ދެމަފިރިންގެ ދިރިއުޅުމަށް އެޅޭ އެންމެ ބޮޑު ހުރަހަކީ ގާތް މީހުންގެ އެސްފީނާކަމަށްވެފައި އޮތް މިފަދަ ޒަމާނެއްގައި އެކަމަށް ސަމާލުކަން ނުދީ އުފަލުގައި ދިރިއުޅެވޭނެކަމަށް އުންމީދުވެސް ނުކުރާށެވެ! ސަމާލުކަންދީގެން އަހުރެންގެ މިވާހަކަކޮޅު އަޑުއަހައިލާށެވެ!
ތިބާގެ ޒަވާޖީ ހަޔާތަކީ އުފާވެރި ޙަޔާތެއް ހެއްޔެވެ؟ ތިބާއަށް ރަނގަޅު އާމްދަނީއެއް ލިބޭ ހެއްޔެވެ؟ ދިރިއުޅެލެވޭނެ އައު ގެއެއް ލިބުނީހެއްޔެވެ؟
މިފަދަ އެއްވެސް ނިޢުމަތެއް ތިބާއަށް ދެއްވަވައިފިނަމަ އަވަސްވެގަންނަންވީ ވީހައި ގިނަ މީހުންނަށް އެކަން އިޝްތިހާރުކޮށް ވީހައި ގިނަ މީހުން އެއްކޮށްގެން ޕާޓީ ބާއްވާކަށް ނޫނެވެ. މަސައްކަތްކުރަންވީ ނިޢުމަތްތައް ދެއްވެވި ﷲ ތަޢާލާއަށް ޝުކުރުވެރިވެ އަނގަމަޑުން ލައިގެން ހުރުމަށެވެ.
އަދިވެސް ބުނަންހެއްޔެވެ؟ ކައިވެނީގެ އަހަރީ ދުވަސް ފާހަގަކުރުމަކީވެސް ގިނަ ބައަކަށް ދަޢުވަތުދީގެންކުރާ ކަމަކަށް ނުހަދާށެވެ. އެއީ ދެމަފިރިން ކުރާ ކަމަކަށް ހަދާށެވެ. ދަރިން ތިބިނަމަ ދަރިން ބައިވެރިކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެކުވެރިންނަށް ދައުވަތުދީ ވީހާގިނަ މީހުން އެއްކޮށްގެން ކުރާ ކަމަކަށް ނުހަދާށެވެ.
މިހެން މިބުނަނީ ވަރަށް ބޮޑު ސަބަބެއް އޮތުމުންނެވެ. ތިބާއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބައަކު ބައިވެރިކުރެވޭނަމަ އެއިގެ ތެރޭގައި ގިނަވާނީ ހިތުގެ އަޑިން އެކަމަށް ރުހޭނެ ބައެއް ނޫނެވެ. ތިބާއަށްޓަކައި ހެޔޮދުޢާކުރާނެ މީހުންނެއް ނޫނެވެ. ޙަސަދަލާނެ މީހުންނެވެ. އެކަމުގެ ސަބަބުން އެސްފީނާ ޖެހުން އޮންނާނީ ދާދި ގާތުގައެވެ.
މިޘާލަކަށް އެކުގައި ކާރު ދުއްވިނަމަވެސް ރެސްޓޯރަންޓްތަކަސްގޮސް ކައި އުޅުނަސް މީސްތަކުންގެ ކުރިމަތީގައި އަތުގައި ހިފައި ބައްދައި އޮޅުލަމުން ހިނގިނަމަވެސް ގިނަވާނީ ލޯބިން ދިރިއުޅެވޭ ދެމަފިރިންނެއް ނޫނެވެ. ޙަޤީޤީ ލޯބިން ދިރިއުޅެވޭ ދެމަފިރިން އެހައި މަދުވެއްޖެއެވެ. ވިމާ ދެމަފިރިއަކު ލޯބިން ދިރިއުޅޭތަން ފެނުމުން އެންމެ ގާތުގައި އޮންނާނީ ޙަސަދަލެވުމެވެ. މިއީ ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތެކެވެ.
- އަލަފް / މިއަދުނޫސް