ބަލިތައް ފަސޭހައިން ދެނެގަނެވި ދެވޭ ފަރުވާގެ ފެންވަރު ދުވަހުން ދުވަހަށް މަތިކުރެވޭއިރުވެސް ދުވަހުން ދުވަހަށް ބަލިވެ ތަންމަތިވާ މީހުން ބޮޑުތަނުން ގިނަވަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ބަލިތައް ފަސޭހައިން ދެނެގަނެވި ދެވޭ ފަރުވާގެ ފެންވަރު ދުވަހުން ދުވަހަށް މަތިކުރެވޭއިރުވެސް ދުވަހުން ދުވަހަށް ބަލިވެ ތަންމަތިވާ މީހުން ބޮޑުތަނުން ގިނަވަނީ ކީއްވެ؟

ދުނިޔެ މިހައިތަނަށް ދެކެފައިވާ އެންމެ މަތީ ފެންވަރަށް ބޭސްވެރިކަން ކުރިއަރައި ހިނގައްޖެއެވެ. ފެންވަރު ރަނގަޅު ބޭސްތައް އުފެއްދިއްޖެއެވެ. ބަލިތަކުން ދިފާޢުކޮސްދޭ ވެކްސިންތަކެއް ތަޢާރަފް ކުރެވިއަންނަނީ ބޭނުންކުރަމުންނެވެ، ބައެއް ބަލިތައް ނައްތައިވެސް ލެވިއްޖެއެވެ. ނުވަތަ ބޮޑުތަނުން މަދުކުރެވިއްޖެއެވެ. ގިނަ ބަލިތައް ދެނެގަނެވޭނެ ގޮތްވެސް އެބަހުއްޓެއެވެ. ފަސޭހައިން ޓެސްޓްތައް ހެދެއެވެ.  

އެހެންކަމާއިއެކުވެސް މުޅިދުނިޔެއަށް ނިކަން ބަލައިބަލާށެވެ! ބަލިތައްވީ މަދުހެއްޔެވެ؟ ތަފާތު ބަލިތައް ޖެހިގެން ތިބި މީހުން މަދުވިހެއްޔެވެ؟ ނުރައްކައުތެރި ބޮޑެތި ބަލިތަކުގައި ފުރާނައަށް ނުރައްކައުވެފައި ތިބި މީހުން މަދުވިހެއްޔެވެ؟ އެހެންކަމަށްވާއިރު އުފެއްދުނު މޮޅު ބޭސްތަކާއި ބަލި ދެނެގަންނަން ތަޙްލީލް ކުރުމުގައާއި އޮޕަރޭޝަންތައް ކުރުމުގައި ކުރިއަރައިދިއަކަމުން މިކުރީ ކޮންފައިދާއެއް ހެއްޔެވެ؟  

މިވީގޮތަކީ ﷲ ތަޢާލާ ދެއްވަވާ އެންމެ ބޮޑު ދެ ނިޢުމަތަށް ފަރުވާކުޑަކޮށްލެވުނީއެވެ. އެއީ ލިބޭ ހުސްވަޤުތުތަކުގެ ބޭނުން ރަނގަޅުގޮތުގައި ހިފުމާއި ޞިއްހަތާއިމެދު ފަރުވާކުޑަކޮށްލެވުމެވެ.  

މިވީގޮތަކީ ހަރާމް ކުރެއްވެވިތަކެތި ކައިބޮއިހެދުން ގިނަވީއެވެ. ޙަރާމް ގޮތުގައި ތަކެތި ހޯދައިގެން ކައިބޮއިހެދުން ގިނަވީއެވެ. ދުވާލު މަސައްކަތްކޮށްފައި ރޭގަނޑު ނިދައި އަރާމުކުރަން އޮތް އޮތުން އެކޮޅުކޮޅުންޖެހީއެވެ. ހަމައެއާއިއެކު ބަނޑުހައި ނުވިޔަސް ކެއުން އާދަވީއެވެ.  

މިވީގޮތަކީ މަސްތުވުން ގިނަވީއެވެ. ފާޙިޝް ޢަމަލުތައްކުރުން ގިނަވީއެވެ. ލިބިދާނެ ޞިއްޙީ ގެއްލުމަކަށް ނުބަލައި ވަޤުތީ ހިތްހަމަޖެހުމަށް އިސްކަންދިނީއެވެ.   

މީސްތަކުންނޭވެ! ޞިއްހަތު ސަލާމަތުން ބަހައްޓަން ބޭނުންނަމަ މިކަންކަމަށް ސަމާލުކަންދޭށެވެ. ބަލިތަކުން ސަލާމަތްވެ ހުރެވޭނީ ﷲ ތަޢާލާ އެކަން މިންވަރުކުރެއްވެވުމުންނެވެ. ޝިފާލިބޭނީ ﷲ ތަޢާލާ ދެއްވެވުމުންނެވެ. އެއީ ހަމައެކަނި ބޭހަކުން ނުވަތަ ކުރާ ފަރުވާއަކުން ޙާޞިލްކުރެވެން އޮތްކަމެއް ނޫނެވެ.  

ރަނގަޅަށް ބަލާށެވެ! އެމީހެއްގެ ޢަމަލުތަކާއި ދިރިއުޅުމުގެ ކަންކަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ބަހައްޓާ މީހުން ޢާންމުގޮތެއްގައި ތިބޭނީ ބޮޑެތި ބަލިތަކުން ސަލާމަތްވެގެންނެވެ. އެމީހުންގެ އެތެރެރހަށީގެ ގުނަވަންތަކަށް ނުރައްކައުތެރި ބަލިތައް ޖެހުން މަދުވާނެއެވެ. ޚާއްޞަކޮށް ގައިންގައަށް އަރާ ނުރައްކައުތެރި ބަލިތައް ޖެހުން މަދުވާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން