އެމީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިއްޖެނަމަ ފެންނާނެ ބައެއް ޢަލާމާތްތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
އެމީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިއްޖެނަމަ ފެންނާނެ ބައެއް ޢަލާމާތްތައް!

ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ތިމާއަށް ލިބިއްޖެކަން އެނގޭނެ ގޮތަކާއި ބެހޭގޮތުން ގިނަބައަކު ސުވާލުކުރެއެވެ. އެހެންވެ ކުޑަކުޑަ ކަމެއް ބުނެލާނަމެވެ. 

ނަމާދު ވަޤުތު ގާތްވަމުން އަންނަކަން ވިސްނި ބަންގިގޮވާއިރު މިސްކިތުގައި ހުންނަހިތްވެ ބަންގީގެ ކުރިއަށް މިސްކިތަށް ދާން ބޭނުންވެވޭނަމަ އެއީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ތިބާއަށް ލިބިގެންވާކަމުގެ ޢަލާމާތެކެވެ. ހަމަ އެފަދައިން ނަމާދުގައި ޚުޝޫޢަތްތެރިވާން ކުރާ މަސައްކަތް އިތުރުކުރެވޭނަމަ އެއީވެސް ޢަލާމާތެވެ.  

ހަމައެފަދައިން ފާފައެއް ކުރަން ހަވާނަފްސް އެދޭހިނދު ﷲ ތަޢާލާއަށް ބިރުވެތިވެ ފާފަ ނުކުރުމަކީވެސް ޢަލާމާތެކެވެ. ތިމާގެ ކިބައިގައި ހަރުލާފައި ހުންނަ ނުރަނގަޅު ސިފަތައް އިޞްލާޙްކުރަން މަސައްކަތްކުރަން ބޭނުންވެ އެކަމަށް މަސައްކަތްކުރުމަކީވެސް ޢަލާމާތެކެވެ. 

ޖުމުލަ ގޮތެއްގައި ބުނާނަމަ ތިމާ އިޞްލާޙްވާން، ތަޤްވާވެރިކަން އިތުރުކުރަން ބޭނުންވެގެން އެކަމަށް މަސައްކަތްކުރެވޭނަމަ އެކަންކަމަކީ ޢަލާމާތެކެވެ. އެހެނީ އެކަންކަމުން އެނގިގެންދަނީ ޝައިޠޯނާ ތިބާއާއި ދުރުހެލިވަމުން އަންނަކަމެވެ. ތިމާގެ މައްޗަށް ބާރު ހިންގަން ޝައިޠޯނާއަށް އުނދަގޫވާކަމެވެ.  

އެންމެ ޚާއްޞަ ޢަލާމާތްވެސް ބުނެލާނަމެވެ. ފަތިސްވުމުން ހޭލަން ސޮނާކޮށްގެން އޮންނަ ގަޑިއަށްވުރެ ކުރިން ހޭލެވޭނަމަ އެއީ ވަރަށް ބޮޑު ޢަލާމާތެކެވެ. އެހެންކަމުން ކުރިއަށް ހޭލެވިއްޖެނަމަ އަދި ވަޤުތުކޮޅެއް އެބައޮތް ކަމަށް ބަލައި ކަންނެތްވެ ނުނިދާށެވެ. ހޭލައި ރޭއަޅުކަމުގެ ކޮންމެވެސް ކަމެއް ކުރަން މަސައްކަތްކުރާށެވެ. ﷲ ތަޢާލާ އެދެއްވަވާ މެސަޖަކީ "ތިމަން ﷲ ގެ އަޅާއެވެ. އަވަހަށް ތެދުވެ ސުވަރުގެއިން ަމތީ ދަރަޖަތައް ލިބިގަތުމަށް މަސައްކަތްކުރާށެވެ." ކަމަށް ޤަބޫލުކުރާށެވެ.  

އެފަދަ މީހަކަށް ވެވިއްޖެނަމަ ދެދުނިޔޭގައިވެސް އޮތީ ހަމަ ކާމިޔާބީއާއި އުފާވެރިކަމެވެ. އިން ޝާ ﷲ  

މިބުނި ކޮންމެ ކަމަކީވެސް ޢަލާމާތެކެވެ. އެއިން ޢަލާމާތެއް ފެނިއްޖެނަމަ އޮތީ ޝުކުރުވެރިވެ އެކަން ޙާޞިލްކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިއްޖެކަން ޔަޤީންކުރެވޭނީ ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުންނަން ޖެހުމުން އެކަންޏެވެ. ﷲ ތަޢާލާ ހިނިތުންވެވޮޑިގަންނަވާނެ އަލަކުކަމުގައި ވެވިއްޖެނަމައެވެ.

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން