މިއާޔަތް ޤަބޫލުކުރާ މީހަކު އެއްވެސް މީހަކަށް އަނިޔާވެރިއެއް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
މިއާޔަތް ޤަބޫލުކުރާ މީހަކު އެއްވެސް މީހަކަށް އަނިޔާވެރިއެއް ނުވާނެ!

އަނިޔާއާއިމެދު ވިސްނާނަމަ އަނިޔާވެރިވާ މީހުންނަށް ޤަބޫލުކުރެވެނީ އެއީ އެއްވެސް ކަމެއް ނޫންކަމަށެވެ. އެކަމަކު ތިމާއަށް ކިތަންމެ ކުޑަކުޑަ އަނިޔާއެއް ލިބުނަސް ކަންބޮޑުނުވާ މީހަކު ނުހުރެއެވެ. އެއީ ދުނިޔެވަރުގެ ބޮޑު ކަމަކަށް ހަދައެވެ. 

އިމާމް ޝާފީގެފާނު ވިދާޅުވިއެވެ. އަނިޔާވެރިވާ މީހުން ބިރުގަންނަންޖެހޭ އަދި އަދި އަނިޔާލިބޭ މީހުން އުފާކުރަންޖެހޭ އާޔަތެއް ޤުރްއާނުގައިވެއެވެ. އެއީ ކޮން އާޔަތެއްތޯ ސުވާލުކުރުމުން ވިދާޅުވީ މިއާޔަތެވެ. 

"އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އަމުރުފުޅަށް މެނުވީ، ތިމަންމެން ނުފައިބަމެވެ. ތިމަންމެންގެ ކުރިމަތީގައިވާހާ އެއްޗަކާއި، ތިމަންމެންގެ ފަހަތުގައިވާހާ އެއްޗަކާއި، އެދެމެދުގައިވާހާ އެއްޗެއް މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ހަނދުމަނެތިވެވޮޑިގެންވާ ކަލަކުކަމުގައި ނުވެއެވެ."

(މަރްޔަމް: 64) 

"-- އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ހަނދުމަނެތިވެވޮޑިގެންވާ ކަލަކުކަމުގައި ނުވެއެވެ." 

އަނިޔާވެރިވާ މީހުން ބިރުގަންނަންވީ އެމީހުންކުރާ އަނިޔާ ﷲ ތަޢާލާ ދެނެވޮޑިގެންވާތީ އާއި އެކަން ﷲ ތަޢާލާ ހަނދުމަފުޅުވެވޮޑިގެންވާނެތީއެވެ. ހަމައެފަދައިން އަނިޔާ ލިބެމުންދާ މީހުން އުފާކުރަންވީ އެމީހުންނަށް އަނިޔާ ލިބެމުންދާކަން ﷲ ތަޢާލާ ދެނެވޮޑިގެންވާތީ އާއި އެމީހުންނަށް އަނިޔާ ލިބެމުންދާކަން ﷲ ތަޢާލާ ހަނދުމަފުޅުވެވޮޑިގެންވާނެތީއެވެ. 

ހަމަ އެކަނި މިއާޔަތަށް ވިސްނައިލާ މީހަކުވެސް އެއްވެސް މީހަކަށް އަނިޔާވެރިއެއް ނުވާނެއެވެ! އަހުރެންގެ އާދޭހަކީ އެއްވެސް މީހަކަށް އަނިޔާވެރިނުވުމެވެ. ޖިސްމާނީ ގޮތުންވެސް އަދި ނަފްސާނީ ގޮތުންވެސް އަނިޔާއަކަށްވެދާނެ އެއްވެސް ކަމެއް ނުކުރުމެވެ. ކޮންމެ ބާވަތެއްގެ އަނިޔާއަކީވެސް ހަމަ އަނިޔާއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން