ކައިވެންޏަށް ތައްޔާރުވުމާއިމެދު އެކި މީހުން ވިސްނަނަނީ އެކިގޮތަށެވެ. އެހެންވެ ތައްޔާރުވާން އެކި މީހުން ކުރަނީ އެކިކަންކަމެވެ. ބެޑްރޫމް ސެޓާއި އެހެންވެސް ތަކެތި ގަންނަ މީހުންވެސް އުޅެއެވެ. އަހުރެން ފާހަގަ މިކުރަނީ އެފަދަ ހުރިހާ ކަމަކަސްވުރެ މުހިންމުކަން މާބޮޑުކަމެކެވެ. އެކަން ކުރަން އަތުން އެއްވެސް ޚަރަދެއް ކުރާކަށްވެސް ނުޖެހޭނެއެވެ.
ކައިވެނިކޮށް ޒަވާޖީ ހަޔާތަކަށް ފެށުމަށްފަހު ބައެއް ފިރިހެނުންނަށް ވިސްނެނީ އަނބިމީހާ އަކީ އޭނާ ކުރާހައި ކަމަކަށް އަބަދުވެސް ކެތްތެރިވެގެން އިންނާނެ އަންހެނެއް ކަމަށެވެ. ތިމާއަކީ ގެއިން ބޭރުގައި ރައްޓެހިންނާއިއެކު ގިނަ ވަޤުތުތައް ހޭދަކުރާ މީހަކު ނަމަ އެކަންކަން ތިމާއަށް ފަސޭހަ ގޮތަކަށް، ނުވަތަ ކުރާނެހައި ދުވަހަކުން އިޞްލާޙްކުރަންދެން އަނބިމީހާ ކެތްތެރިވެގެން ގޭގައި ތިމާއަށް އިންތިޒާރުކުރަން އިންނާނެކަމަށެވެ.
އެކުވެރިންނޭވެ! އެދުވަސް މާޒީއާއިއެކުވެގެން ހިނގައްޖެއެވެ. ކައިވެނި ކުރަނީ ތިމާ ބޭނުންވާ މުއްދަތަކަށް ތިމާ ބޭނުންވާހައި ގޮތަކަށް ކަންކަން ކުރަން ކަމަށް ފިރިހެނުން މިއަދު ޤަބޫލުކޮށްގެން ނުވާނެއެވެ. މިއަދު އަންހެނުންވެސް މުއްދަތު ކަނޑައަޅައެވެ. ފިރިމީހާ ގެ ކިބައިން އުފާ ނުލިބޭކަން ޔަޤީންކުރެވުމުން ފިރިމީހާ އޭނާ ދޫކޮށްލާނެ ދުވަހެއް އަންނަންދެން އިންތިޒާރެއް ނުކުރާނެއެވެ. އެމީހުން އަމިއްލައަށް ކައިވެނި ނިންމައިލާނެއެވެ. އެފުރުޞަތު މިއަދު އެކަނބަލުންނަށް އެބައޮތެވެ.
ކައިވެންޏެއްގެ އެންމެ ބޮޑު ބޭނުމަކީ އެކުގައި ސުވަރުދާން މަސައްކަތްކުރުން ކަމުގައިވުން ދުރުގައި ބާއްވާށެވެ. ސަބަބަކީ އެކަންވެސް ޙާޞިލުކުރެވޭނީ ދެމީހުން އެކުގައި ދިރިއުޅެގެންކަމަސްވާތީއެވެ. އެކުގައި ދިރިއުޅުމަކީ ދެމީހުން ހަމައެކަނި ނިދަން ބައްދަލުވެގެން ދުނިޔޭގައި އުޅުމެއް ނޫނެވެ. އެކުގައި ދިރިއުޅުމުގެ މާނައަކީ ވީހައި ގިނަ ވަޤުތުތަކެއް ދެމީހުން އެކުގައި ހޭދަކުރުމެވެ.
އެކުވެރިންނޭވެ! އަހުރެންގެ ވިސްނުމުގައި ކައިވެންޏަށް ވާންޖެހޭ އެންމެ މުހިންމު ތައްޔާރީއަކީވެސް ދެމީހުން އެކުގައި ވަޤުތު ހޭދަކުރެވޭނެ ގޮތަށް ކަންކަންކަން އިންތިޒާމުކުރުމެވެ. އެކަމަށް ތިމާ ތައްޔާރުވުމެވެ. އެކަމަށް ތައްޔާރުނުވެ ކައިވެނިކޮށްގެން ޖެހޭނީ އިތުރު މައްސަލަތަކެވެ.
ޤަބޫލުކުރަން ބޭނުން ނުވިނަމަވެސް މިއަދުގެ ގިނަ ޒުވާނުންނަކީ ބޭކާރު ގޮތުގައި ގިނަ ވަޤުތުތަކެއް ގެއިން ބޭރުގައި ހޭދަކުރަން އާދަވެފައި ތިބި ބައެކެވެ. ވީމާ ކައިވެނިކުރާނަމަ ފުރަތަމަ ކަމަކަށް އެކަން އިޞްލާޙްކުރާށެވެ. ވީހާގިނަ ވަޤުތުތަކެއް އަނބިމީހާ އާއިއެކު ހޭދަކުރަން ރަނގަޅަށް ތައްޔާރުވުމަށްފަހު ނޫނީ ކައިވެނި ނުކުރާށެވެ!
- ޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން