ޢިއްފަތެރިކަމުގަ ތިބޭ ދަރިންނަށް ކައިވެނިކުރަން މަޖުބޫރުކުރުމެއް ނެތް! އެއީ ސުންނަތުން ޘާބިތުވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ޢިއްފަތެރިކަމުގަ ތިބޭ ދަރިންނަށް ކައިވެނިކުރަން މަޖުބޫރުކުރުމެއް ނެތް! އެއީ ސުންނަތުން ޘާބިތުވާ ކަމެއް!

ޢިއްފަތްތެރިކަމުގައި ތިބޭ ދަރިންގެ ނުރުހުމުގައި ގަދަކަމުން ކައިވެނިކުރުވާ ކަމުގެ ޝަކުވާތައް ލިބެއެވެ. އެއީ މުސްލިމުންނަށް އެކަން ކުރުން ހުއްދަ ގޮތް ނޫންކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުނިޔޭގައި އުޅުއްވެވި ޒަމާނަކީ އަންހެން ދަރިން ބޮޑުވުމުން އެދަރިންގެ މައިންބަފައިން ބޭނުންވާ މީހަކާއި ކައިވެނިކުރުވުމުގެ ޘަޤާފަތް އޮތް ޒަމާނެކެވެ. ކައިވެނިކުރުވަންވީ މީހާވެސް އަދި ކައިވެނި ވެނިކުރުވަންވުމުންވެސް އެނގޭނީ މައިން ބަފައިންނަށެވެ. 

ޞަޙާބީ ބޭކަލަކަށް ކުރިމަތިވެވަޑައިގެންނެވި ކަމަކީ އެބޭކަލެއްގެ ދަރިކަނބަލުންގެ ޢުމުރުފުޅުން ދުވަސްވެގެންދިއައިރުވެސް ކައިވެނިފުޅު ކުރައްވަން ދެކޮޅު ހެއްދެވުމެވެ. އެކަމުގެ ޝަކުވާ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިއަހަށް ހުށަހެޅުމުން ޙަދީޘްފުޅު ކުރެއްވެވީ ދަރިފުޅު އިތުރުއެކަލޭގެފާނުގެ އަރިއަހަށް ގެނެސްދެއްވުމަށެވެ. އެއީ އެކަނބުލޭގެ އާއި ވާހަކަފުޅު ދައްކަވާލައްވައި ކައިވެނިކުރައްވަން ދެކޮޅު ހައްދަވާ ސަބަބު އޮޅުންފިލުއްވަވަން ވެގެންނެވެ. 

އެކަނބުލޭގެ ގެނެވެމުން ކައިވެނި ނުކުރާ ސަބަބާއިމެދު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވާލުކުރެއްވެވުމުން އެކަނބުލޭގެ ދެންނެވިއެވެ. "ކައިވެނި ކޮށްގެން ފިރިމީހާއަށް އަދާކޮށްދޭންޖެހޭނެ ކަންކަމެއް ނުވަތަ ﷲ ތަޢާލާ ލައްވަވާފައިވާ ޙައްޤުތަކެއް ނުއެނގެއެވެ. (މާނައަކީ ކައިވެނިކުރުމަށްފަހު ފިރިމީހާޢަށް އަދާކޮށްދިނުން އަނބިމީހާގެ މައްޗަށް ﷲ ތަޢާލާ ވާޖިބުކުރައްވަވާ ކަންކަމެއް ނުއެނގެއެވެ.) 

އެހިނދު އެކަންކަން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަނބުލޭގެއަށް ބަޔާންކުރައްވަވައި ދެއްވެވުމުން އެކަނބުލޭގެ ދެންނެވިއެވެ. "އަޅުގަނޑު އަދި ތިއަކަންކަމަކަށް (ކައިވެންޏަކަށް) ތައްޔާރެއް ނޫނެވެ. އަޅުގަނޑު ޖެހޭނީ ވިސްނައިލާށެވެ.." 

އެކަނބުލޭގެ އެމޭރުމުން ދެންނެވުމުން ބައްޕައަށް ޙަދީޘްފުޅު ކުރެއްވެވީ ދަރިފުޅަށް މަޖުބޫރު ނުކުރުމަށާއި ވިސްނާނެ ވަޤުތު ދިނުމަށެވެ. ކައިވެންޏަށް މަޖުބޫރު ނުކުރުމަށެވެ. އޭނާއަށް ވަޤުތު ދިނުމަށެވެ." 

ވީމާ ދަރިން އެކަނބަލުން ކައިވެންޏަށް ތައްޔާރުނޫންކަމަށް ބުނަނިކޮށް ގަދަކަމުން ކައިވެނިކުރުވުމެއް ނެތެވެ. ކައިވެނިކުރުވަންވާނީ އެކަނބަލުންގެ ރުހުމުގައެވެ. 

މީގެ އިތުރުންވެސް އަދި އެއްކަމެއް ފާހަގަކޮށްލާނަމެވެ. އެކަނބުލޭގެ ކަންބޮޑުވީ އޭނާއަށް ފިރިމީހާގެ ފަރާތުން ލިބެންޖެހޭނެ ކަންކަމަކަށް ނޫނެވެ. އެކަނބުލޭގެ ކައިވެނިކުރުމަށްފަހު އޭނާގެ ފިރިމީހާއަށް ކޮށްދޭންޖެހޭނެ ކަންކަމާއިމެދުގައެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން