ސަރުކާރުގެ ޕޭ ފްރޭމްވޯކަށް ގެނެވުނު އިސްލާހުތަކާ ގުޅިގެން 20 ހާސް މުވައްޒަފުންގެ މުސާރަ ބޮޑުކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިކަން ރައީސް ހާމަކުރެއްވީ ފުވައްމުލަކު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި އިސްލާހުގެ ދަށުން މުސާރަ ބޮޑުކުރެވުނު މުވައްޒަފުންގެ ތެރޭގައި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނާއި، ސިވިލް ސަރވިސް އަދި ޖުޑީޝަރީގެ މުވައްޒަފުން ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ.
ޕޭ ފްރޭމްވޯކަށް ގެނައި ބަދަލުތަކުގެ މައިގަނޑު މަޤްސަދަކީ މުވައްޒަފުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. މުސާރައަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން މުވައްޒަފުންގެ އާމްދަނީ އިތުރުވެގެންދާނެ ކަމަށާއި، އެކަމުގެ ސަބަބުން ފަހަށް ރައްކާކުރެވޭ މިންވަރު އިތުރުކުރުންވެސް އަމާޒަކަށްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، "މުސާރައަށް ގެނެވުނު ބަދަލަކާއެކު މުވައްޒަފުންގެ އާމްދަނީ އިތުރުވެގެންދާނެ. އޭގެ ސަބަބުން ދިރިއުޅުމުގެ ފެންވަރު މަތިވުމުގެ އިތުރަށް ފަހަށް ރައްކާކުރަން ލިބޭ އެއްޗެއް އިތުރުކުރުން މަޤްސަދަކީ" އެވެ.
މުސާރައަށް ގެނައި މި ބަދަލުގެ ސަބަބުން ހުރިހާ މުވައްޒަފުންގެ އަސާސީ މުސާރައަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން، އެންމެ ކުޑަކޮށް މުސާރަ ކަނޑައެޅިފައިވާ މުވައްޒަފުންނަށްވެސް މަދުވެގެން 7000 ރުފިޔާގެ އަސާސީ މުސާރައެއް ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
އަސާސީ މުސާރައަށް ގެނައި ބަދަލާއެކު މުވައްޒަފުންގެ ޕެންޝަން ފަންޑަށް ޖަމާވާ މިންވަރު އިތުރުވެ، ރިޓަޔާކުރާއިރު ލިބޭ މިންވަރުވެސް ބޮޑުވާނެކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޕެންޝަން ފަންޑުން މުވައްޒަފުންނަށް ލިބޭ ފައިދާތައް އިތުރުކުރުމަށްޓަކައި ޤާނޫނަށް އިސްލާހުތައް ގެންނެވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ޕޭ ފްރޭމްވޯކަށް އަދި ހިޖުރަ ނުކުރާ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރެވޭނެކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ.
މުވައްޒަފުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އޮތް އިތުރުގަޑީގެ (އޯވަރޓައިމް) 10 އިންސައްތައިގެ ލިމިޓް ހަމަވުމުގެ މައްސަލައަށްވެސް ޕޭ ފްރޭމްވޯކަށް ގެނައި އިސްލާހާއެކު ހައްލެއް ލިބިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން މުވައްޒަފުންގެ ޝަކުވާތަކަށް ބޮޑު ހައްލެއް ލިބިގެން ގޮސްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.