މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި ދެ ސިނގިރޭޓް ކޮންޓެއިނަރު ވައްކަން ކުރުމުގެ މައްސަލައާ ގުޅިގެން 19 މީހުން ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް، ތިލަފުއްޓާއި ހުޅުމާލޭގެ 21 ތަނަކާއި ފަސް އުޅަނދު ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން މިރޭ ހާމަކޮށްފިއެވެ. މި މައްސަލައިގައި މިހާތަނަށް ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ފުލުހުންގެ ބަޔާނުގައިވާ ގޮތުން މި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ހަތް މީހެއްގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި މި މައްސަލައިގައި ހައްޔަރުކުރި ސާމިހު އާއި ޝަހީމް 16 ދުވަހަށް ބަންދު ކުރުމަށް ކޯޓުން މިދިޔަ ހޮނިހިރު ދުވަހު ވަނީ އަމުރުކޮށްފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ވައްކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނާއި، ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި، ކޮންޓެއިނަރު ވަގަށް ގެންދިއުމުގައި ބޭނުން ކުރި ދޯނި އެވަގުތު ދުއްވަން އިން ކެޕްޓަނާއި، އެކި ގޮތް ގޮތުން މި ވައްކަމުގައި ބައިވެރިވި މީހުން ހިމެނެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އެމްޕީއެލްގެ މުވައްޒަފުން ކަމަށްވާ ޝަހީމް، ފިރުޝާން އަދި ސާމިހް ހިމެނެއެވެ. އަދި ހުޅުމާލެ ޕޯޓުގައި މަސައްކަތްކުރާ ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރާއި، ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓެއް ކަމަށްވާ މުއާޒް ވެސް ހިމެނެއެވެ. ސިނގިރޭޓް ދެ ކޮންޓެއިނާ އުފުލި ދޯނީގެ ކެޕްޓަނަކީ އާދަމް ވަހީދެވެ. މީގެ އިތުރުން މި އެންމެންނަށް އެހީތެރިވި ކަމަށް ތުހުމަތު ކުރެވޭ އަބްދުއްރަހްމާން ވެސް ވަނީ ހައްޔަރުކޮށްފައެވެ.
މި ވައްކަމަށް ފަންޑުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ފުލުހުން ހާމަކުރި ގޮތުގައި ސިނގިރޭޓު ހުރި ދެ ކޮންޓެއިނަރު ވަގަށް ނެގީ، އެއާ އެއްގޮތް ދެ ކޮންޓެއިނަރު ތައްޔާރުކޮށް، އެމްޕީއެލް ޓާމިނަލްގައި ބަހައްޓާފައި ހުރި ސިނގިރޭޓް ކޮންޓެއިނަރު ވަގަށް ނެރެ، އޭގެ ބަދަލުގައި އެއާ އެއްގޮތަށް ތައްޔާރުކުރި ދެ ކޮންޓެއިނަރު ދޯންޏެއްގައި ޓާމިނަލަށް ގެންގޮސް ބެހެއްޓުމަށް ފަހުގައެވެ.
މި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ތަފްސީލު ތިރީގައި މިވަނީއެވެ:
- މުހައްމަދު ވަހީދު، ދިގަލި، ބ. އޭދަފުށި (65އ)
- އަހުމަދު އާރިފް، މއ. އެވަރގްލޯރީ، ކ. މާލެ (61އ)
- ޒިވާރު އިސްމާއިލް، މެދުރީގެ، ހދ. ވައިކަރަދޫ (40އ)
- މުއާޒް އަލީ، ހ. ނިއުހެޕިނަސް، ކ. މާލެ (48އ)
- އަހުމަދު ޝަހީމް، ނޫރަލީގެ، ހދ. ވައިކަރަދޫ (42އ)
- އަހުމަދު ފިރުސާން، ހ. ރުމޭނިއާ، ކ. މާލެ (35އ)
- ހުސައިން ސާމިހް، ޗާންދަނީގޭ، އައްޑޫ ހިތަދޫ (35އ)
- ހަސަން އަބްދުއްރަހްމާން، ލިންކް، ކ. ތުލުސްދޫ (52އ)
- އާދަމް ވަހީދު، ކެނެރީގެ، ނ. މިލަދޫ (54އ)