މަސައްކަތުގެ މާޙައުލުގައި މަސައްކަތްތެރީންގެ ސަލާމަތަށް އިސްކަން ދެއްވުމަށް ރައީސް އިލްތިމާސްކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
މަސައްކަތުގެ މާޙައުލުގައި މަސައްކަތްތެރީންގެ ސަލާމަތަށް އިސްކަން ދެއްވުމަށް ރައީސް އިލްތިމާސްކުރައްވައިފި

މަސައްކަތުގެ މާޙައުލުގައި މަސައްކަތްތެރީންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އިލްތިމާސްކުރައްވައިފިއެވެ. ރައީސް މި އިލްތިމާސްކުރެއްވީ، މާލޭ ވިޔަފާރި ބަނދަރު ސަރަޙައްދުގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި ދެމީހަކު ނިޔާވުމާ ގުޅިގެންނެވެ.

މިދިޔަ އާދީއްތަ ދުވަހު، އެމްޕީއެލް ބަނދަރު ސަރަޙައްދު ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި މީހުންނަށް ތަޢުޒިޔާ ވިދާޅުވެ، ރައީސް މުޢިއްޒު ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، މި ހާދިސާގައި އެމްޕީއެލްގައި ވަޒީފާ އަދާކުރަމުން ދިޔަ ދިވެހި ޒުވާނަކާއި ބަންގްލާދޭޝްގެ ޒުވާނަކު ނިޔާވުމަކީ ހިތާމަވެރި ކަމެއް ކަމަށެވެ.

ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، "މާލެ ވިޔަފާރި ބަނދަރު ސަރަޙައްދުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހިތާމަވެރި ޙާދިސާގައި އެމްޕީއެލްގައި ވަޒީފާ އަދާކުރަމުން ދިޔަ ދިވެހި ޒުވާނަކާއި ބަންގްލާދޭޝްގެ ޒުވާނަކު ނިޔާވުމާއި ގުޅިގެން، އެ ކުންފުނީގެ ވެރީންނަށާއި މުވައްޒަފުންނަށް އަދި ދެ މަރުޙޫމުންގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން."

އެމަނިކުފާނު ވަނީ ނިޔާވި ދެ މަރުޙޫމުން ކަމަށްވާ ޢަލީ އަފްލާޙް ޢަބްދުﷲ އަށާއި، މަސްޢޫދު ޙުސައިން އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމަށް އެދި ދުޢާކުރައްވާފައެވެ. އަދި މި ހާދިސާގައި އަނިޔާވި އެހެން ހުރިހާ ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށް ވެސް އެދިވަޑައިގެންފައިވެއެވެ.

ރައީސް މުޢިއްޒު ވަނީ މަސައްކަތުގެ ސަލާމަތީ ކަންކަމަށް އިސްކަން ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު އިލްތިމާސްކުރެއްވީ، "މަސައްކަތުގެ މިފަދަ ކޮންމެ މާޙައުލެއްގައިވެސް، މަސައްކަތްތެރީންގެ ސަލާމަތަށް އިސްކަން ދެއްވުމަށް އިލްތިމާސްކޮށް، މާތްﷲގެ ޙަޟްރަތުން ރައްކާތެރިކަން ދެއްވުން އެދި ދުޢާކުރަން."

މިއަދު އޮންލައިން