ރާއްޖޭގައި ބާއްވާ "ވަރަ އެކްސްޕޯ" ގެ ތެރެއިން ސައުދީ އަރަބިއްޔާގައި ދިވެހިންނަށް ހުރި ފުރުސަތުތަކާއި ގުޅޭ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީ ވިދާޅުވެއްޖެއެވެ.
މި އެކްސްޕޯއަކީ ދިވެހި ޒުވާނުން ބާރުވެރިކުރުވުމަށާއި، ވަޒީފާގެ ބާޒާރަށް ތައްޔާރުކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.
އެކްސްޕޯއާ ގުޅޭގޮތުން ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި ސައުދީ ސަފީރު ވިދާޅުވީ، "ވަރަ" އެކްސްޕޯއަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ޤައުމީ ވަޒީފާގެ ބާޒާރުގައި ދިވެހިން އިތުރުކޮށް، ވަޒީފާ އަދާކުރާ މީހުން އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ޤާބިލްކަން ހޯދައިދިނުމަށް އަމާޒުކޮށްގެން، މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ އެކްސްޕޯއެކެވެ. މީގެ އިތުރުން ޑިޖިޓަލް އައު ގޮތްތައް މެދުވެރިކޮށް ޒުވާނުން ބާރުވެރިކުރުވުމަށްވެސް މި އެކްސްޕޯއިން މަގުފަހިވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީ ވަނީ ވަރަ އެކްސްޕޯއަށް ޒިޔާރަތްކުރުމަށް ހުރިހައި ދިވެހިންނަށް ދައުވަތު އަރުވާފައެވެ. އޭނާ ވިދާޅުވީ ސައުދީގައި ހުރި ފުރުސަތުތަކާއި ގުޅޭ މައުލޫމާތު މި އެކްސްޕޯގެ ތެރެއިން ލިބިގެންދާނެ ކަމަށެވެ. "އޭގެތެރޭގައި ތައުލީމާ، ސްކޮލަރޝިޕްގެ ފުރުސަތުތަކާއި، ފަތުރުވެރިކަމާއި، އިނޮވޭޝަންގެ ފުރުސަތުތަކުގެ މައުލޫމާތު މި އެކްސްޕޯގެ ތެރެއިން ލިބިގެންދާނެ" ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ސައުދީ އަރަބިއްޔާގެ ސްޓޭންޑުން ލިބިގެންދާނެ މައުލޫމާތުތަކުގެ ތެރޭގައި "ވިޒިޓް ސައުދީ ޕްރޮގްރާމް" ގެ ފީތަކާއި މައުލޫމާތު ހިމެނެއެވެ. އަދި ހަމައެހެންމެ މައްކާ ރޯޑް އިނިޝިއޭޓިވްއާ ގުޅޭ މުހިންމު މައުލޫމާތުތައްވެސް ވަރަ އެކްސްޕޯގައި ހުންނަ ސައުދީ އަރަބިއްޔާގެ ސްޓޭންޑުން ލިބިގެންދާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.
މި މުހިންމު އެކްސްޕޯ އޮންނާނީ މިމަހުގެ 6 އިން 8 އަށް މާލޭ ސެންޓްރަލް ޕާކުގައެވެ.
ސައުދީ އަރަބިއްޔާގެ ފަރާތުން ދިވެހިންނަށް ހުޅުވާލެވިފައިވާ ތަފާތު ދާއިރާތަކުގެ ފުރުސަތުތަކުގެ މައުލޫމާތު އެއްތަނަކުން ހޯދުމުގެ ފުރުސަތު މި އެކްސްޕޯގެ ސަބަބުން ލިބިގެންދާނެއެވެ.