ފުވައްމުލައް ސިޓީގައި ފުލުހުންގެ އެކޮމަޑޭޝަން ބްލޮކެއް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ފުވައްމުލައް ސިޓީގައި ފުލުހުންގެ އެކޮމަޑޭޝަން ބްލޮކެއް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ޏ. ފުވައްމުލައް ސިޓީގައި ފުލުހުންގެ އެކޮމަޑޭޝަން ބްލޮކެއް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ސިޓީޒް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސް، އޮނަރަބަލް އާދަމް ޝަރީފް އުމަރެވެ.

މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި، ފުވައްމުލަކު ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫޢުގެ ދަށުން، 11,946 އަކަފޫޓުގެ ސަރަހައްދެއްގައި 3 ފަންގިފިލާގެ އިމާރާތެއް ބިނާ ކުރާނެއެވެ. މިއިން ކޮންމެ ފަންގިފިލައެއްގައި 3982 އަކަފޫޓު ހުންނާނެއެވެ.

މި މަޝްރޫޢަކީ 19.17 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. 14000 މީހުންގެ އާބާދީއެއް ދިރިއުޅޭ ފުވައްމުލައް ސިޓީގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކެއް ޤާއިމުކުރެވިގެން ދިއުމަކީ، ރަށުގައި ކުށް މަދުކޮށް ރަށުގެ އިޖުތިމާޢީ ތަރައްޤީއާއި އަމަންއަމާންކަން ޤާއިމުކުރުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތަށް އިތުރު ހިތްވަރަކާއި ބާރެއް ލިބިގެންދާނޭ ކަމެއްކަމަށް އެމްޓީސީސީން ދެކެއެވެ.

އެމްޓީސީސީން ބުނެފައިވާ ގޮތުގައި، ވޭތުވެދިޔަ 44 އަހަރުތެރޭ މި ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

މިއަދު އޮންލައިން