ނިޔަތް ކޮންމެ ގޮތަކަށް ބާއްވައިގެން ނަމަވެސް ކުފުރުގެ ބަސްތައް ބުނުމަކީ ކޮންމެ ފަދަ ބޮޑު މުޞީބާތެއްވެސް ކުރިމަތިކުރައްވަވައިފާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 30ސ
ނިޔަތް ކޮންމެ ގޮތަކަށް ބާއްވައިގެން ނަމަވެސް ކުފުރުގެ ބަސްތައް ބުނުމަކީ ކޮންމެ ފަދަ ބޮޑު މުޞީބާތެއްވެސް ކުރިމަތިކުރައްވަވައިފާނެ ކަމެއް!

ބައެއް މީހުން އަންނަ ފޯރީގައި ވާހަކަދައްކާއިރު ބަސްތައް ބުނެހަދަނީ ވިސްނައިލުމެއް ނެތިއެވެ. އެގޮތުން ތިމާއަކީ ތިމާ ކުރަން ކުރިމަތިލި ކޮންމެ ކަމެއް ކާމިޔާބުކުރާނެ މީހަކު ކަމަށވެސް އެބަ ބުނެއެވެ. މިހުންނަނީ އެއްވެސް ހާލެއްގައި ބުނެގެންވާނެ ބަސްތަކެއް ނޫނެވެ.  

ތަނަވަސްކަން ކިތަންމެ ބޮޑު ނަމަވެސް ނުފޫޒާއި ބާރު ކިތަންމެ ގަދަނަމަވެސް އަދި ކިތަންމެ މަޝްހޫރުނަމަވެސް އެއްވެސް މީހަކީ އެއްވެސް ބާރެއް ލިބިގެންވާ މީހެއް ނޫނެވެ. ވިސްނާށެވެ. އިންސާނުންނަށް ﷲ ތަޢާލާ ވަނީ އިޚްތިޔާރުތަކެއް ދެއްވަވައިފައެވެ. އެހެންކަމާއިއެކުވެސް ކޮންމެ ކަމެއްވެސް ކާމިޔާބު ކުރެވޭނީ ﷲ ތަޢާލާގެ އިރާދަފުޅުންނެވެ.  

މިޘާލެއްގެ ގޮތުން ބުނެލާނަމެވެ. މަރާލަން ހަންޖަރު ޖެހީމާ، ނުވަތަ ބަޑިޖެހީމާ މަރުނުވެ ސަލާމަތްވަނީ ކިތައް މީހުން ހެއްޔެވެ؟ ދެރަދީ ނިކަމެތިކޮށްލަން ވަޒީފާއިނަ ވަކިކުރީމާ މާރަނގަޅު ވަޒީފާއެއް ލިބެނީ ކިތައް މީހުންނަށް ހެއްޔެވެ؟ އަނބިމީހާ ނިކަމެތިކޮށް ޙާލުގައި ޖައްސުވަން ވަރިކުރީމާ މާރަނގަޅު ފިރިއަކު ލިބެނީ ކިތައް އަންހެނުންނަށް ހެއްޔެވެ؟  

މިފަދަ ކަންކަމުން މިއެނގެނީ ދެއްވަވާފައިވާ އިޚްތިޔާރުގެ ތެރެއިން ކަމެއް ކުރެވުނަސް އެކަން އެމީހަކު ބޭނުންވާ ގޮތަށް ކާމިޔާބުކުރުމުގެ ބާރު އެއްވެސް މީހަކަށް ލިބިގެންނުވާ ކަމެވެ. ވީމާ އެއްވެސް ކަމެއްގައި ގަދަބަސްނުބުނާށެވެ. ޚާއްޞަކޮށް ކުފުރުގެ ބަސްތައް ނުބުނާށެވެ! ކުފްރަކަސްވެދާނެ ބަހެއްވެސް ނުބުނާށެވެ! "މާތް ﷲ ގެ ވާގިފުޅާއިއެކު، އިން ޝާ ﷲ" ފަދަ ބަސްތަކާއި ލައިގެން ނޫނީ އެއްވެސް ކަމެއް ކުރަން ނުވަތަ އެއްވެސް ކަމެއް ކުރެވޭނެ ކަމަށް ނުބުނާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

ހަނދާންކޮށްލުން މުހިންމު ޙާދިސާއެއް!:  

އެކްއެކްސްއެކްސްޓެންޓްއެކްޝަންގެ ނަމުން މުޅި ދުނިޔެއަށް މަޝްހޫރުވެގެންދިއަ ލަވަކިޔުންތެރިޔާ ﷲ ތަޢާލާއަށް ގޮންޖެހިއެވެ. އޭނާއަށް މަޝްހޫރުކަން ލިބުނުވަރުން އޭނާގެ ޙައިޞިއްޔަތު އޭނާއަށް އޮޅި އެއް އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ އެންމެން އޭނާއަށް އަޅުކަންކުރަންފަށާނެކަމަށް އޭނާއަށް ބުންޏެވެ.  

ކުޑަދުވަސްކޮޅެއް ފަހުން ފަހުން އޭނާއަށް ބައަކު ޙަމަލާދިނެވެ. އޭނާގެ އަތުގައި އޮތް ގިނަ އަދަދެއްގެ ފައިސާތައް ހުރި ދަބަހެއް ފޭރިގަތެވެ. ޙަމަލާދިން މީހުން އޭނާގެ ގައަށް ބަޑިޖަހައި މަރާލިއެވެ. އެކަންކުރި މީހުން ހައްޔަރުކޮށް އަދަބުވެސް ދިނެވެ.  

މިހުންނަނީ ވިސްނައިލުން މުހިންމު ކަންކަމެވެ. ތިމާއަށް މަޝްހޫރުކަމެއް ލިބުނަސް ތަނަވަސްކަމެއް ލިބުނަސް އަދި ކިތަންމެ މަތީ މަޤާމެއް ލިބުނަސް ބަސްތައް ބުނަންވާނީ ވިސްނުންތެރިކަމާއިއެކުގައެވެ.  

ކުފުރުގެ ބަސްތަކާއި އެހެންވެސް ނުބައި ބަސްތައް ބުނުމުން ދުރުހެލިވާންވާނެއެވެ. ތިމާއަށް ނިޢުމަތްތައް ދެއްވެވި ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމުން ދުރުހެލިވެގެންނުވާނެއެވެ. ޝުކުރުވެރިވުން ގިނަކުރަންވާނެއެވެ.  

މިވާހަކަ ފާހަގަކޮށްލުމުގެ ބޭނުމަކީ ގިނަބައެއްގެ ރުހުމާއި ތާއީދު ލިބެން ފެށުމުން ތިމާއަށް ތިމާގެ ޙައިޞިއްޔަތު އޮޅި ދުލުން ނުބައި ބަސްތައް ނުވަތަ ބުނެގެން ނުވާނެ ބަސްތައް ބުނެވުން ގިނަވަމުން އަންނާތީ އެފަދަ މީހުންނަށް ނަޞޭޙަތެއްގެ ގޮތުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން