ދިވެހިރާއްޖޭގެ ފަހުރުވެރި ނަސްރުގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން، ހުޅުމާލެ ޕޮލިސްގެ ފަރާތުން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތްތަކުގެ ތެރޭގައި "ޝަހީދުންގެ ޝަރަފުގައި ދިދަ ވިހުރުވައިލުން" އާއި "ނަސްރުގެ ފަސާނާ" ހުޅުވުން ހިމެނެއެވެ.
ނޮވެންބަރު 03 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި އުދުވާނުގައި ގައުމަށްޓަކައި ޝަހީދުވި އަބުތާލުންގެ ހަނދާން އާކޮށް، އެބޭފުޅުންގެ އަގުނުކުރެވޭފަދަ ގުރުބާނީ ހަނދާން ކުރުމުގެ ގޮތުން ހުޅުމާލެ ޕޮލިސްގެ ފަރާތުން އިންތިޒާމުކުރި "ޝަހީދުންގެ ޝަރަފުގައި ދިދަ ވިހުރުވައިލުން" ރަސްމިއްޔާތުގައި ޝަހީދުވި އަބްތާލުންގެ ހަނދާނުގައި ސުކޫތެއް ގެނެސް، ޝަހީދުންގެ ޝަރަފުގައި ދިދަ ވިހުރުވައި، ޝަހީދުންގެ މައްޗަށް ހާއްސަ ދުއާ ކުރުމަށްފަހު ގައުމީ ސަލާމް ކިޔުން އޮތެވެ.
މި ރަސްމިއްޔާތުގައި ހުޅުމާލޭގެ ސްކޫލްތަކުގެ ގިނަ އަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުންނާއި ސްކޫލްތަކުގެ މެނޭޖްމަންޓްގެ ބޭފުޅުންނާއި، އާންމުން ބައިވެރިވެފައިވެއެވެ. މި ހަރަކާތްތަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު 03 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި އުދުވާނުގައި ގައުމަށްޓަކައި ޝަހީދުވި އަބުތާލުންގެ ގުރުބާނީ ހަނދާންކޮށް ޒުވާން ޖީލަށް އެ ދުވަހުގެ މުހިންމުކަން އަންގައިދިނުމަށް ބޭއްވި ހަރަކާތެކެވެ.
"ޝަހީދުންގެ ޝަރަފުގައި ދިދަ ވިހުރުވައިލުން" ރަސްމިއްޔާތަށްފަހު، "ނަސްރުގެ ފަސާނާހުޅުވުން" އޮތެވެ. "ނަސްރުގެ ފަސާނާ" އަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު 03 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި އުދުވާނުގައި ހަނގުރާމައިގެ ކަންކަން ހިނގައިދިޔަ ގޮތުގެ ވާހަކަ، ފޮޓޯތަކުންނާއި ލިޔުމުން ކިޔައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ހާއްސަ މާލަމެކެވެ. މި މާލަން ހުޅުވުމަށްފަހު، އާންމުކޮށް ބަލާލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
"ޝަހީދުންގެ ޝަރަފުގައި ދިދަ ވިހުރުވައިލުން" ރަސްމިއްޔާތަށް ވަޑައިގެންނެވި ސްކޫލްތަކުގެ ދަރިވަރުންނާއި މުދައްރިސުންނާއި ޝަރަފުވެރިން، ނަސްރުގެ ފަސާނާ ބަލާލުމަށް ޒިޔާރަތްކޮށް، ދުވަހާ ގުޅޭ މައުލޫމާތު ހޯދާފައިވެއެވެ. ސްކޫލްތަކުން އައި ދަރިވަރުން ނަސްރުގެ ދުވަހާ ގުޅޭ ގޮތުން ކުރި ސުވާލުތަކަށް ޖަވާބުދީ، ކަންކަން ސާފުކޮށްދިނުންވެސް މި މާލަމުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
"ނަސްރުގެ ފަސާނާ" ތައްޔާރުކޮށްފައިވާ މާލަން މި ހަފުތާގެ ބުރާސްފަތި ދުވަހުގެރެއާ ހަމައަށް ހުޅުވާފައި ހުންނާނެއެވެ. ސްކޫލްތަކުންނާއި އޮފީސްތަކުންނާއި އާންމުންނަށްވެސް ކުރިއަށް އޮތް ދުވަސްތަކުގައި "ނަސްރުގެ ފަސާނާ" ބަލައިލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި ހަފުތާގެ ކުރިއަށް އޮތް ދުވަސްތަކުގައި ހުޅުމާލޭގެ ބައެއް ސްކޫލްތަކުން މި މާލަން ބަލައި މައުލޫމާތު ހޯދުމަށް މިހާރުވެސް ވަނީ ވަގުތުތައް ހަމަޖައްސާފައެވެ.
ހަބަރު: ޕޮލިސް