ކައްވަޅުގައާ ނަރަކައިގެ ޢަޛާބުންނާ ދައްޖާލުގެ ފިތުނައިންނާ ދުނިޔޭގައި އުޅޭއިރުގައާ މަރުގެ ވަގުތުގަ ކުރިމަތިވާނެ މުޞީބާތްތަކުން ސަލާމަތްކޮށްދެއްވެވުން އެދި ކުރަން އޮތް ދުޢާ- ޙަދީޘުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ކައްވަޅުގައާ ނަރަކައިގެ ޢަޛާބުންނާ ދައްޖާލުގެ ފިތުނައިންނާ ދުނިޔޭގައި އުޅޭއިރުގައާ މަރުގެ ވަގުތުގަ ކުރިމަތިވާނެ މުޞީބާތްތަކުން ސަލާމަތްކޮށްދެއްވެވުން އެދި ކުރަން އޮތް ދުޢާ- ޙަދީޘުން

ރަސޫލް () ހުއްޓަވާ ނުލައްވަވައި 4 ކަމަކުން ސަލާމަތްކޮށްދެއްވެވުން އެދިވަޑައިގެން ދުޢާ ކުރައްވަވަމުން ގެންދެވި 4 ކަމެއްވެއެވެ. 

އެއީ ކައްވަޅުގެ ޢަޛާބުން ސަލާމަތްކޮށްދެއްވެވުމާއި ނަރަކައިގެ ޢަޛާބުން ސަލާމަތްކޮށްދެއްވެވުމާއި ފައުޅުވާނެ ދައްޖާލުގެ ފިތުނައިން ސަލާމަތްކޮށްދެއްވެވުމަށާއި ދުނިޔޭގައި އުޅޭއިރުގައާއި މަރުގެ ވަގުތުގައި ކުރިމަތިވާނެ މުޞީބާތްތަކުން ސަލާމަތްކޮށްދެއްވެވުން އެދިވަޑައިގެންނެވެ.  

ކުރެއްވެވި ދުޢާ:

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ،

وَمِنْ عَذَابِ جَهَنَّمَ،

وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ،

وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ 

ޞަޙީހް ބުޚާރީ: 2/102 ޞަޙީހް މުސްލިމް: 1/412 (ދުޢާގެ ޢިބާރާތް ނަގާފައި އެވަނީ ޞަޙީހް މުސްލިމުން) 

ކައްވަޅުގެ ޢަޛާބުން ސަލާމަތްކުރެއްވެވުން އެދި ކުރެވިދާނެ އެންމެ ފައިދާހުރި ކަމަކީ ގިނަގިނައިން ތައުބާވެ ފާފަފުއްސަވައި ދެއްވެވުމަށާއި ކައްވަޅުގެ ޢަޛާބުން ސަލާމަތްކޮށްދެއްވެވުން އެދި ގިނަގިނައިން ދުޢާކުރުމެވެ. ހަމަ އެއާއިއެކު ކައްވަޅުގެ ޢަޛާބު ލިބޭނެ އެންމެހައި ކަންކަމުން ދުރުހެލިވެ ހުރުމެވެ. 

ޔަހޫދީ އަންހެންކު ޢައިޝަތުގެފާނަށް ކައްވަޅުގެ ޢަޛާބާއި ބެހޭ ގޮތުން ދެންނެވި ދެންނެވުމަކާއި ގުޅިގެން ކައްވަޅުގައި ވެސް ޢަޛާބު ލިބޭނެ ކަމާއިމެދު ފިރިކަލުން ރަސޫލް () އަށް ދެންނެވި ސުވާލުގެ ޖަވާބުގައި ރަސޫލް () ޙަދީޘްފުޅު ކުރެއްވެވީ ކައްވަޅުގައި ޢަޛާބް ލިބޭނެ ކަމަށެވެ. އަދި އެއަށްފަހު ކައްވަޅުގެ ޢަޛާބުން ސަލާމަތްކޮށްދެއްވެވުން އެދިވަޑައިގެން ދުޢާ ނުކުރައްވަވާ އެންމެ ނަމާދެއް ރަސޫލް () ނުކުރައްވަވާކަމަށް ޢައިޝަތުގެފާނު ވަނީ ބަޔާންކުރައްވަވައިފައެވެ. 

ޔަހޫދީ އަންހެން މީހާ ޢައިޝަތުގެފާނަށް ދެންނެވީ ކައްވަޅުގެ ޢަޛާބުން އެކަމަނާ (ޢައިޝަތުގެފާނު) ސަލާމަތްކޮށްދެއްވެވުމަށް އެދޭ ކަމަށެވެ. 

ނަމާދުގެ ފަހު އައްތަޙިއްޔާތުގައި މިދުޢާ ކުރަމުއެވެ. އެއީ ހަމަ މި ދުޢާގެ މުހިންމުކަން ބޮޑުކަމުންނެވެ.

 

- ޝައިޚް އަބޫ އިބްރާޙީމް ޙުސްނައިނިގެ ދަރުސަކުން

މިއަދު އޮންލައިން