސް ހިނގަން ަމސައްކަތްކުރުމުން ކުރިއަށްދެވޭ ނޫންހެއްޔެވެ؟
މަސައްކަތްކުރުމުންވެސް އުދަގުލުން ކިޔަވަން ޖެހުމަކީ ޘަވާބު އިތުރުކުރައްވަވާ ކަމެކެވެ. ވީމާ މާޔޫސްވެ މަސައްކަތްކުރުން ހުއްޓައިލުމެއް ނެތެވެ. އޮތީ ދޫނުދީ ކުރިއަށްދާން ގަދައަޅައި މަސައްކަތްކުރުމެވެ.
ފުރަތަމަ ކަމަކީ ކޮންމެ ހެޔޮކަމެއްގައިވެސް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވަނީ އެކަމަށް އެދިގެން އެމީހަކު ކުރިމަސައްކަތަށެވެ. މަސައްކަތްކުރާ ވަރަކަށް ޘަވާބު އިތުރުކޮށްދެއްވަވާނެތެވެ.
ދެވަނައަށް އޮތީ ހިތްވަރާއިއެކު މަސައްކަތްކުރުމެވެ. މާޔޫސްވެ ފަހަތަށް ނުޖެހުމެވެ. އަޅުންކުރާނީ މަސައްކަތެވެ. މާނައަކީ އަހަރެމެންނަކީ ﷲ ތަޢާލާގެ އަޅުންނެވެ. އަހަރެމެންނަށް އޮތީ ކަންކަން ޙާޞިލުކުރަން މަސައްކަތް ކުރުމެވެ. ތައުފީޤް ދެއްވެވުން އޮތީ ﷲ ތަޢާލާއަށެވެ.
ދެން ބުނެލަން އޮތީ ދުޢާކުރާށެވެ! އަދި ޤުރްއާން ކިޔަވަން ފަށަމުން އަޢޫޛް ކިޔާށެވެ. އެއީ ޝައިޠޯނާގެ ކިބައިން ސަލާމަތްކަން ދެއްވެވުން އެދި ކުރަން އޮތް ދުޢާއެވެ. ހަމައެއާއިއެކު ތިމާއަށް ފަސޭހަކޮށް ދެއްވެވުން އެދި ދުޢާކުރާށެވެ.
އެންމެންގެ ހިތުގެ ތޫނުކަން އެއްވަރެއް ނޫނެވެ. އެހެންކަމުން ކޮނަމެ ކަމެއް ދަސްކުރުމުގައި ވެސް މީސްތަކުންގެ މެދުގައި ތަފާތުތަކެއް ހުރެއެވެ. ކީރިތި ޤުރްއާން އުނގެނުމާއި ފަހުމްވުމުގައިވެސް ތަފާތުތަކެއް ހުރެއެވެ. އެއީ އެއްވެސް ޙާލެއްގައި މާޔޫސްވާން ޖެހެންވީ ކަމެއް ނޫނެވެ. ޙައްލު ހޯދޭނެއެވެ! އިން ޝާ ﷲ!
ދަތިކަން ހުންނަ މީހުންނަށް އިތުރަށް މަސައްކަތްކުރަން ޖެހޭނެއެވެ. އިތުރަށް މަސައްކަތްކުރުމުން ވެސް ބައެއް މީހުންނަށް އުނދަގޫތައް ކުރިމަތިވެއެވެ. މިސާލަކަށް އާޔަތެއްގެ މާނަ ކީ ނަމަވެސް ފަހުމް ވުމުގައި އުނދަގޫތައް ކުރިމަތިވާ މީހުން ތިބޭނެއެވެ. އެފަދަ މީހުން މާނައިގެ އިތުރުން ތަފްސީރުކިޔާށެވެ! އަދި ފަހުމްވާ މީހުންވެސް ތަފްސީރު ކިޔަންވާނެއެވެ. އާޔަތުގެ މާނައިން ނުއެނގޭ އެތައް ބައިވަރު ކަންކަން އެއިރުން އެނގިގެންދާނެއެވެ.
މީސްތަކުންނޭވެ! ކީރިތި ޤުރްއާން ކިޔަވަން ފެށުމުގެ ކުރިން ތިމާއަށް އެކަން ފަހިކޮށް ދެއްވަވާތޯ ދުޢާ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. ނަމަވެސް މިހާރަށް ބަލައިފި ނަމަ އެކަން ކުރަން ހަނދާން ވަނީ މަދު ބައަކަށެވެ. ދުޢާ ކުރަމުން މަސައްކަތް ފަށާ ނަމަ އެމީހަކަށް އެކަމަށް މަގުފަހިކޮށް ދެއްވަވާނެތެވެ.
ދުޢާ ކުރުމާއިއެކު އަޢޫޛް ކިޔައި ޝައިޠާނާގެ ކިބައިން ރައްކައުތެރިކަމަށް އެދޭށެވެ! އެއީ ހަމަ މަޖުބޫރު ކަމެކެވެ.
ކީރިތި ޤުރްއާން އުނގެނުމަކީ ކުރަން އެހައި ފަސޭހަ ކަމެއް ނޫނެވެ. އެއީ ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް އެއީ އެއްވެސް އުނދަގޫ ކަމެއް ވެސް ނޫނެވެ. އެކަން އެނގެނީ ކީރިތި ޤުރްއާން ހިތުދަސް މީހުންގެ އަދަދު ގިނަކަމުންނެވެ. ކީރިތި ޤުރްއާން ވަރުގެ ފޮތެއް، ދުނިޔޭގެ ހުރިހާ ފޮތްތަކަށް ބެލި ނަމަވެސް އެންމެ ގިނަ ބައަކަށް ހިތުދަސްކުރެވިފައިވަނީ ކީރިތި ޤުރްއާނެވެ. އަދި އެފަދަ ބޮޑު ފޮތެއް އެންމެ ޅަ ޢުމުރުގައި ވެސް ކުދިންނަށް ހިތުދަސްކުރެވޭ ފޮތަކީވެސް ކީރިތި ޤުރްއާނެވެ. މިއީ މުޅި ދުނިޔެ ވެސް ޤަބޫލުކުރާ ކަމެކެވެ. ދުނިޔޭގެ ކަންކޮޅުތަކުން ފެންނަން އޮތް ޙަޤީޤަތެކެވެ.
މިފަދަ ދުޢާތައް ކުރާށެވެ!
ދޫފުޅު ފަސޭހަކޮށްދެއްވެވުން އެދިވަޑައިގެން މޫސާގެފާނު ކުރެއްވެވި ދުޢާ!
"އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށްޓަކައި މިއަޅާގެ ހިތް ތަނަވަސްކޮށްދެއްވާނދޭވެ! އަދި މިއަޅާގެ ކަންތައް މިއަޅާއަށް ފަސޭހަކޮށްދެއްވާނދޭވެ! އަދި މިއަޅާގެ ދުލުގެ ގޮށް މޮއްސަވައިލައްވާނދޭވެ! (އެބަހީ: ދުލުގައިހުރި ދަތިގޮތް ފިލުއްވައިދެއްވައި، ދޫފަސޭހަކޮށްދެއްވާނދޭވެ!" (ޠާހާ: 25،26،27)
--މަޢުލޫމާތު: ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން