ޏ. ފުވައްމުލައް ސިޓީގައި ސްކޭޓް ޕާކެއް ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީ (މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ) އާ މިއަދު ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ޒުވާނުންނަށް ކުޅިވަރުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮނަރަބަލް ޢަބްދުالله ރާފިޢުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ފުވައްމުލަކު ސިޓީ ކައުންސިލްގެ މެންބަރުންގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން، 8,000 އަކަފޫޓުގެ ސަރަހައްދެއްގައި ސްކޭޓް ޕާކެއް ތަރައްޤީ ކުރާނެއެވެ. މި މަޝްރޫޢަކީ 1.39 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އެމްޓީސީސީއާ ހަވާލުކޮށްފައިވާ ގޮތުން، މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 150 ދުވަހެވެ.
14,000 މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލައް ސިޓީގައި މި ސްކޭޓް ޕާކް ތަރައްޤީވުމަކީ ރަށުގެ ޒުވާނުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ލިބޭނެ ފަހި ފުރުޞަތެކެވެ. މީގެ ސަބަބުން ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާވެ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދުނު ކުންފުންޏެކެވެ. ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ. ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި، ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން އަދާކުރަމުންދަނީ މުހިންމު ދައުރެކެވެ.