އަހުރެންގެ މަންމަ އަށް ޖެހިފައިވަނީ ގޮތް ނުއެނގޭ ބައްޔެކެވެ. ބޭސްފަރުވާ ކުރަމުންގޮސް އަތްމަތި އެކުގައި ހުސްވެގެންދިއައިރުވެސް ޝިފާއެއް ނުލިބުނެވެ. އެހެންނަމަވެސް ޑޮކްޓަރުން ބުނަމުން ދިއައީ ރާއްޖެއިން ބޭރަށް ދާން ޖެހެންވީ އެއްވެސް މައްސަލައެއް ނެތްކަމަށެވެ. އެހެންވެ ލިޔުމެއް ލިބޭނެ އެއްވެސް ގޮތެއް ނުވިއެވެ.
ހަނދާނެ ގޮތަކަށް ވިސްނަމުންގޮސް ކުޑައިރުގެ އެކުވެރިއަކަށް ގުޅީމެވެ. އޭނާއަކީ ތަނަވަސް މީހަކަށްވުމުން އެހީތެރިކަމެއް ލިބިދާނެކަމުގެ އުންމީދުގައެވެ. ބުނީ އެރޭ 9 ޖަހާއިރު އޭނާގެ އޮފީހަށް ދިއުމަށެވެ. އެހެންވެ ވަރަށް އުފަލުންހުރެ ދިއައިމެވެ. ބައްދަލުވުމުން ހުރިހާ ވާހަކަތަކެއް ކިޔައިދީފައި ބުނީމެވެ. "އަހުރެންގެ އަތުގައި މިހާރަކު އެއްވެސް ފައިސާއެއް ނެތެވެ. އަހުރެން ބޭނުމީ ލޯނެކެވެ. ދަރަންޏެކެވެ. އިރާދަކުރެއްވިއްޔާ ދަރަނި އަދާކުރާނަމެވެ."
ސޭފްހުޅުވާފައި އަހުރެން އެދުނުވަރަށްވުރެވެސް ގިނައިން ފައިސާނަގައި މޭޒުމަތީގައި ބަހައްޓާފައި ބުންޏެވެ. "ފައިސާ މިހުރީއެވެ. ގެންދާށެވެ. ދަރަންޏަކަށްވެސް ނޫނެވެ. އޮތީ އެންމެ ޝަރުޠެކެވެ. ފަރުވާއަށް ދިއުމުން އަހުރެންގޮސް ބައްދަލުކުރާނަމެވެ. މިވަރުން ވިސްނޭނެ ކަމަށް ހީކުރަމެވެ."
އަހުރެން ބުނީމެވެ. "ބުނި ބަހުގެ މާނަ ނުބައިކޮންނާއި ރަނގަޅުކޮށްވެސް ވިސްނެއެވެ. ނިޔަތަކީ އަހުރެންގެ ބޭނުންކުރުން ކަމަށްވާނަމަ އެކަމަށް އެއްބަސްވެވޭކަށް ނެތެވެ. އެއީ ކައިވެނީގެ ބޭރުން އަހުރެން ކުރާނެ ކަމެއް ނޫންވީމައެވެ." އެެހން ބުނުމުގެ ނަތީޖާއަކަށްވީ ހުސްއަތާ އެނބުރި ގެއަށްދާން ޖެހުމެވެ.
އޭނާގެ ކުރިމައްޗަކު ނުރޮމެވެ. ނަމަވެސް މަގުމައްޗަށް ނުކުމެވުނުއިރު ހުރީ ރޮވިފައެވެ. އެވަޤުތު ޒުވާނަކު ގޮވައިލުމުން ބަލައިލެވުނެވެ. އޭނާ ސުވާލުތައް ކުރަން ފެށުމުން އެވަޤުތު ދިމާވިކަންތައްތަކެއް ކިޔައެއް ނުދެމެވެ. އެއީ ނުދަންނަ މީހަކަށް އެކުވެރިޔާގެ ވާހަކަތައް ކިޔައިދީ ފަޟީހަތްކުރަން ބޭނުންނުވީތީއެވެ. ނަމަވެސް ކުރިމަތިވެފައި އޮތް ޙާލަތުގެ ވާހަކަ ބުނީމެވެ.
އޭނާ އަހުރެންގެ ފޯނުނަންބަރާއި އެޑްރެސް އޮޅުންފިލުވާފައި ބުނީ ހަމަޖެހިލައިގެން ހުރެ ގެއަށް ދިއުމަށެވެ. ގަޑިއެއްހާއިރު ފަހުން ގެއިން ބައްދަލުކުރާނެ ކަމަށެވެ. އެވަޢުދު އޭނާ ފުއްދިއެވެ. ގެއަށް އައިސް އަހުރެމެން ދެމައިންނާއި ބައްދަލުކުރިއެވެ. މެޑިކަލް ރެކޯޑްތައްވެސް ބެލިއެވެ.
އަހުރެންގެ ފެންވަރުން މެހްމާންދާރީ އަދާކުރީމެވެ. ކޮފީތަށްޓެއް ދިނުމުން ރަހައަށް ތަޢްރީފްކޮށްފައި ބުނީ އޭނާއަކީ އެންމެ ތަނަވަސް މީހެއް ނޫންކަމަށާއި ނަމަވެސް ކޮންމެވެސްވަރެއްގެ ތަނަވަސްކަމެއް ހުރި މީހެއް ކަމަށެވެ. އަދި މަންމަގެ ފަރުވާއަށް ކަންބޮޑުނުވުމަށާއި މާދަމާ ކަންކަން ހަމަޖައްސައިދޭނެ ކަމަށެވެ.
އޭނާގެ އެވަޢުދުވެސް ފުއްދިއެވެ. އަހުރެމެން ދެމައިން ބޭރަށް ފޮނުވައި މަންމައަށް ބޭސްކޮށްދިނެވެ. އޭނާއަކީ ކާކުކަން އެނގުނީވެސް އެނބުރި މާލެ އައިފަހުންނެވެ. އޭނާ ގެއަށް އައިސް ކިޔައިދިނުމުންނެވެ. އެހިސާބުން ދެމީހުންގެ މެދުގައި ގުޅުން އުފެދި ކައިވެނިކުރެވުނެވެ. އެކައިވެނީގައި 10 އަހަރުވީއެވެ. ދިރިއުޅެމުން މިއަންނަނީ ވަރަށް ލޯބިންނެވެ.
އަޅުގަނޑުގެ ޙަޔާތުގެ މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނަށް ކިޔައިމިދިނީ އެންމެ ބޭނުމަކުއެވެ. ކިތަންމެ ބޮޑު ކަމެއް ޖެހުނަސް ޢިއްފަތްތެރިކަން ނަގައިނުލީމާ ކުރާނެ ފައިދާ މާބޮޑުވާނެކަމަށް ބުނެލުމަށެވެ.
- ޝަހީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް
--ޢިބްރަތްތެރި ވާހަކަ