މިސްކިތަށް ގެންދާވަރުވުމުން ފިރިހެން ކުދިން މިސްކިތުގެ ޖަމާއަތަށް ގެންދިއުމަކީ ބައްޕައިންނަށް ކުރަންޖެހޭނެ ކަމެކެވެ. ނަމަވެސް ޙާލަތު ދިމާވާ ގޮތުން ބައްޕައިންނަށް އެކަން ނުކުރެވޭނަމަ ނުވަތަ ނުކުރާނަމަ ގޭގައިވިޔަސް ކުދިން ލައްވައި ނަމާދުކުރުވަންޖެހޭނެއެވެ. ފާހަގަކޮށް މިލަނީ މިބުނި ފަދަ ޙާލަތުގައި މައިން ސަމާލުކަންދޭންޖެހޭނެ ކަމެކެވެ.
"ތަންދޮރު ވަކިކުރަން ނުއެނގޭ ކުޑަކުއްޖަކަށް އަންހެނެއްގެ ފަހަތުގައި ނަމާދުކުރެވިދާނެއެވެ. ނަމަވެސް ތަންދޮރު ވަކިކުރަން އެނގޭ (ފިރިހެން) ކުއްޖަކަށް އަންހެނެއްގެ ފަހަތުގައި ނަމާދެއް ނުކުރެވޭނެއެވެ. ނަމަވެސް އެކުޑަކުއްޖާގެ ފަހަތުގައި އަންހެނަކަށް ނަމާދުކުރެވިދާނެއެވެ."
ޑރ. މުޙައްމަދު އިޔާޟް އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "ބާލިޣް ނުވާ ކުޑަ ފިރިހެން ކުއްޖަކަށް މަންމަގެ ނޫނީ އަންހެނެއްގެ ފަހަތުގައި މައުމޫމްވެހުރެ ނަމާދު ކުރެވިދާނެތޯ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.
ޑރ. އިޔާޟްގެ މިޖަވާބުން އެނގެނީ ބާލިޣް ނުވި ނަމަވެސް ތަންދޮރު ވަކިކުރަން އެނގޭ ކުޑަފިރިހެން ކުއްޖަކަށް އަންހެނެއްގެ ފަހަތުގައި މައުމޫމްވެގެން ނަމާދު ނުކުރެވޭނެ ކަމެވެ. ހަމައެއާއިއެކު އެ ކުއްޖާގެ ފަހަތުގައި މަންމައަށް ނުވަތަ އެހެން އަންހެނަކަށްވެސް ނަމާދުކުރެވިދާނެ ކަމެވެ.