މިޙަދީޘްފުޅު އެނގުމުން ހިތަށް ބިރުވެރިކަން ވަދެ ޢަމަލުތައް އިޞްލާޙް ނުކުރެވުނުނަމަ އެމީހަކަށް ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ!
މިއަދު ގިނަ ބައަކު ބޭނުންވަނީ ތިމާއަކީ އެންމެ ޞާލިޙް މީހާގެ ގޮތުގައި މަޝްހޫރުިވުމަށެވެ. މަޝްހޫރުވާން ގިނަ ބައަކު ކުރާ ކަންކަމުގެ ތެރޭގައި ފިތުނަ އުފެއްދުން ހިމެނެއެވެ. ފިތުނަ ނުއުފައްދާނީ ކޮންކަމެއްގައި ހެއްޔެވެ؟ ދެމަފިރިންގެ މެދުގައިވެސް އުފައްދުވަނީއެވެ. ޢާއިލާގެ ތެރޭގައިވެސް އުފައްދުވަނީއެވެ. އެކުވެރިންގެ މެދުގައިވެސް އުފައްދުވަނީއެވެ. އެއްވެސް ބިރެއް ނެތި ބޮޑެތި ދޮގުތައް ފަތުރަނީއެވެ.
ރަނގަޅަށް އަޑުއަހާށެވެ!
"އަނގައިގެ އެއް ކަންމިޔައަށް މީހަކު ބުޅިގަނޑެއްހަރައިލައެވެ. އެބުޅިގަނޑުން އޭނާގެ ބޮލުގެ ފުރަގަހާއި ހަމައަށް އެކުގައި ކަފައިލައެވެ. އަނެއްފަޅިއަށް ވެސް ހަދަނީ ހަމަ އެގޮތަށެވެ. އަނގައި ބުޅުގަނޑު ލައްވާފައި ބޮލުގެ ފުރަގަހާއި ހަމައަށް ކަފައިލަނީއެވެ. އެއިރު ކުރިން ކަފައިލި ފަޅި އޮންނަނީ އަނބުރައި އިޢާދަވެފައެވެ. އަނެއްކާވެސް އެފަޅި ކަފައިލަނީއެވެ. އެކަން ދިއައީ ތަކުރާރުވަމުންނެވެ."
މިއީ ރަސޫލް ﷺ އަށް ހުވަފެންފުޅުގައި ފެނިވަޑައިގެންނެވިކަން ޙަދީޘްފުޅުން ސާބިތުވާ ކަމެކެވެ.
"އެއީ ދޮގުހަދައި ދޮގު ފެތުރި މީހާއެވެ. ދޮގު މައުލޫމާތު ފަތުރައި މީސްތަކުންގެ މެދުގައި ފިތުނަ އުފެއްދި މީހާއެވެ. ޤިޔާމަތްވުމާއި ހަމައަށް ކައްވަޅުގައި އެމީހާއަށް ދާނީ އެފަދައިން ޢަޛާބު ލިބެމުންނެވެ." މިއީ އެއީ ކާކުކަން ބަޔާންކުރައްވަވައި މަލާއިކަތުން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެންނެވި ބަސްފުޅެވެ.
ސުވާލަކީ މިކަންކަން ކުރަން އަހަރެމެން މިއަދު އެބަ ބިރުގަންނަމުހެއްޔެވެ؟ ބިރުނުގަނެވޭއިރު ޙައްޤު ބަސް ބުނުމުން އެއީ ފިތުނަ އުފެއްދުންކަމަށް ހަދަން މިއަދު މިދަނީ މަސައްކަތްކުރެވެމުންނެވެ. ތިމާ ނުރުހޭ ބަހެއް މީހަކު ބުނެފިނަމަ އެބަހުގެ ޙަޤީޤަތަކީ ކޮބައިކަންވެސް ބަލަން ބޭނުމެއް ނުވެއެވެ. ބަސްބުނި މީހާއަށް ނުކުރާ ފުރއްސާރައެއް ނެތެވެ.
މީސްތަކުންނޭވެ! ބިރުވެތިވާށެވެ! އަހަރެމެން ކޮންމެ މީހަކީވެސް ހަމަ މަރުވާނެ މީހެކެވެ. ޢަޛާބު ލިބުން ޙައްޤު މީހަކު ނަމަ މަރުވުމުން އެމީހަކަށް ޢަޛާބު ލިބެން ފަށައެވެ. ސަލާމަތްކަން ހޯދުން އޮތީ އެމީހެއްގެ އަތްމަތީގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން