ޙަޤީޤީ އެކުވެރިން ވަރަށް މަދުނަމަވެސް އަދިވެސް ޙަޤީޤީ އެކުވެރިން އެބައުޅޭކަން އެނގެނީ ނުރަނގަޅު ޢަމަލުތައް ކުރެވޭ އެކުވެރިން އިޞްލާޙްކުރެވޭތޯ ސުވާލުކުރާ ކިޔުންތެރިން ތިބޭތީއެވެ. އެފަދަ ސުވާލުތައް ލިބެމުންދާތީއެވެ.
މިލިޔުމުގައި މިގެނެސްދެނީވެސް އެގޮތުން ކުރެވިފައިވާ ސުވާލަކާއި އެސުވާލުގެ ޖަވާބެވެ. އުންމީދަކީ އިބިލީހުގެ ވަސްވާސްތަކަށާއި އަހުރެމެންގެ ތެރޭގައި ތިބި ޝައިޠޯނުންގެ ބަހަށް ހެއްލެވި ނުރަނގަޅު މަގުން ކުރިއަށްދެވޭ އެންމެންނަށް ރަނގަޅު ފައިދާއެއް ކުރުމެވެ. ވިސްނުންތެރިކަމާއިއެކު ލިޔުމުގައިވާ ވިދާޅުވެއްޖެނަމަ ހެޔޮ ވިސްނުން ލިބުމަށް މަގުފަހިވާނެތެވެ. އިން ޝާ ﷲ
އަޅުގަނޑުގެ ވަރަށް ގާތް އެކުވެރި އަންހެންކުއްޖަކު ހުރެއެވެ. އެއީ ވަރަށް ރީތިވެސް ކުއްޖެކެވެ. ނަމަވެސް ވަރަށް ނަޖިސްކުއްޖެކެވެ. މިހެން މިބުނީ ނަޖިސް ޢަމަލުތައް ކުރާތީއެވެ. ފާޙިޝް ޢަމަލުތައް ކުރުން ބުނެބުނެވެސް ނުހުއްޓިއެވެ. އޭނާއަށް ވިސްނައިދެވޭނެ ފަދަ ވާހަކައެއް ގެނެސްދެއްވިދާނެތޯ؟
ޖަވާބުގައި ފުރަތަމަވެސް ބުނެލަން އޮތީ އެކުވެރިއަކު މަގަށް އަޅުވަން ތިއަކުރާ މަސައްކަތަށް މަރުޙަބާކިޔަމެވެ. ކާމިޔާބީއަށްވެސް އެދެމެވެ. އެކުވެރިޔާއަށްޓަކައި ދުޢާވެސް ކުރަމެވެ. ކިޔުންތެރިޔާވެސް ދުޢާކުރާށެވެ. ތިރީގައި އެވަނީ ތިއަ ފަދަ ވާހަކައެކެވެ. އިން ޝާ ﷲ
ލޮބުވެތިކަނބަލުންނޭވެ! މިރޭ ތިއަ ކަނބަލުންނަށް މިކިޔައިދެނީ އިނގިރޭސިވިލާތުގެ ނޫހަކުން ފެނިފައިވާ ވަރަށް ޢިބްރަތްތެރިވާހަކައެކެވެ. ޚާއްޞަކޮށް މިޒަމާނުގައި މިކިޔާ ޒަމާނީ އަވާގައި ޖެހި ސަލާމަތް ނުވެވިފައި ތބި އަންހެނުންނަށް މިވާހަކައިން ހިތްވަރުލިބޭނެއެވެ. އެކަނބަލުންގެ ދިރިއުޅުން އިޞްލާޙްކުރުމަށެވެ.
ފައިފުއްސަކީ ބަލައިލަން ވަރަށް ރީތި ފައިފުއްސެއްކަމަށްވެސް ވެދާނެއެވެ. ނަމަވެސް އެއީ ގެއަށް ވަންނަ އެންމެން ފައިފުހޭ ފައިފުއްސެއް ކަމުގައިވާނަމަ އެއިގައި އަތްލަން ފަކުރުގަންނާނެއެވެ. އަތްލަން ޖެހިގެން އަތްލި ނަމަވެސް ރަނގަޅަށް ސައިބޯނިލައިގެން އަތްދޮންނާނެއެވެ.
ދިރިއުޅުމަކީވެސް ހަމައެފަދަ ކަމެކެވެ. ފެންނަހާ މީހަކާއި އެއްދާންކުރުމަކީ ފާފަވެރިވުމުގެ އިތުރުން އެމީހާގެ ދިރިއުޅުމާއި ނަފްސްވެސް ނަޖިސްވެގެންދާނެ ކަމެކެވެ. ހަމައެކަނި ސާފުތާހިރުކަމަށް ބަލާ މީހަކުވެސް އެފަދަ މީހަކާއި ކައިރިވެސް ނުވާނެއެވެ.
ވިސްނުންތެރިކަމާއިއެކު ވާހަކަ އަޑުއަހާށެވެ. މިކިޔައިދެނީ ނޫހުގައިވާ ގޮތަށެވެ.
އަހަރެންނަކީ ވެސް ހަމަ ދުނިޔޭގެ ފެންވަރުގައި ރީތި އަންހެނެއްކަމަށް ގިނަ ބައަކު ބުނެއެވެ. އެތައް މިލިއަން ފޮލޯވަރސް އެބަތިއްބެވެ. އެހެންކަމުން ގިނަ ބައެއްގެ އެދުމަށް އަހަރެންވެސް ފިލްމް ކުޅެން ފެށީމެވެ.
އަހަރެން ސިއްސުވައިލީ ބައްދަލުވި ވަރަށް ރީތި ފިރިހެނެކެވެ. އޭނާ ރީތިކަމުން އޭނާ އާއިއެކު ވާހަކަ ދައްކައި އުފާކޮށްލަން ބޭނުންވެގެން ހުށަހެޅުމުން އޭނާ ދިނީ ވަރަށް ތަފާތު ޖަވާބެކެވެ. "ކަލޭ ވަރަށް ރީއްޗެވެ. ވަރަށް ހިތްގައިމު ސިފަތަކެއްވެސް ބޭރުފުށުގައި އެބަހުއްޓެވެ. ނަމަވެސް ތިއައީ އެންމެން ދަތް އުނގުޅާތީ ޖަރާސީމުތަކުން ފުރިފައިވާ ދަތް އުނގުޅާ ބުރުހެކެވެ. ހޫނު ފެނަށްލައިގެން ޖަރާސީމްތައް މަރައިލެވިދާނެއެވެ. ނަމަވެސް އެންމެން ދަތް އުނގުޅާ ބުރުހެއްކަން ހިތަށްވަނުމުން ފަކުރު ގަންނާތީ ތިއަ ބުރުހުން ދަތްއުނގުޅާކަށް ނުކެރޭނެއެވެ."
އުޅުން އިޞްލާޙްކޮށްލުމަށްފަހު އަންގާލަން ބުނެ އޭނާގެ އެޑްރެސް ކާޑުވެސް ދިނެވެ. އޭނާގެ ވާހަކަތައްވެގެން ދިއައީ އަހަރެންގެ ހިތަށް ހަރައިލި ތީރުތަކަކަށެވެ. ލަދުގަތް ވަރުންނާއި ދެރަވީ ވަރުން ވަގުތުން ރޮވުނެވެ.
އެރޭ އަހަރެންނަކަށް ނުނިދުނެވެ. އަހަރެންގެ އަމިއްލަ ނަފްސާއިމެދު ވިސްނަން ފެށުނެވެ. އަހަރެންނަށް އަހަރެންގެ ޙަޤީޤީ ހާލު ވިސްނައިދިނީ ކާކުތޯ ބަލަން އެޑްރެސް ކާޑު ބަލައިލަންވެސް ބޭނުންވިއެވެ. ނަމަވެސް އަހަރެން ޢަޒުމް ކަނޑައެޅީ އަހަރެންގެ ދިރިއުޅުން ބަދަލުކުރެވެންދެން ކާޑު ނުބެލުމަށެވެ.
އަހަރެންގެ ދިރިއުޅުން ބަދަލުކުރީމެވެ. ކުރެވެމުން އައި ހުރިހާ ނުބައި ކަންކަން ހުއްޓައިލީމެވެ. ނަމަވެސް ބައްދަލުވާ ގިނަ މީހުން އެދެމުން ދިއައީ ކުރިން އުޅުނު ގޮތަށް އުޅުމަށެވެ. އެހެންކަމުން އެ ޚިޔާލުތަކާއި އެ އަރާމު ދިރިއުޅުމާއި ދުރުވުން ވީ ވަރަށް އުނދަގޫ ކަމަކަށެވެ.
އަހަރެންގެ ޖަމާގައި އެއިރު ހުރީ އެންމެ 15000 ޑޮލަރެވެ. އިސާހިތަކު އެ ފައިސާ ހުސްވެ ވަރަށް ދަތިހާލުގައިވެސް ދިރިއުޅެން ޖެހުނެވެ. ދުއްވަން ގެންގުޅުނު އަގު ބޮޑު ކާރާއި ބޭނުންކުރި ބައެއް ފަރުނީޗަރުވެސް ވިއްކައިލީމެވެ. ޢަޒުމް ކަނޑައެޅީ ނުބައި އެއްވެސް ކަމެއް ނުކޮށް ދިރިއުޅުމަށެވެ. ބައެއް ދުވަސް ހޭދަކުރީ ހަމައެކަނި ޕާންފޮތްޗެއް ކާލައިގެންނެވެ.
އަހަރެން ފުރަތަމަ ދިއައީ ފައްޅިއަކަށެވެ. ފާދިރީ އަކާއި މަޝްވަރާކޮށްލުމުން އޭނާގެ ވާހަކަތައް ހުރި ގޮތުން އުފެދުނީ އިތުރު ސުވާލުތަކެކެވެ. ފާދިރީ ބުނީ ކޮންމެ ކަމެއް ކުރި ނަމަވެސް ޖީސަސް ކްރައިސްޓް ދެކެ ލޯބިވެ ސަންޑޭ ޗާޗަށް ދާނަމަ އެނިމުނީ ކަމަށެވެ. އެހެންކަމުން އޭނާގެ ވާހަކަތައް އަހަރެންނަކަށް ކަމަކު ނުދިއައެވެ.
ދެން އަހަރެން ބައްދަލުކުރީ ނަފްސާނީ ޑޮކްޓަރަކާއިއެވެ. އޭނާވީ މުސްލިމަކަށެވެ. ކުރިން ކްރިސްޓިއަނެކެވެ. މިހާރު މުސްލިމެކެވެ. އޭނާ ވަރަށް ގިނަ ލަފާ ދިނެވެ. އަދި މުސްލިމް ދީނީ ޢިލްމުވެރިއަކާއި ބައްދަލުކުރުން ރަނގަޅުވާނެ ކަމަށް ބުނެ 2،3 ޢިލްމުވެރިއެއްގެ ފޯން ނަމްބަރުވެސް ދިނެވެ.
އަހަރެން އެ އެންމެންނަށްވެސް ފޯނުކުރީމެވެ. އެ މީހުން ދެއްކި ވާހަކަތައްވެސް ވަރަށް ރަނގަޅަށް އަޑުއެހީމެވެ. ކީރިތި ޤްރުއާނުގެ ތަރުޖަމާއެއް ހޯދައިގެން ކިޔަން ފެށީމެވެ. އެފޮތްވީ އަހަރެންނަށް ވަރަށް ކަމުދިއަ ފޮތަކަށެވެ. އެހެންވެ ލައިބްރަރީތަކަށް ގޮސް ދިރާސާކުރަންވެސް ފެށީމެވެ.
ނަތީޖާއަކަށްވީ އަހަރެންނަށް އިސްލާމް ދީން ޤަބޫލުކުރެވުމެވެ. އަހަރެން އިސްލާމްވީމެވެ. އިސްލާމްވާން އަހަރެން މިސްކިތަށް ދިއައީ މުސްލިމް އަންހެނަކާއިއެކުގައެވެ. ހުރިހާ ކަމެއް ނިމިގެން ނުކުމެ ގެއަށް ދާން ކާރަށް އެރިތަނުން ރަހްމަތްތެރިޔާ ބުނީ ކާރުގައި ޙިޖާބަ ނަގައިގެން އިނދެވިދާނެކަމަށެވެ. އެހެން ބުނެފައި އޭނާ ޙިޖާބަ ނެގިއެވެ. ނަމަވެސް އަހަރެން ބުނީ އަހަރެން ޙިޖާބަ އެޅީ ކާރުގައި ނަގަން ނޫން ކަމަށެވެ. އަހަރެން އިނީ ޙިޖާބަ އަޅައިގެންނެވެ.
ގެއަށް ދެވުމާއިއެކު ފުރަތަމަކަމަކަށްވެސް ހޯދީ އަހަރެން ހޭލުންތެރި ކުރުވި މީހާ ދިން އެޑްރެސް ކާޑެވެ. އިއްތިފާޤަކުން ނަމަވެސް އޭނާ ވީ މުސްލިމަކަށެވެ. އެކަމާ ވަރަށް އުފާވިއެވެ. ކާޑުގައި އޮތް މޯބައިލް ނަމްބަރަށް ގުޅައިލީމެވެ. އަދި އޭނާގެ ސަބަބުން އަހަރެންގެ މުޅި ދިރިއުޅުމާއި ދީން ވެސް ބަދަލުކުރި ވާހަކަ ކިޔައިދިނީމެވެ.
އޭނާ ބޭނުންވީ އަނެއް ދުވަހު އޭނާގެ އޮފީހަށް ގޮސް އޭނާ އާއި ބައްދަލުކުރުމަށެވެ. އޭނާ އެދުނު ގޮތަށް އަހަރެން އޭނާ އާއި ބައްދަލުކުރީމެވެ. އޭނާ އަހަރެންނަށް ވަރަށް އިޙްތިރާމް ކުރިއެވެ. ހަދިޔާއަކަށް 15,000 ޑޮލަރުވެސް ދިނެވެ. އަދި އަހަރެންގެ ތައުލީމީ ފެންވަރު އޮޅުންފިލުވުމަށްފަހު މާކެޓިންގ އެގްޒެކަޓިވްއެއްގެ ވަޒީފާވެސް ހަމަޖައްސައިދިނެވެ.
އެދުވަހު އަހަރެން ހިތަށް އެރިއެވެ. އަހަރެންގެ އާވާރާ ދިރިއުޅުން ދޫކޮށްލިއިރު އަތުގައި ހުރި 15،000 ޑޮލަރު އަނބުރައިލުބުނީތާއެވެ! ހާދަ ބޮޑު އަޖައިބެއް ފަދަ ކަމެކެވެ. ހަމަ އެޢަދަދަށް ދޭން އޭނާގެ ހިތަށް އެރީ ކީއްވެގެން ހެއްޔެވެ؟ ހަމަޤައުމުވެސް މިއީ އާދައިގެ ކަމެއް ނޫނެވެ.
އަހަރެންނަކީ ކުރާ ކޮންމެ ކަމެއްވެސް ވަރަށް ފަރުވާތެރިކަމާއިއެކު ކުރާ އަންހެނަކަށްވުމުން ދާދި މަދު ދުވަސްކޮޅެއްގެ ތެރޭގައި އަހަރެންނަށް ކުރިއެރުން ލިބި އެގްޒެކަޓިވް ފެންވަރަށް ވަޒީފާވެސް މަތިވިއެވެ. އެއިރު އަހަރެންގެ މާޒީގެ މަތިން މީހުން ވަނީ ހަނދާން ވެސް ނެތިފައެވެ.
މަސައްކަތުގެ ތެރެއިން ބޭނުމަކު އަހަރެން ވެރިމީހާ އާއި ބައްދަލުކުރި ދުވަހަކު އޭނާ ބުނީ އޭނާގެ އަނބިމީހާއަކީ ވަރަށް ބަލި މީހެއް ކަމަށާއި އަހަރެން ބޭނުން ނަމަ ދެއަންތބަށް ކައިވެނިކޮށްފާނެ ކަމަށެވެ. އަހަރެން ހުށަހެޅި ޝަރުޠަކީ އެކަމަށް އަނބިމީހާ ރުހޭކަން އަހަރެންނަށް ޔަޤީން ކުރެވުމެވެ. އެއީ އެއްވެސް އަންހެނެއްގެ ހިތުގައި ޖެހޭފަދަ އެއްވެސް ކަމެއް ކުރަން ބޭނުން ނުވާތީއެވެ.
އެއިގެ ދެދުވަހެއް ފަހުން ވެރިމީހާ އޭނާގެ ގެއަށް އަހަރެން ގެންދިއައެވެ. އަނބިމީހާ އާއި ބައްދަލުކުރުވިއެވެ. އޭނާއަކީ ޕެރަލައިޒްވެ އެނދެއްގައި އޮންނަން ޖެހިފައިވާ ބަލިމީހެކެވެ. އަހަރެން އޭނާ ބަލައިގަތީ ދައްތައެއް ފަދައިންނެވެ. އަހަރެން ދައްތައަށް ވައުދުވީމެވެ. ދައްތައަކަށް އެހީތެރިވެދޭ ފަދައިން އެހީތެރިވެދޭނެ ކަމަށެވެ.
ކައިވެންޏަށް މިހާރު 10 އަހަރުވީއެވެ. އަހަރެންނަކީ އަހަރެންގެ 4 ދަރިންނާއި ފިރިމީހާއަށް ކުރިން ލިބިފައި ތިބި 6 ދަރިންނާއިއެކު 10 ދަރިންގެ މަންމައެކެވެ. ދިރިއުޅެމުން މިގެންދަނީ ވަރަށް އުފާވެރިކަމާއިއެކުގައެވެ.