އެސްއީޒެޑް ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
އެސްއީޒެޑް ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ. މި ބިލުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް، އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށައެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު 2014 ވަނަ އަހަރު އުފެދުނު ފަހުން، މިއީ އެ ޤާނޫނަށް ހުށައަޅާފައިވާ ފުރަތަމަ އިސްލާހުކަން ފާހަގަކޮށްލެވެއެވެ.

މި ބިލު ދިރާސާކުރެއްވުމަށްފަހު، މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ބިލަށް އެއް އިސްލާހު ހުށައަޅައި ފާސްކޮށްފައެވެ. މި އިސްލާހުގެ ސަބަބުން، ޒޯނުތަކުގައި ހިންގާ ބައެއް ވިޔަފާރި މުޢާމަލާތްތަކުން ދައުލަތަށް ޓެކްސް ލިބޭނެ އުޞޫލުތައް ކަނޑައެޅިގެންދާނެއެވެ.

ކޮމިޓީން ފާސްކުރި މުހިންމު އިސްލާހަކީ، ބިލުގެ 4 ވަނަ މާއްދާގެ 22 ވަނަ މާއްދާގެ ހ. ގައި ބަދަލު ގެނައުމެވެ. މި އިސްލާހުގެ ދަށުން، ޒޯނެއްގައި ހިމެނޭ ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއްގެ ވިލާއެއް ނުވަތަ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމުގެ މުޢާމަލާތަކާ ގުޅިގެން، ވިއްކާލާ ޖުމްލަ އަގުގެ 4 އިންސައްތައިގެ ރޭޓުން ޕްރޮޕަރޓީ ޓްރާންސްފަރ ޓެކުހެއްގެ ގޮތުގައި ދައުލަތަށް ޓެކުހެއް ނެގޭނެ ގޮތަށް ވަނީ ބަދަލުކުރެވިފައެވެ.

މި އިސްލާހު ކޮމިޓީއަށް ހުށައެޅުއްވީ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާއެވެ. އަދި މި އިސްލާހަށް ތާޢީދުކުރެއްވީ ވިލިމާލޭ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢިލްއެވެ. މި ބިލު މިހާރު ކޮމިޓީން ފާސްކޮށްފައިވާއިރު، މިއީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް އަމާޒުކޮށް، ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ.

މިއަދު އޮންލައިން