މިއީ ބައެއް މީހުންގެ ކިބައިން ކުރިމަތިވާ ސުވާލެކެވެ. މިސުވާލަށް ދޭންޖެހޭ ފުރަތަމަ ޖަވާބަކީ އަހުރެމެން ދުނިޔެއަށް ފޮނުއްވަވާފައި މިތިބީ އަހުރެމެން ބޭނުންވާހައި ގޮތަކަށް އުޅެން ނޫންކަމެވެ. ﷲ ތަޢާލާގެ އަޅުންގެ ގޮތުގައި ކަމެވެ. ވީމާ ކުރަންޖެހޭނެ ފުރަތަމަކަމަކީވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅެން މަސައްކަތްކުރުމެވެ.
ދެން ބަލައިލަންވީ ތިބާކުރާހިތްވާ ކަންކަން އިސްލާމްދީނުގައި ޙަރާމްވެގެންވާ މައްސަލައަށެވެ. ވީމާ ވިސްނައިލަންޖެހޭނެ ކަންކަން މިކިޔައިދެނީއެވެ.
މުސްލިމަކާއި ކާފިރަކާއި ދެކެވުނު ވާހަކައެއްގައި ކާފިރު މީހާ ބުންޏެވެ. "އަހުރެންނަށް އިސްލާމް ދީނާއި ނުރުހެވިގެން މިއުޅެނީ އިސްލާމް ދީނުގައި މަނާ (ޙަރާމް) ކަންކަންގިނަކަމުންނެވެ."
ޖަވާބުގައި މުސްލިމް މީހާ ބުންޏެވެ. "ދަރިން ދެކެ ލޯބިވާ މައިންބަފައިން ވަރަށް ގިނަ ކަންކަން ދަރިންނަށް މަނާކުރެއެވެ. އެހެންވެއްޖިއްޔާ އެވީ މައިންބަފައިންނާއި ދެކޮޅުވާންހެއްޔެވެ؟ އެއީ މައިންބަފައިން ނޫންކަމަށް ނިންމަންހެއްޔެވެ؟ އެމީހުންނަކީ ތިމާދެކެ ލޯބިނުވާ މީހަކު ކަމަށް ބުނަންހެއްޔެވެ؟"
ކާފިރު މީހާ ބުންޏެވެ. "ތިއަ ދައްކަނީ ކޮންވާހަކައެއް ހެއްޔެވެ؟ ތިއަ ވާހަކަ އާއި އަހުރެން މިބުނި ބަހާއި އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟"
މުސްލިމް މީހާ ބުންޏެވެ. "ވިސްނާށެވެ! ދަރިން ދެކެ ލޯބިވާ މައިންބަފައިންނަމަ ދަރިންނަށް ގެއްލުން ލިބޭނެ ކަންކަން ކުރުން ދަރިންނަށް މަނާކުރާނެއެވެ. އެއީ އެކަންކަން ކުރުމުން ދަރިންނަށް ގެއްލުންވާނެތީ އެކަމުން ސަލާމަތްކުރުމަށެވެ. ވީމާ މަނާއެކުރަނީ ދަރިންދެކެ ލޯބިވާތީއެވެ. ދަރިންދެކެ ލޯބިނުވާ މައިންބަފައިން އެއްވެސް ކަމެއް ަމނައެއް ނުކުރާނެއެވެ. ކޮންމެ ކަމެއް ކުރިނަމަވެސް އަޅައެއް ނުލާނެއެވެ."
އަދިވެސް ބުންޏެވެ. "އިސްލާމް ދީނުގައި މަނާކުރައްވަވާފައިވާ ކަންކަމުގެ ތެރެއިން އެކަމެއް ކުރުމުން ޙަޤީޤީ ފައިދާއެއް އެއްވެސް މީހަކަށް ކުރާނެ އެންމެ ކަމެއްވެސް ނިކަން ބުނެބަލާށެވެ. އަދި އެކަމެއް ކުރުމުން އެމީހަކަށް ގެއްލުން ނުލިބޭނެ އެއްވެސް ކަމެއް ނިކަން ބުނެބަލާށެވެ."
އެހެން ބުނެފައި އިސްލާމް ދީނުގައި ޙަރާމްވެގެންވާ ކަންކަމާއި އެކަންކަން ޙަރާމް ކުރެއްވެވި ސަބަބުތައް އެމީހާއަށް ކިޔައިދިނުމުން ވިސްނާލާފައި އެމީހާ ބުންޏެވެ. "ޖަވާބުގައި ދޭނެ ރައްދެއް މިވަޤުތަކު ނެތެވެ. ނުވިސްނެއެވެ. ނަމަވެސް ފަހުން ބުނާނަމެވެ."
އެއިގެ ހަފްތާއެއްހައި ދުވަސްފަހުން ދެމީހުން ބައްދަލުވުމުން އެމީހާ ބުންޏެވެ. "އެކުވެރިޔާ ދެއްކި ވާހަކަތަކަށް ވަރަށް ބޮޑަށް ވިސްނައިފީމެވެ. އެނގުނީ ﷲ އަހުރެމެން އެންމެން ދެކެ ލޯބިވެވޮޑިގަންނަވާ މިންވަރެވެ. އެހެންވެ އަހުރެން އިއްޔެ އިސްލާމްވެއްޖައީމެވެ. މިހާރު އަހުރެންނަކީ އެކުވެރިޔާ ފަދަ މުސްލިމެކެވެ. އަހުރެންނަށް ހިތްވަރުދޭށެވެ."
މިވާހަކަ މިކިޔައިދިނީ ސުވާލެއް އުފައްދަންވެގެންނެވެ. އިސްލާމް ދީނުގައި ކަންތައްތަކެއް ޙަޜާމްވެގެންވަނީ އަހުރެމެންގެ ފައިދާއަށްކަން އަހުރެމެންނަށް އެނގޭއިރު، އެކަން ޤަބޫލުކުރަމުންވެސް އެކަންކަން ކުރަނީ ކީއްވެގެން ހެއްޔެވެ؟ ހަމަ ވިސްނައިނުލެވެނީހެއްޔެވެ؟ ނޫނީ ޝައިޠޯނާ ތިބާގެ ހިތަށް ބާރުފޯރުވާވަރު ބޮޑީހެއްޔެވެ؟
އުންމީދުކުރަނީ ކޮންމެ މީހަކުވެސް ވިސްނައިލުމަށްފަހު އަމިއްލަ ނަފްސަށް ޖަވާބުދޭނެ ކަމަށެވެ. ޙަރާމްކަންކަން ކުރުން ހުއްޓައިލާނެކަމަށެވެ. ޢާމީން
- އިސްލާމީ ތިލަފަތުގެ ދަރުސަކުން