ފުވައްމުލައް ސިޓީގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ޤާއިމު ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 5ސ
ފުވައްމުލައް ސިޓީގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ޤާއިމު ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އިތުރު ކުރިއެރުމެއް ގެނައުމުގެ ގޮތުން، ފުވައްމުލައް ސިޓީގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތެއްގައެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އޮނަރަބަލް އިބްރާހިމް ވަހީދެވެ.

މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، އަދި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި ފުވައްމުލަކު ސިޓީ ކައުންސިލް މެންބަރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ ފުވައްމުލަކުގެ ތަޢުލީމީ އަދި ސަގާފީ ދާއިރާއަށް ލިބިގެންދާނެ މުހިންމު ކުރިއެރުމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

މި މަޝްރޫޢަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ. 15.18 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން 11,250 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ ޒަމާނީ އިމާރާތެއް ބިނާކުރެވޭނެއެވެ. މިއިން ކޮންމެ ފަންގިފިލައެއްގައި 5625 އަކަފޫޓު ހުންނާނެއެވެ. އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަސައްކަތް ނިންމުމަށް 390 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

14,000 މީހުންގެ އާބާދީއެއް ދިރިއުޅޭ ފުވައްމުލައް ސިޓީގައި މިފަދަ ލައިބްރަރީއެއް ޤާއިމުވެގެން ދިއުމަކީ އެ ސިޓީގެ ރައްޔިތުންގެ މަޢުލޫމާތު މުއްސަނދިވެ، ހޭލުންތެރިކަން އިތުރުވުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމެއް ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ. ފުވައްމުލަކަކީ ޢިލްމީ ދަރިންތަކެއް އުފަންކުރި ރަށެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، މި ލައިބްރަރީގެ ސަބަބުން އިލްމީ ގޮތުން އިތުރު ކުރިއެރުންތަކެއް އަންނާނެ ކަމަށް ވެސް އެ ކުންފުނިން ދެކެއެވެ.

އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދުނު ފަހުން ވޭތުވެދިޔަ 44 އަހަރުތެރޭ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކުންފުންޏެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައިވާ އެމްޓީސީސީން، ސަރުކާރުގެ މިފަދަ އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންދެއެވެ.

މިއަދު އޮންލައިން