ފުވައްމުލަކު ސްކޫލުގައި ހަތަރު ފަންގިފިލާގެ 16 ކްލާސްރޫމްގެ އިމާރާތެއް ބިނާކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 5ސ
ފުވައްމުލަކު ސްކޫލުގައި ހަތަރު ފަންގިފިލާގެ 16 ކްލާސްރޫމްގެ އިމާރާތެއް ބިނާކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ފުވައްމުލައް ސިޓީގެ ފުވައްމުލަކު ސްކޫލުގައި ހަތަރު ފަންގިފިލާގެ 16 ކްލާސްރޫމްގެ އިމާރާތެއް ބިނާކުރުމުގެ މުހިންމު މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުލް ލަތީފް މުޙައްމަދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ފުވައްމުލައް ސިޓީ ކައުންސިލްގެ މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން، 16,272 އަކަފޫޓުގެ ސަރަހައްދެއްގައި ހަތަރު ފަންގިފިލާގެ އިމާރާތެއް ބިނާކުރެވޭނެއެވެ. ކޮންމެ ފަންގިފިލާއެއްގައި 4068 އަކަފޫޓު ހުންނާނެއެވެ. މި އައު އިމާރާތުގައި ޖުމްލަ 16 ކްލާސް ރޫމް ހިމެނެއެވެ. މި މަޝްރޫޢަކީ 19.79 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށާއި، މަސައްކަތް ނިންމުމަށް 360 ދުވަހުގެ މުއްދަތެއް އެމްޓީސީސީއަށް ވަނީ ދީފައެވެ.

14000 މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލައް ސިޓީއަކީ ތަޢުލީމަށް އިސްކަންދޭ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ފުވައްމުލަކު ސްކޫލުގެ ޖާގަ ބޮޑުވެ، މިހާރަށްވުރެ ގިނަ ދަރިވަރުންނަށް ތަޢުލީމު އުނގެނުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. މިއީ ރަށުގައި ތިބެގެން ތަޢުލީމީ ފުރުޞަތުތައް ހޯދޭނެ އިތުރު މަގެއް ފަހިވެގެންދާނޭ ކަމެކެވެ. އަދި ތަޢުލީމީ ޖީލެއް ބިނާކުރުމަށް ރަށު ރައްޔިތުން ކުރަމުން އަންނަ މަސައްކަތަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

އެމްޓީސީސީއަކީ ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައިވާ ކުންފުންޏެކެވެ. 1980 ވަނަ އަހަރު އުފެދުނު މި ކުންފުނިން ވަނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައާއި، ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މި މަޝްރޫޢާއެކު، އެމްޓީސީސީން ދަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.

މިއަދު އޮންލައިން